ރާއްޖެއަށް ކުރެއްވި ދަތުރަށްފަހު އެނބުރި ސްރީލަންކާއަށް ވަޑައިގެން ކޯޓަށް ހާޒިރުވުމުން، އެ ގައުމުގެ ކުރީގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަ ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ލަންކާގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ، ހަމްބަންޓޯޓާ ބަނދަރުގެ ކޮންޓްރޯލު ޗައިނާއަށް ދޫކޮށްލުމާ ދެކޮޅަށް 2017 ގައި ކުރި މުޒާހަރާއެއްގެ މައްސަލައިގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކޯޓަށް ހާޒިރުވާން އަންގާފައިވަނިކޮށް، އެ އަމުރާ ހިލާފަށް ނަމާލް ރާއްޖެއަށް ދަތުރުކުރެއްވީ ކައިވެނި ހަފުލާއެއްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

އެނބުރި ލަންކާއަށް ވަޑައިގެން، މިއަދު ހަމްބަންޓޯޓާ ޑިސްޓްރިކްޓް މެޖިސްޓްރޭޓް ކޯޓަށް ނަމާލް ހާޒިރުވުމުން ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލައިފައެވެ.

ހަމްބަންޓޯޓާ ބަނދަރު ދޫކޮށްލުމާ ދެކޮޅަށް ހިންގި މުޒާހަރައިގެ މައްސަލައިގައި ވަނީ ގިނަ ދައުވާތަކެއް އުފުލައިފައެވެ. އެގޮތުން ތިން ކާރަކަށް ގެއްލުން ދިނުމާއި، އާންމު މަސްލަހަތު ގެއްލުވާލުމާއި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން އަދި މަގުތަކުގައި އަލިފާން ރޯކުރުމުގެ މައްސަލަ ހިމެނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އަންނަ އަހަރުގެ ޖެނުއަރީ 26 ގައެވެ.