ހުޅުމާލެ ހޮސްޕިޓަލުގައި ވެސް އަންނަ މަހު އައިނު ފިހާރަ ހުޅުވުމަށް ނިންމައިފިއެވެ.
އައިޖީއެމްއެޗްގައި މިއަދު ވަނީ އައިނު ފިހާރަ، "އެމްސީޖީއެޗް އޮޕްޓިކަލްސް" ހުޅުވައި ހިދުމަތްދޭން ފަށައިފައެވެ. އެންމެ ފަހުގެ ވަސީލަތްތަކާއެކު އެ ފިހާރަ ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އައިޖީއެމްއެޗްގެ އައިނު ފިހާރަ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އެމްސީޖީއެޗް އޮޕްޓިކަލްސްގައި އެންމެ ފަހުގެ އެޑްވާންސް މެޝިނަރީތައް ގާއިމުކުރެވިފައިވާ ކަމަށާއި އެ މެޝިންތަކުން ގްލައުކޯމާއަށް ވެސް ޓެސްޓުކުރެވޭނެ ކަމަށެވެ.
އައިނު ފިހާރައިން އާސަންދައިގައި ހިމެނޭ 2،000 ރުފިޔާގެ ތެރެއިން ކޮންމެ ރައްޔިތަކަށް ވެސް ހިލޭ އައިނު ހެއްދޭނެ ކަމަށާއި ކުރިއަށްއޮތްތަނުގައި އެމްސީޖީއެޗް އޮޕްޓިކަލްސްގެ އިތުރު ފިހާރަތައް ވެސް ހުޅުވިގެންދާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ފެށޭ އޮގަސްޓް މަހުގެ ތެރޭގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް މި ފަސޭހަ ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް އައިނު ފިހާރަ ގާއިމުކޮށް، ހިދުމަތްދޭން ފަށާނަން. އަދި ހަމަ މިއާއެކީގައި ކުރިއަށްއޮތް ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތަކުގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކެއްގައި ވެސް އެމްސީޖީއެޗްގެ ފަރާތުން އައިނުގެ ހިދުމަތް ފޯރުކޮށްދޭނަން،" ހަލީމް ވިދާޅުވިއެވެ.
އައިނު ފިހާރަތައް ހުޅުވުމުގެ އިތުރުން ރައީސް ވަނީ ލޮލުގެ ނަމްބަރު އައިނު ހައްދަން ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދަ އިން 2،000 ރުފިޔާ ލިބޭ ގޮތަށް މިދިޔަ މަހުން ފެށިގެން ހަމަޖައްސަވައިފައެވެ. ކުރިން އާސަންދަ އިން ނަމްބަރު އައިނު ހައްދަން ލިބެނީ 1،000 ރުފިޔާއެވެ.
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް