އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަތުމުގެ މުއާމަލާތް ހިންގަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލުން އެ ޔަގީންކަން ދީފައިވަނީ، އެ ބޭންކުން އެސްޑީއެފް ގަތުމަށް ކުރާ މަސައްކަތްތައް ގާނޫނާ ހިލާފު ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް، ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. އަދި އެ ހުށަހެޅުމަށް ރިއާޔަތްކޮށް އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކާލުމަށް ކެބިނެޓުން ނިންމާފައިވާކަން ބީއެމްއެލުން ފާހަގަކުރިއެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތްތައް ކުރިއަށްގެންދާނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހުގައެވެ. ބޭންކުން މިހާރު މިވަނީ މި މަރުހަލާތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށައިފައެވެ..،" ބީއެމްއެލުން ބުންޏެވެ.

އެކަމާ ގުޅޭގޮތުން އެމްއެމްއޭ އިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ބީއެމްއެލުން އެސްޑީއެފްސީ ގަތުމަށް ހުށަހަޅާ މުއާމަލާތާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް، އެ އޮތޯރިޓީގެ އާއްމު އުސޫލުތަކާ އެއްގޮތަށް އެ މުއާމަލާތް ހިންގުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކަށް އެ ބޭންކުން އަމަލުކުރިތޯ ބަލާފައިވާނެ ކަމަށެވެ.

"އަދި މި އޮތޯރިޓީން، ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ބޭންކިން ގާނޫނާ ހިލާފަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ކަނޑައަޅާފައި ނުވާނެއެވެ..،" އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ ބީއެމްއެލުން އެ އޮތޯރީޓިއަށް ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާ އިރު، އެ ވިޔަފާރީގެ މުއާމަލާތުގެ ހުރިހާކަމެއްވެސް ކުރިއަށް ގެންދާނީ ކަމާގުޅޭ ގާނޫނުތަކާއި، ގަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ބީއެމްއެލުން ޔަގީންކަން ދީފައިވާ ކަމަށެވެ.

އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކާލުމަށް ކެބިނެޓުން މިދިޔަ އާދީއްތަ ދުވަހު ނިންމި ނިންމުމާ ގުޅިގެން އެ ދުވަހު ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެއްބަސްވުމާއެކު އެސްޑީއެފްސީން ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ހިދުމަތްތައް ކަމަށެވެ.

އެ ޑިޖިޓަލް ބޭންކުގެ އާ ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ދެމެހެއްޓެނިވި ވިޔަފާރިތަކާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދެވޭނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

ބީއެމްއެލުން ބުނެފައިވަނީ އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިން ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމަށާއި، ރައްޔިތުން މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށެވެ.

އެމްއެސްއެމްއީ ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން އެސްޑީއެފްސީން ހިދުމަތް ދޭނީ ޑިޖިޓަލް ލެންޑިން ޕްލެޓްފޯމް އަދި ޑިޖިޓަލް މާކެޓްޕްލޭސް ފަދަ ހާއްސަ މާލީ ހައްލުތަކާއެކުގައި ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެސްޑީއެފްސީން ހިދުމަތް ފޯރުކޮށްދޭ އެމްއެސްއެމްއީ ދާއިރާއަކީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ، އަދި ހަމައެހެންމެ އިގުތިސާދުގެ ކުރިއެރުމާއި އީޖާދީ ކަންކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށެވެ.

"ބޭންކުގެ މި ނިންމުމާއެކު، އިސްލާމިކް ބޭންކިން ހިދުމަތްތައް އަޅުގަނޑުމެންގެ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީ މެދުވެރިކޮށް ރާއްޖޭގެ އެމްއެސްއެމްއީތަކަށް އެންމެ ޒަމާނީ ބޭންކިން ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ އެ ޑިޖިޓަލް ފަސްޓް ސަބްސިޑަރީ މެދުވެރިކޮށް އެސްޑީއެފްސީން ފައިނޭންސް ދޫކުރަމުން އައި ޖުމުލަ ނިސްބަތަށްވުރެ އިތުރަށް ފައިނޭންސް ދޫކުރާނެއެވެ. އަދި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްޑީއެފްސީން އެމްއެސްއެމްއީތަކަށް ދީފައިވާ ފަހި ޝަރުތުތަކާއެކުގައެވެ.

ބީއެމްއެލްގެ އަމާޒަކީ ފުރަތަމަ އަހަރުގެ ތެރޭގައި މި ސަބްސިޑަރީ މެދުވެރިކޮށް 500 މިލިއަން ރުފިޔާގެ ފައިނޭންސިން ދޫކުރުމެވެ. އޭގެ އިތުރުން، މުޖުތަމައުގެ ތަރައްގީއާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށްޓަކައި މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިން އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް ތިން އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެއެވެ.

އެސްޑީއެފްސީގެ ހިންގުމާއި ގަވަނަންސްއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތްތާނގައި ބޭންކުން ހާމަކުރާނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެސްޑީއެފްސީ ގަތުމަށް ބީއެމްއެލުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ކުރިއަށްއޮތް ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުން ހިމެނެއެވެ.