ނ. މިލަދޫގެ މަގުތައް ތަރައްގީ ކުރުމަށާއި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އަންނަ މަހު ހަވާލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު މިލަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން މޫދަށް އެރޭނެ ސަރަހައްދެއް ވެސް ހަދާނެ ކަމަށެވެ.

"ކުރިއަށް އޮތް ކުޑަ ދުވަސްކޮޅަށް ބަލާއިރުގައި އެންމެ އަވަހަށް އަޅުގަނޑުމެން މަސައްކަތް ފެށުމަށް ސޮއިކުރުމަށް ތައްޔާރުވާ ދެ މަޝްރޫއަކީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ނޫނީ ޝޯ ޕްރޮޓެކްޝަން މަސައްކަތް ކުރުމަށް އެމްޓީސީސީއާ އަޅުގަނޑުމެން ހަވާލުކުރުމަށާއި އަދި މަގު ހެދުމުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރުން. މި ދެ މަޝްރޫއު އިރާދަކުރެއްވިއްޔާ މިއަންނަ މަސް ނިމުމުގެ ކުރީގައި އަޅުގަނޑުމެން މަސައްކަތް ކުރުމުގެ އެގްރީމެންޓުގައި އެ ދެ ކުންފުންޏާ ސޮއިކުރާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިލަދޫގެ ސިއްހީ މަރުކަޒުކީ 16 ގަޑިއިރު ހިދުމަތް ދެމުންގެންދާ މަރުކަޒަކަށްވާ އިރު، އެ ތަނުގެ އިންސާނީ ވަސީލަތް މަދު ކަމަށެވެ. ވަކިން ހާއްސަކޮށް ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ނަރުހުންގެ އަދަދު މަދު ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން މިހާރު މި ދަތުރަށްފަހު މިނިސްޓްރީން މަސައްކަތް ކުރައްވާނެ މި ރަށަށް އިތުރު ޓެކްނިކަލް ސްޓާފުން ހާއްސަކޮށް ނާސިން ދާއިރާއިން ދެ މުވައްޒަފުން ނޫނީ ތިން މުވައްޒަފު، މަދުވެގެން ދެ މުވައްޒަފުން ހަމަޖެހޭނެ ގޮތެއް ބަލަން. އިރާދަ ކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިލަދޫ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. ސިއްހީ މަރުކަޒުގެ ލެބޯޓަރީގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފެނުގެ ނިޒާމު މަސައްކަތް މިލަދޫގައި ކުރަމުންދާ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މިހާރު ކުރަމުންދަނީ އެ މަސައްކަތް ނިންމުމުގެ ކަންތައްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި މިލަދޫ ވެސް ހިމަނާފައިވާ ކަމަށެވެ. އެގޮތުން މިލަދޫގައި ހަދަން ނިންމި 50 ހައުސިން ޔުނިޓު މިހާރު ވަނީ ބިޑިން މަރުހަލާގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.