ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ލ. މާވަށް ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާ އާއި ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، އެބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ކުރަން، ރޭ އޮތް އެކޮމިޝަންގެ ބައްދަލުވުމުން ނިންމީ، ހައިކޯޓުގެ ފަނޑިޔާރުކަަށް ކުރިމަތިލުމަށް މިމަހު 10 ގައި ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު އެ ދެ ބޭފުޅުން ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާތީ ކަމަށެވެ.

ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމަވާފައިވާ، އަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އިރު، 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 23 އިން 2009ގެ ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ވަނަ އަހަރުގެ ފެބްރުވަރީ އެކަކުން 2019ގެ ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމު އޭނާ ވަނީ އަދާކުރައްވައިފައެވެ. ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމަށްފަހު އަބްދުﷲ ޖަމީލް މޫސާ ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވައިފައެވެ.

މުހައްމަދު ޝަހީދަކީ ހަނީ ވެލްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2018 ވަނަ އަހަރުގެ ޖުލައި 30 ވަނަ ދުވަހުން ފެށިގެން 2023ގެ ޑިސެންބަރު 23 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވައިފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން މުހައްމަދު ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.