ރާއްޖެއާއި ސްރީލަންކާގެ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި، ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މޫނިމާ ގަހެއް އިންދަވައިފިއެވެ.
ލަންކާގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މޫނިމާ ގަސް އިންދަވާފައިވަނީ ސަލްޓަން ޕާކުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. ލަންކާގެ ރައީސްގެ އަރިއަހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ރައީސް ޑިސަނާޔަކެ އެ ގަސް އިންދަވާފައިވަނީ، ރާއްޖޭގައި ހިންގާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުންނެވެ. އެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އާލާކުރުމާށާއި ރާއްޖޭގެ މާހައުލުގައި ފެހިކަން ދެމެހެއްޓުމަށް ރައީސް މުއިއްޒު އިއުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.
ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސް އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. އެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 595000 ގަސް އިންދާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
އެ ޕްރޮގްރާމުގެ ދަށުން 6.3 މިލިއަން ގަސް އިންދުމަށް އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވެސް ވަނީ ކަނޑައަޅައިފައެވެ. އަދި މިއަހަރުގެ ނިޔަލަށް ދެ މިލިއަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެކެވެ.
އޭގެ އިތުރުން މި ޕްރޮގްރާމްގައި އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދައި އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާކަމަށް 90 ބާވަތެއްގެ ގަސް ވަނީ ލިސްޓުކޮށް، އެ ޕްރޮގްރާމްގައި އިންދުމަށް ހަމަޖެހިފައެވެ.
ފާތިމަތު ލިއުޝާ
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެ
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެ
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެ