ބަތަލާ ކާޖޮލް އާއި ލިޔުންތެރިޔާ ޓްވިންކަލް ކަންނާ އެއްކޮށް ހޯސްޓްކުރާ، އާ ޓޯކްޝޯ، "ޓޫ މަޗް ވިތް ކާޖޮލް އެންޑް ޓްވިންކަލް" ފަށަން ތައްޔާރުވެއްޖެއެވެ. މިކަން ޕްރައިމް ވީޑިއޯއިން ވަނީ އިއްޔެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފައެވެ.
ބެނިޖޭ އޭޝިއާ އިން ޕްރޮޑިއުސްކުރާ މި ޓޯކް ޝޯގައި ބޮލީވުޑްގެ އެންމެ ބޮޑެތި ސެލެބްރިޓީން ބައިވެރިވާނެ ކަމަށް ހަބަރުތައް ބުނެއެވެ. ޝޯގެ ޕްރޮމޯޓިން ފޮޓޯއެއްގައި ކާޖޯލް އާއި ޓްވިންކަލް ކަންނާ ހައިރާންކަމާއެކު ތިބޭ މަންޒަރު ފެނެއެވެ.
މި ޝޯއަކީ ހިތްވަރުގަދަ، ތެދުވެރި އަދި ފިލްޓަރެއް ނެތް ޓޯކް ޝޯއެއް ކަމަށާއި، މި ދެ ހޯސްޓުންގެ ފަރާތުން ހޫނު ބަހުސްތަކެއް ކުރެވޭނެ ކަމަށް ޝޯއާ ބެހޭ ގޮތުން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.
މި ޝޯއަށް ފޭނުން ވަނީ ބޮޑު ތަރުހީބެއް ދީފައެވެ. ގިނަ ބަޔަކު ވަނީ މީޑިއާގައި މި ދެ ފަންނާނުން އެކުގައި ފެނުމަށް އިންތިޒާރު ކުރާ ކަމަށް ބުނެފައެވެ. ޝޯ ރިލީޒް ވާ ތާރީހާއި މެހެމާނުންގެ ލިސްޓު އަދި ހާމަކޮށްފައެއް ނުވެއެވެ.
ކާޖޮލް އެންމެ ފަހުން ފެނުނީ ފިލްމު "މާ" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ކާޔޯޒް އިރާނީ ޑައިރެކްޓްކުރާ "ސަރްޒަމީން" އެވެ.
ޓްވިންކަލް ކަންނާ 90ގެ އަހަރުތަކުގައި ބަތަލާއެއްގެ ގޮތުގައި ފިލްމީ ދާއިރާއަށް ނިކުމެ، ފަހުން އެ ދާއިރާ ދޫކޮށްލައި ހަރަކާތްތެރިވަމުން އަންނަނީ ލިޔުންތެރިއެއްގެ ގޮތުގައެވެ. އޭނާގެ ފުރަތަމަ ނޮން-ފިކްޝަން ފޮތް "މިސްޒް ފަނީބޯންސް" 2015 ވަނަ އަހަރު ނެރެފައިވެއެވެ. ޓްވިންކަލް އަކީ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުންނެވެ.
ޕްރައިމް ވީޑިއޯ