މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދު ތިން ދުވަހުވެސް ޕާސްޕޯޓުގެ ހިދުމަތްދޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އިމުގާ ޕޯޓަލް މެދުވެރިކޮށް 65 އަހަރުން މަތީގެ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އެ އޮފީހަށް ހާޒިރުވެގެން ވެސް ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށެވެ.

އެ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދޭނެ ކަަމަށާއި އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ހުޅުވާލައިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރަން ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަމަ އެ ވަގުތުތަކުގައެވެ. އަންނަ އާދިއްތަ އަދި ހޯމަ ދުވަހު، އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅޭނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށެވެ. ޕާސްޕޯޓާ ހަވާލުވާން ނަމްބަރު ދޫކުރާނީ އެ ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށެވެ.

އަންނަ ހޮނިހިރު ދުވަހު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ އިރު، އާދިއްތަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އޭގެ އިތުރުން ކުރިއަށްށް އޮތް 16 ދުވަހަކީ ސްކޫލުގެ ޓާމް ޗުއްޓީ ދުވަސްތައްކަމަށްވުމުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތައްވެސް ގިނަވާނެ ކަމަށް ބެލެވެއެވެ.