ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓުތަކުގައި ދިވެހި އަކުރުން "ދިވެހިރާއްޖެ" ބޭނުންކުރަން ފަށައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލު ފުރަތަމަ ފަހަރަށް އިއްޔެ ބޭނުންކުރި މޯލްޑިވިއަން ފުލައިޓުން ވެސް ދިވެހި ދިދައިގެ ތިރިން، ދިވެހި އަކުރުން "ދިވެހިރާއްޖެ" ޖަހާފައިވާ މަންޒަރު ފެނިގެންދިޔައެވެ.
އެކަމާ ގުޅޭގޮތުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ ދިވެހި ގައުމިއްޔަތު ކުރިއަރުވާ އާލާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަރަށް އިސްކަމެއްދެއްވާ ކަމެއް ކަމުގައިވާތީއާއެކު، މޯލްޑިވިއަންގެ ބޯޓުފަހަރުގައި ދިވެހި ދިދައިގެ ތިރީގައި ދިވެހި އަކުރުން "ދިވެހިރާއްޖެ" ޖެހުމަށް ނިންމާފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ގައުމީ އެއާލައިން ދަތުރުކުރާ ހުރިހާ މަންޒިލުތަކަށް އުދުހޭ ބޯޓުތަކުގައި، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން ބޭނުންކުރާ ސީޕްލޭން ކަމަށް ވިޔަސް، އަދި ޑޮމެސްޓިކް ފުލައިޓުތައް ކަމަށްވިޔަސް، ހުރިހާ ފުލައިޓުތަކެއްގައި މިއަދުން ފެށިގެން އަޅުގަނޑުމެން ބޭނުންކުރަމުންދާނެ ދިވެހި ދިދައިގެ ތިރީގައި 'ދިވެހިރާއްޖެ' ދިވެހި އަކުރުން ލިޔެފައި،" އޭނާ ވިދާޅުވިއެވެ.
އަލީ ސަލީމް ވިދާޅުވީ ދުނިޔޭގެ ގައުމުތަކަށް މޯލްޑިވިއަންގެ ބޯޓުތައް ދަތުރުކުރަމުންދާ އިރު، އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ދިވެހީންނަކީ އަމިއްލަ ބަހަކުން ވާހަކަދައްކާ، އަމިއްލަ އަކުރެއް ވެސް އޮތް ބައެއްކަން ރަމްޒުކޮށްދޭނެ ކަމަށާއި އެއީ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާއި ފަތުރުވެރިން ވެސް އެކަން ބަލައިގަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ