ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މިއަދު މެންދުރުފަހު 2 އިން މިރޭ 8 އާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.

މެޓުން ވަނީ ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ރާޅުތަކުގެ އުސްމިން 4 - 7 ފޫޓަށް އުފުލޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ބައެއް ހިސާބުތަކަށް ގުގުރާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މިދިޔަ ހަފުތާގައި ހުޅުމާލޭގައި ހުރި ބައެއް ގަސްތައް ވެއްޓި އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.