ނ. ވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގައި ހަދާ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހޮޅުދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު މިރޭ ވިދާޅުވީ މާފަރު އެއާޕޯޓުގެ އިތުރުން ނ. އަތޮޅުގެ ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަހައްދަށް ވެސް ޑޮމެސްޓިކް އެއާޕޯޓެއް މުހިންމު ކަމަށެވެ.

"އެހެންވީމާ ވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ނިންމާފައިވާކަން، އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ފަށާނެކަން ތިޔަބޭފުޅުންނަށް މި ޖަލްސާގައި އަޅުގަނޑު އިއުލާންކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ އެއާޕޯޓުގެ ފައިދާ ހޮޅުދޫ އާއި ކައިރި ރަށްރަށް އަދި ރިސޯޓުތަކަށް ވެސް ލިބޭނެ ކަމަށާއި އޭގެ ސަބަބުން އިގުތިސާދީގޮތުން ވެސް ވަރަށް ގިނަ ކަންކަން ފަހިވެގެންދާނެ ކަމަށެވެ. އަދި ދުރު ރާސްތާއަށް ބަލާ އިރުވެސް، ނ. އަތޮޅަށް އެ މަޝްރޫއިން ގިނަ ފައިދާތަކެއް ލިބިގެންދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި އަތޮޅުގެ ޓޫރިޒަމް ކުރިއެރުމާއި މި އަތޮޅުގައި އަޅުގަނޑުމެން ކުރިއަށްގެންދަން ނިންމާފައި ހުރި ވަރަށް ގިނަ އެހެން މަޝްރޫއުތައް އެބަހުރި. އަޅުގަނޑުމެން މިހާރު ވާނެ އެސްއީޒެޑް ޕާމިޓް ދިނުމަށް ނިންމައި، ހަވާލުކޮށްފައި ޓައުންޝިޕް ޕްރޮޖެކްޓަކަށް ވެސް. އެހެންވީމާ މިހެން ގޮސް ވަރަށް ގިނަ ކަންކަން އެބަހުރި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މާފަރު އެއާޕޯޓުގެ ޓާމިނަލުގެ މަސައްކަތާއި އެއާޕޯޓަށް އިތުރު ވަސީލަތްތައް ގާއިމުކޮށްދީ، އެ އެއާޕޯޓަކީ ވަރަށް ފެންވަރު މަތީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އެ އެއާޕޯޓުގައި ހޮޓެލެއް ގާއިމުކޮށް އިތުރު މަސައްކަތްތައް ވެސް ޕްލޭންކުރެވިފައިވާ ކަމަށެވެ.

ނ. ވިހަފަރުގައި އެއާޕޯޓެއް ހެދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.