ފުލެޓުތަކުގައި މިހާރު ކުރިއަށްދަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުނިކުރި މަސައްކަތްތައް ކަމަށް ފަހި ދިރިއުޅުން ކޯޕްރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވެއްޖެއެވެ.
ޝަކީލު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހަދާ "އުދަރެސް" އަދި "ދޯދި" ޓަވަރުތަކުގެ މަސައްކަތްތައް މިހާރު ޖުުމުލަގޮތެއްގައި ނިމިފައިވާ ކަމަށެވެ.
"ބާކީ ހުރީ ޔޫއާރު ރިލޭޓަޑް މަސައްކަތްތައް. ރައީސް ސޯލިހުގެ ސަރުކާރުގައި އީޕީސީގައި ސޮއިކުރުމުގެ އެއް ގަޑިއިރުކުރިން ވަނީ އުނިކޮށްފައި. އަދި މިހާރު ކުރިއަށްގެންދަނީ ރައީސް ސޯލިހު ނުކުރަން ނިންމި މަސައްކަތްތައް،" ހަމްދާން ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އުނިކުރި ކަމަށްބުނާ މަސައްކަތްތައް:
- ބިލްޑިން ސައިނޭޖު
- ސީސީޓީވީ ނެޓްވޯކް
- ގާބޭޖް ޝޫޓް
- ބޫމް ގޭޓްސް
- ލޭންޑް ސްކޭޕިން
- ފީޑާ ކޭބަލް އެންޑް ޓްރާންސްފޯމާ ކަނެކްޝަން
- އެމްޑަބްލިޔުއެސްސީ ސުވަރޭޖު ކޭބަލް
- އެމްޑަބްލިޔުއެސްސީ މެއިންލައިން ކަނެކްޝަން
- ދޯދި ޓަވަރުތަކުގެ ބޫސްޓާ ޕަމްޕްސް
- ޝެފްޓް ޑޯސް
- އެކްސްޓާނަލް ގޭޓްސް
- ޖީޕީއޯއެން ސިސްޓަމް (އިންޓާނެޓް އަދި މީޑިއާނެޓް)
އޭގެ ތެރެއިން ޓަވަރު 6، 7، 8، 9 އަދި 12 އާ ނުލައި އިމާރާތަށް ފެން، ކަރަންޓު އަދި އިންޓަނެޓުގެ ހިދުމަތް ނުލިބޭނެ ކަމަށާއި މިހާރު އެ މަސައްކަތް މި ސަރުކާރުން ފަށައި ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.
މާލެ ސަރަހައްދުން ފުލެޓު ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ "ގެދޮރުވެރިޔާ" ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެ މަނިކުފާނުގެ ވެރިކަމުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ނަމަވެސް، ލިސްޓު އެކުލަވައިލުމުގައި ކޮރަޕްޝަނަަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާއްމު ފަރާތްތަކަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނު އިރު ވެސް އެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފުލެޓު ހަވާލެއް ނުކުރެވުނެވެ.
މި ސަރުކާރުން ވަނީ ފުލެޓު ލިސްޓުގައި މައްސަލަ ހުރިތޯ ބަލައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. ނަމަވެސް ފަހުން ނިންމާފައިވަނީ ކުރީ ސަރުކާރުގެ ލިސްޓާ އެއްގޮތަށް ފުލެޓުތައް ދިނުމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދައިގެން ހަދާ 4،000 ފްލެޓު ހިމެނޭ 32 ޓަވަރު ދަނީ ހަދަމުންނެވެ. އޭގެ ތެރެއިން 2،000 ފްލެޓް ހިމެނޭ 16 ޓަވަރު ހަވާލުކުރީ ޖޭއެމްސީއާއެވެ. އަނެއް 2،000 ފްލެޓް ހިމެނޭ 16 ޓަވަރު ހަވާލުކުރީ އެންބީސީސީއާއެވެ. އެއީ އިންޑިއާގެ ދެ ކުންފުންޏެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުލެޓުތައް ލިބޭ މީހުންނާއެކު އެފްޑީސީން މިހާރު ވަނީ ފުލެޓު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފައެވެ.
ފާތިމަތު ލިއުޝާ
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން