މިދިޔަ މިނިވަން ދުވަހުގެ ބަންދަށްފަހު މިއަދު ސަރުކާރު ހުޅުވުމާއެކު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދޭކުން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވަން އޮންލައިން އަށް ވިދާޅުވީ، މިއަދު އޮފީސް ހުޅުވުމާއެކު ހެނދުނު 9 އަކުން ފެށިގެން ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ.
އޭނާ ވިދާޅުވީ އެފަރާތުން ފްލެޓް ހަވާލު ކުރަމުންދަނީ ހައުސިން މިނިސްޓްރީން ވެރިފައިކޮށް އެ މިނިސްޓްރީން ފޮނުވާ ފަރާތްތަކަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް މިނިސްޓްރީން އެލޮކޭޓް ކޮށްފައި، ހުރިހާ ކަމެއް ކޮށްފައި އަޅުގަނޑުމެންނަށް މި ފޮނުވަނީ ޓަވާބައިޓަވާ ލިސްޓް އެއީ އެއްކޮނެން ނޫން، މިސާލަކަށް ފޮނުވަފާނެ ޓަވާ 12ގެ 40 ނަން ދެން އަންނަ ލިސްޓުން ލިބިދާނެ 16 ނަން އިތުރަށް އެއީ އެބޭފުޅުންގެ ވެރި ފިކޭޝަނަށްފަހު،"
ހަމްދާން ވިދާޅުވީ އެގޮތަށް މިނިސްޓްރީން ލިސްޓް ފޮނުވުމާއެކު ފްލެޓް ލިބުނު ފަރާތަށް އަޕްޑޭޓް އެސްއެމްއެއް ދާނެ ކަމަށެވެ.
"ދެން ވާނީ ފުރަތަމަ ގެދޮވެރިޔާ ޕޯޓަލް ބަައިލަން ގެދޮރުވެރިޔާ ޕޯޓަލްގަ އަރާފައި އިންނާނެ ތިފަރާތުގެ ނަން ހިމެނޭ ލިސްޓު ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހިއްސާކޮށްފައޭ،"
ހަމްދާން ވިދާޅުވީ އެގޮތަށް ލިބޭ ލިސްޓްތައް ސާވާއަށް ފީޑް ކުރަމުންދާ ކަމަށެވެ.
"އެހިސާބުން ފްލެޓް ލިބުނު ފަރާތަށް ޕޯޓަލްއަށް ލޮގިން ކުރެވޭނެ، އިންނާނީ އެކައުންޓް އޮޓަމެޓިކަލީ އުފެދިފައި. ދެން ޕޯޓަލްއަށް ލޮގިންވެފައި އެތަނުން ބޭނުންވާނެ އައިޑީކާޑު ކޮޕީ އާއި އެކަހަލަ ސާމާނުތައް،"
އެކަން ކުރަނީ ސޮޔާއި އައިޑީކާޑް ދިމާވޭތޯ ބަލަން ކަމަށްވެސް ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ، ފްލެޓް ހަވާލު ކުރުން ކުރިއަށްގެންދަނީ ޝެޑިއުކޮށްގެން، ޖާގަ އޮތް ވަރަށް ބަލައި ތޮއްްޖެހި، ބުރަ ނުވާނެ ގޮތަށް ބަލައިގެން ކަމަށެވެ.
ހަމްދާން ވިދާޅުވީ މިހާތަނަށް 90 ފަރާތަކަށް ފްލެޓް ހަވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ފްލެޓް ހަވާލު ކުރާ މީހުންގެ އަދަދު ކޮންމެ ދުވަހަކު އިތުރު ކުރަމުންދާ ކަމަށާއި ފުރަތަމަ 35 އިން 45 އަށް އަދި 45 އިން 65 އަށް އަދަދު އިތުރުކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ "ގެދޮރުވެރިޔާ" ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެ މަނިކުފާނުގެ ވެރިކަމުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ނަމަވެސް، ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާއްމު ފަރާތްތަކަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނު އިރު ވެސް އެ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ހަވާލެއް ނުކުރެވުނެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދައިގެން ހަދާ 4،000 ފްލެޓު ހިމެނޭ 32 ޓަވަރު ދަނީ ހަދަމުންނެވެ. އޭގެ ތެރެއިން 2،000 ފްލެޓް ހިމެނޭ 16 ޓަވަރު ހަވާލުކުރީ ޖޭއެމްސީއާއެވެ. އަނެއް 2،000 ފްލެޓް ހިމެނޭ 16 ޓަވަރު ހަވާލުކުރީ އެންބީސީސީއާއެވެ. އެއީ އިންޑިއާގެ ދެ ކުންފުންޏެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު