އިންޑިއާގެ ރާޖަސްތާނުގެ ސްކޫލު އިމާރާތެއް ވެއްޓި ހަތް ދަރިވަރުން މަރުވެއްޖެއެވެ.

ރާޖަސްތާނުގެ ޖަލާވާރް ޑިސްޓްރިކްޓުގައި އިއްޔެ ހިނގި އެހާދިސާގައި އަނިޔާވި ކުދިންގެ ތެރެއިން ދެ ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕިޕްލޯޑި ގަވަމެންޓް ސްކޫލުގެ އެއިމާރާތް ވެއްޓުނު ވަގުތު އެސަރަހައްދުގައި 60 ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން އެހެނިހެން މުވައްޒަފުން ހަރަކާތްތެރިވި ކަމަށް އޮފިޝަލުން ބުނެއެވެ.

ވެއްޓުނު އިމާރާތަކީ ރައްކާތެރި ނޫން އިމާރާތެއް ކަމަށް ފާހަގަވެ، މީގެކުރިން ވެސް ޝަކުވާތަކެއް ކުރިމަތިވެފައިވާ އިމާރާތެއް ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރާޖަސްތާނުގެ އެޑިއުކޭޝަން ސެކްރެޓަރީ ކްރިޝްނާ ކުނާލް ވިދާޅުވީ އެހާދިސާގައި މަރުވެފައިވަނީ ހަތް ދަރިވަރުން ކަމަށާއި ރެސްކިއު އޮޕަރޭޝަން ވެސް ނިންމާލާފައިވާ ކަމަށެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެހާދިސާ ހިނގާފައިވަނީ ބޯކޮށް ވާރޭވެހުނު ވަގުތެއްގައި ކަމަށާއި ވެއްޓުނު ވަގުތު ބާރުގަދަ އަޑުފައްގަނޑެއް އިވިފައިވާ ކަމަށެވެ.

ސްކޫލް އިމާރާތް ވެއްޓުމާ ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އެހާދިސާގައި އަނިޔާވި ފަރާތްތަކާ މަރުވި ކުދިންގެ އާއިލާތަކަށް ކޮށްދެވޭނީ ކޮންކަންތަކެއްތޯ ބަލައި ހުރިހާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް އަމުރުކުރައްވައިފައެވެ.