ރާއްޖޭގެ ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ޖަސްޓިސް ބިލްޑިން އެނެކްސްގައި ގާއިމުކުރި ކުރިމިނަލް ކޯޓާއި ޑްރަގު ކޯޓު، ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ކޯޓުތަކުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުމެވެ. މީގެ ކުރިން ވެސް ކޯޓުތަކުން ވަނީ އެކަން ފާހަގަކޮށްފައެވެ.

އެ މައްސަލައަށް ހައްލު ހޯދުމަށް ހުޅުމާލޭގައި ތަރައްގީކުރި ޖަސްޓިސް ބިލްޑިން އެނެކްސްއަކީ ހުޅުމާލޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މިވަގުތަށް ހައްލު ހޯދައިދިނުމަށް ތައްޔާރުކުރެވުނު އިމާރާތެކެވެ. އެ ދެ ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ މާލޭގައެވެ.

27 ޖުލައި 2025، ޖަސްޓިސް ބިލްޑިން އެނެކްސްގައި ގާއިމުކުރި ކުރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ އާ އިމާރާތް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އޮފީހުން މިއަދު ބުނީ ރައީސް ހުޅުއްވައިދެއްވި ކުރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ބޭނުންކުރަން ފެށުމުން، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ، ދިގުލައިގެން ދިއުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.

މިއަދު ހުޅުވި އިމާރާތުގައި ޑްރަގު ކޯޓަށް ހާއްސަ ފަސް ކޯޓު ރޫމް އަދި ކްރިމިނަލް ކޯޓަށް ހާއްސަ 10 ކޯޓު ރޫމް ހިމެނެއެވެ. އަދި ފަނޑިޔާރުންނަށް ހާއްސަ 17 ކޮޓަރީގެ އިތުރުން، ދިފާއީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއްވެސް ވަނީ ކަނޑައަޅައިފައެވެ.

ރައީސް އޮފީހުން ބުނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ ދަށުން ތަރައްގީކުރި އާ އިމާރާތުގެ ކޯޓު ރޫމްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ވުމުން، ޝަރީއަތްތައް ހިންގުމަށާއި ކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ޖާގައިގެ ތަނަވަސްކަން ލިބޭނެ ކަމަށެވެ.

ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް ހެދުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމަށް މިދިޔަ ފެބްރުއަރީ މަހުގެ 6 ގައި ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

27 ޖުލައި 2025، ޖަސްޓިސް ބިލްޑިން އެނެކްސްގައި ގާއިމުކުރި ކުރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ އާ އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަނދާނީ ފިލައެއް އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވަނީ އެ ކޮމްޕްލެކްސް ނިމެންދެންވެސް ކުރިމިނަލް ކޯޓާއި ޑްރަގު ކޯޓު، ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި އަންނަ މަހުގެ ކުރިން ހުޅުމާލޭގައި އެ ދެ ކޯޓު ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމައިލެވޭނެ ކަމަށެވެ.

އެކަމުގެ ސަބަބުން، ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެ ކަމަށާއި، ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މިއަދު މެންދުރުފަހު އޮތް ރަސްމިއްޔާތުގައި، ޝަރުއީ ދާއިރާގެ ފަރާތުން ރައީސަށް ހަނދާނީ ފިލައެއް ވަނީ އަރުވައިފައެވެ. އަދި ޖަސްޓިސް ބިލްޑިން އެނެކްސްގައި ދިވެހި ގައުމީ ދިދައާއި ޖުޑީޝަރީ ދިދަ ނެގުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށްގެންދިޔައެވެ. އެ ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ އިސްވެރިންނާއި، ޝަރުއީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.