އުމްރާއަށް މީހުން ގެންދިއުމަށް އަސްކޮއި ގުރޫޕަށް ދީފައިވާ ހުއްދަ ހިފަހައްޓައި، އެކުންފުންޏަށް އަދި އެކުންފުނީގެ ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް ގެންދިއުމުގެ ހުއްދަ ނުދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އުމްރާއަށް ގެންދިއުމަށް ފައިސާ އަތުލުމަށްފަހު އެގްރޫޕްގެ ވެރިން ރާއްޖެ ދޫކޮށް ފިލި މައްސަލައެއް މި މަހު ވެސް ވަނީ ފެންމަތިވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވި ބައެއް ޕޯސްޓުތަކުގައިވާ ގޮތުން އަސްކޮއި ހައްޖު-އުމްރާ މޯލްޑިވްސްގެ ވެރިން ވަނީ ގިނަ ބައެއްގެ އަތުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު، އެންމެފަހު ވަގުތު ނުދެވޭނެ ކަމަށް ބުނެ، ޕާސްޕޯޓާއި ފައިސާއާއެކު ރާއްޖެ ދޫކޮށް ފިލައިފައެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލަައިގައި އެގްރޫޕްގެ އިސްވެރިންނާ މުއާމަލާތް ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް ފޮނުވި ސިޓީއަށް ޖަވާބުދީފައި ނުވާ ކަމަށެވެ.
އެގްރޫޕުން އަމަލުކޮށްފައި ވަނީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް ކަމަށްވާތީ އެ ގްރޫޕާ މެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް:
- އެ ގްރޫޕަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
- އެ ގްރޫޕް ޖޫރިމަނާ ކުރުން؛ ޖޫރިމަނާ ކުރަނީ ކިހާވަރަކަށް ކަމެއް ހާމައެއް ނުކުރޭ
- އެ ގްރޫޕަށް އަދި ގްރޫޕުގެ ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް ގެންދަން ހުއްދަ ނުދިނުން
- މިއަހަރުގެ ޖުލައި މަހު އުމްރާއަށް ދިއުމަށް އެ ގްރޫޕަށް ފައިސާ ދެއްކި މީހުންނަށް ރިފަމްޑު ދިނުމަށް އެންގުން
- މައްސަލަ ތަހުގީގްކޮށް ފިޔަވަޅު އަޅަން ފުލުހަށް މައްސަލަ ހުށަހެޅުން
އިސްލާމިކް މިނިސްޓްރީން ބުނީ އެ ގްރޫޕާމެދު އަޅަން ނިންމާފައިވާ ފިޔަވަޅުތައް ފަސްޖެހުމެއް ނެތި އަޅާނެ ކަމަށެވެ.
އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފުވެގެން މިިދިޔަ މެއި މަހުވެސް އެގްރޫޕް 130،000 ރުފިޔާއިންވަނީ ޖޫރިމަނާ ކޮށްފައެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވެގެން 19 ކުންފުންޏަކަށް މި އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު ވަނީ ފިޔަވަޅު އަޅައިފައެވެ. މިނިސްޓަރު ޑރ. ޝަހީމް އެ ދުވަހު ވިދާޅުވެފައިވަނީ، އުސޫލާ ހިލާފުވެފައިވާ ކުޑަބޮޑުމިނަށް ބަލައި އެ ކުންފުނިތައް 5،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އުމްރާއަށް މީހުން ގެންދިއުމަށް އެ މިނިސްޓްރީން ދީފައިވާ ރަސްމީ ލައިސަންސް ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭއިން ޑޮލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާ ކަމަށްވެސް އެ ދުވަހު މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެހެންކަމުން އެ މައްސަލަ އިތުރަށް ބަލައި މިނިސްޓްރީއަށް އެކަން ސާބިތު ވެއްޖެ ނަމަ އެ ކުންފުނި 30،000 ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައި މައްސަލަ ތަހުގީގު ކުރަން ފުލުހަށް ފޮނުވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އާއިޝަތު މާހާ
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް