އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދޭ ރިއަލިޓީ ޝޯ 'ދަ ޓްރޭޓާސް' ގެ ދެވަނަ ސީޒަންގެ ޓްރެއިލާ އާންމުކޮށްފިއެވެ. ކަރަން ޖޯހަރު ހޯސްޓުކުރާ މި ޝޯގެ އާ ސީޒަންގައި 21 ސެލެބްރިޓީން ވާދަކުރާއިރު، މި ފަހަރުގެ ޝޯގައި މަކަރާއި އޮޅުވާލުން ކުރިއަށްވުރެ ބޮޑުވާނެ ކަމަށް ޓްރެއިލާއިން ދައްކައެވެ.
ޖައިސަލްމޭރުގެ ސޫރްޔަގަޅް ގަނޑުވަރުގައި ކުޅޭ މި ގޭމްގެ ޓްރެއިލާ ފަށަމުން ކަރަން ބުނީ، އެ ގަނޑުވަރު ހީވަނީ ފުރިހަމަ ހުވަފެނެއްހެން ކަމަށާއި، ނަމަވެސް އެ ހުވަފެން ބިރުވެރި ހުވަފެނަކަށް ބަދަލުކޮށްލަން އޭނާ ހުރީ ކެތްމަދުވެފައި ކަމަށެވެ. ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފަހަރުގެ ސީޒަންގައި ބައިވެރިން އައިސް ތިބީ ޝޯގެ އުސޫލުތައް ވަރަށް ރަނގަޅަށް ދަސްކޮށްގެންނެވެ. ކަރަން ފާހަގަކުރި ގޮތުގައި، މި ސީޒަންގެ ކުޅުން މާ ވަރުގަދަވެފައި އަންދާޒާކުރަން އުނދަގޫވާނެއެވެ. އަދި ބައިވެރިންގެ ރޭވުންތެރިކަމާއި ރަހުމުކުޑަކަން ފެނިފައި އޭނާ ވެސް ހައިރާންވި ކަމަށް ކަރަން ބުނެފައިވެއެވެ.
މި ޓްރެއިލާގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ޓީވީ ބަތަލާ ޝްވޭތާ ތިވާރީ ދެއްކި ވާހަކައަކަށެވެ. ދޮގު ހަދާ މީހުން ހޯދުމުގައި ޝްވޭތާ އެހާ މޮޅު ނުވެދާނެ ކަމަށް ކަރަން ބުނުމުން، އޭގެ ރައްދުގައި ޝްވޭތާ ބުނީ އޭނާގެ ފިރިން ބޭވަފާތެރިވަނިކޮށް އަތުލައިގަތީ ވެސް ހަމަ އޭނާ އަމިއްލައަށް ކަމަށެވެ. މިއީ އޭނާގެ ކުރީގެ ދެ ފިރިން ކަމަށްވާ ރާޖާ ޗައުދަރީ އާއި އަބިނަވް ކޯލީއަށް ނިސްބަތްކޮށް ބުނި ވާހަކައެއް ކަމަށް އޭއެންއައި އިން ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން ރިއާ ޗަކްރަބަތީ އާއި ޕާރުލް ގުލާޓީ ފަދަ ބައިވެރިންގެ މެދުގައި ހިނގާ ދެބަސްވުންތައް ވެސް ޓްރެއިލާއިން ފެނެއެވެ. 'ދަ ޓްރޭޓާސް' ގެ އާ ސީޒަން ޕްރައިމް ވީޑިއޯއިން ސްޓްރީމްކުރަން ފަށާނީ އޮގަސްޓް 13 ގައެވެ.
ކަނޑުމަތީގެ ހާދިސާތައް
އެޗްޑީސީ
ބޮލީވުޑް
ރިއަލިޓީ ޝޯ
ކޮމެންޓް