ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގައި އެއާޕޯޓް އެމަޖެންސީ ސާވިސަސްގެ ފަރާތުން ފަޔާ ޑްރިލެއް ކުރިއަށްގެންގޮސްފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނީ ވީއައިއޭގެ އާ ފަސިންޖާ ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށްޓަކައި އެއާޕޯޓް އެމެޖެންސީ ސާވިސަސްގެ ފަރާތުން އެމަޖެންސީ ރެސްޕޮންސް ޑްރިލްގައި އެމަޖަންސީގެ ތަފާތު ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ޓެސްޓު ކަމަށެވެ.

އޭގެ ތެރޭގައި، ފަސިންޖަރުންނަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދީ، އެމްބިއުލަންސް މެދުވެރިކޮށް އަވަސްފަރުވާގެ ހިދުމަތް ފޯރުކޮށްދެވޭނެ އެންމެ ކުރު މަގުތައް ދަނެގަނެ، އެކަންކަން ޔަގީންކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެއީ ބައިނަލްއަގުވާމީ ގޮތުން ބަލައި، ފަޔާ އެންޑް ސޭފްޓީ މިންގަނޑުތަކަށް ފެތޭ، މަތީ ފެންވަރުގެ ފަޔާ އެންޑް ސޭފްޓީގެ ހިދުމަތް ފޯރުކޮށްދެވޭނެ ޓާމިނަލެއްކަން އެމަޖެންސީ ސާވިސަސްގެ ތެރެއިން ކަށަވަރުކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

23 ޖުލައި 2025: ވީއައިއޭގެ އާ ޓާމިނަލްގައި ކުރިޔަށްގެންދިޔަ ފަރާ ޑްރިލް --- ފޮޓޯ/ އެމްއޭސީއެލް

އެމްއޭސީއެލުން ބުނީ އެ ޑްރިލަކީ، ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމަށްޓަކައި ކުރިއަށްގެންދެވުނު ހަރަކާތެއް ނަމަވެސް، އަލިފާނުގެ ހާދިސާއެއް ހިނގައި ފަސިންޖަރުން އެމަޖެންސީގައި ބޭރަށް ނެރެންޖެހޭ ފަދަ ހާލަތެއް މެދުވެރިވުމަކީ ވަރަށް ދުރުކަމެއް ކަމަށްވެސް އެމަޖެންސީ ސާވިސަސްގެ ފާރާތުން ފާހަގަކޮށްފައިވާ ކަމަށެވެ.

އެއީ އަލިފާނުގެ ހާދިސާގެ ހިނގުމުން، ކުއްލި ހާލަތުގައި ސަލާމަތްތެރިކަމާއެކު ފަސިންޖަރުން ޓާމިނަލުން ބޭރަށް ގެންދިއުމުގެ މޮކަޕް ޑްރިލްއެއްގެ ގޮތުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެ ހަރާކާތުގައި ޓާމިނަލްގައި ހަރަކާތްތެރިވާނެ ފަޔާ ވާޑެންސްގެ ހަރަކާތްތައްވެސް ބަލައި ޓެސްޓުކޮށްފައިވެއެވެ. އެގޮތުން އާ ޓާމިނަލުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ތެރެއިން 65 މުވައްޒަފުން ވަނީ ފަޔާ ވާޑެންގެ ގޮތުގައި ތަމްރީންކޮށްފައެވެ.

އެމްއޭސީއެލުން އަބަދުވެސް މަސައްކަތްކުރަމުންދަނީ އެއާޕޯޓުގެ ހިދުމަތް ބޭނުންކުރާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށެވެ.