ނެޝެނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި ނެޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަން (އެންޓީޓީސީ) ހިންގުމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ސްކްލިސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާ ދެމެދު ސޮއިކޮށްފިއެވެ.

އެމްޕީއެލުން މިއަދު މީޑިއާތަކަށް ބުނީ އެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

އެމްއެންއެސްޑީއޭގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ލާނިން އެންޑް ޑިވެލޮޕްމަންޓް އޮފިސަރު އައިޝަތު ޝިމްލާއެވެ. އެމްއެންއެސްޑީއޭގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޒަހްރާ މުހައްމަދެވެ.

އެ އެއްބަސްވުމުގެ ދަށުން އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރު (ޕީޓީސީ) އިން ހިންގާ ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި އެންޓީޓީސީ ޕްރޮގްރާމްތަކުގެ ކޮލިޓީ އެޝުއަރަންސް އެމްއެންއެސްޑީއޭ އިން ކަށަވަރުކުރާނެއެވެ. އަދި އެމްޕީއެލުން ހިންގާ ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި އެންޓީޓީސީ ހިންގުމުގައި އެމްއެންއެސްޑީއޭ އިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރުން އެމްޕީއެލްގެ މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް ތައުލީމާއި ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގައެވެ. އޭގެ އިތުރުން، ޒުވާނުން މެރިޓައިމް ދާއިރާއަށް ވައްދައި، ޝައުގުވެރިކަން އިތުރުކުރުމަށް އިންޓާންޝިޕް އަދި އެޕްރެންޓިސް ޕްރޮގްރާމްތައްވެސް ޕޯޓް ޓްރެއިނިން ސެންޓަރުން ކުރިއަށްގެންދެއެވެ.