ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވުމުގެ މަގު ތަނަވަސްކޮށް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރި އާއި އިގުތިސާދީ ގުޅުން އިތުރަށް ހަރުދަނާކޮށްފިއެވެ.

އެކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، ބީއެމްއެލްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވަން ފެށުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

"މީގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އާ ފުރުސަތުތަކާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިން ދާއިރާ އާ ހަރުފަތްތަކަށް ގެންދިއުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވާނީ ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސާފައި ކަމަށާއި އަދި ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު ރުޕޭ ކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ އުފާވެރި ހަބަރު ދޭ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި މަރުހަލާތައް މިއަހަރުގެ ނިޔަލަށް ނިމިގެންދިއުން. މި މަރުހަލާތައް ނިމުމުން އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިތަކުން ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އިންޑިއާގެ ރުޕީސް އިން ފައިސާ ދެއްކުމަށް މަގު ފަހިވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ދިވެހިންނާއި ވިޔަފާރިތަކާއި ބިދޭސީންވެސް ހިމެނޭ ގޮތަށް، އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ބީއެމްއެލް މޯބައިލް ބޭންކިން ބޭނުންކޮށްގެން އޮންލައިންކޮށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށެވެ.

އެ އެކައުންޓުތަކަށް ފައިސާ ޖަމާކުރެވޭނީ ބީއެމްއެލް ބްރާންޗްތަކުން ކަމަށާއި އެގޮތުން އިންޑިއަން ރުޕީ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓްތައް ޖަމާކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އޭގެ އިތުރުން އިންޑިއާ އިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ އެގޮތަށް ހުޅުވާ އިންޑިއަން ރުޕީ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށާއި އަދި އިންޑިއާއަށް ފައިސާ ފޮނުވުމުގައިވެސް އެ އެކައުންޓް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 40 ބްރާންޗު، 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް، ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިން ހިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިން ހައްލުތަކާއެކު، ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާއެވެ.

ބީއެމްއެލުން ބުނީ ބޭންކުގެ ހިދުމަތް ލިބޭ ތަންތަން އިތުރުކުރުމާއެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނާޝިޕްތައް އިތުރަށް ކުރިއެރުވުމަށް ބޭންކުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމަށެވެ.