ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުން ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައިފިއެވެ.
ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ދިމާކޮށް، ވީއައިއޭގެ އާ ޓާމިނަލް ހުޅުވާފައިވަނީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައި އެގޮތަށް އަމަލުކުރަން މިއަދުގެ އަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައި ކަމަށެވެ.
ތިން ބުރީގެ ބިޔަ އެ ޓާމިނަލް ފަރުމާކޮށްފައިވަނީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފަސިންޖަރުންނަށް ލިބޭނެ ގޮތަށެވެ. އެގޮތުން ސެލްފް ސާވިސް ކައުންޓަރުތަކާއެކު ޖުމްލަ 48 ކައުންޓަރުން ފުރަތަމަ ދުވަހުން ފެށިގެންވެސް ހިދުމަތްތައް ދެމުންދާނެއެވެ.
އާ ޓާމިނަލުން އެއްފަހަރާ 12 ބޯޓަށް ހިދުމަތް ދެވޭނެއެވެ. ޖުމުލަ ހަ ކޮންވޭޓާ ބެލްޓު އާ ޓާމިނަލްގައި ހުންނަ އިރު، ބޯޓުން ސީދާ ޓާމިނަލަށް ފޭބޭނެ އިންތިޒާމުތައްވެސް މުޅީން އަލަށް ވަނީ ހަމަޖައްސައިފައެވެ.
އޮރަޓް ކޮންސަލްޓެންޓުގެ އިރުޝާދާ އެކު، އާ ޓާމިނަލް ބޭނުން ކުރަން ފަށާނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެކަން ކުރަނީ ކެނެޑާގެ މޮޑަލިސް ކޮންސަލްޓެންސީގެ އެހީގައެވެ.
މި ޓާމިނަލާއެކު، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުވާނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ދާނެއެވެ. އާ ޓާމިނަލުން ރާއްޖޭގެ އިގްތިސޯދަށް "ބޫސްޓެއް" ލިބޭ އިރު، ވަޒީފާގެ އެތައް ފުރުސަތެއްވެސް ފަހިވެގެންދާނެއެވެ. ބައިގަރުނަށްފަހު، ދިވެހިންގެ މައި ދޮރާއްޓަށް މިއަންނަ ބޮޑު ބަދަލަކީ ޖީލުތަކަށް ދެމިގެންދާނޭ މުހިންމު ބަދަލެކެވެ.
އާ ޓާމިނަލް ހުޅުވުމަށްފަހު އެންމެ ފުރަތަމަ އެތަން ބޭނުންކުރާނީ ގައުމީ ވައިގެ ދަތުރުފަތުރުގެ ކުންފުނި، މޯލްޑިވިއަން އިންނެވެ.
އެހެނިހެން އެއާލައިންތަކުގެ މަސައްކަތްތައް އާ ޓާމިނަލަށް ބަދަލުކުރުމަށް ރޭވިފައިވަނީ މައިގަނޑު ދެ މަރުހަލާއަކަށެވެ. މިގޮތުން ފުރަތަމަ މަރުހަލާގެ ގޮތުގައި ޖުލައި އަދި އޮގަސްޓް މަހު ތެރޭގައި އާ ޓާމިނަލަށް ބަދަލުކުރެވޭނީ ގިނަ ވަސީލަތްތަކެއް ބޭނުން ނުކުރާ ކުދި އެއާލައިންތަކުގެ ހިދުމަތްތަކެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ބަދަލުކުރަން ފަށާނީ ސެޕްޓެމްބަރުގައެވެ.
ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރި އާ ޓާމިނަލާއެކު އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ.
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް