ކައުންސިލުތަކުން ސަރުކާރަށް އެއްބާރުލުން ނުދިނަސް ކަންބޮޑުވުމެއް ނެތް ކަމަށާއި އެ މަނިކުފާނަށް މުހިންމީ ރައްޔިތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކުޑަފަރީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު އެހެން ވިދާޅުވެފައިވަނީ ނުސީދާގޮތެއްގައި ކުޑަފަރީ ކައުންސިލަށް ދެއްވި ރައްދެއްގެ ގޮތުގައެވެ.
ކަޑަފަރީ ކައުންސިލުގައި ހިމެނެނީ އިދިކޮޅު އެމްޑީޕީގެ އިތުރުން ދާދި ފަހުން ސަރުކާރު ކޯލިޝަނުން ވަކިވި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ މެންބަރުންނެވެ. އެ ކައުންސިލުގައި ސަރުކާރު ހިންގާ، ޕީއެންސީގެ މެންބަރަކު ނުހިމެނެއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ސިޔާސީގޮތުން ހުންނަ ހިޔާލުތަފާތުވުމަކީ ރައްޔިތުންނަށް ސަރުކާރުން ހިދުމަތްދިނުމުގައި ހުރަހަކަށްވާ ކަހަލަ ކަމަކަށްވިޔަ ނުދީ، ސަރުކާރުން ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށެވެ.
"އެއްވެސް ރަށެއްގައި އޮންނަ ކައުންސިލެއް، ނޫނީއްޔާ އެހެން ބަޔަކު ވިޔަސް، ހިޔާލުތަފާތުވެގެން ރައްޔިތުންނަށް ހިދުމަތްދިނުމަށް ސަރުކާރަށް އެއްވެސް ކަމެއްގައި އެއްބާރުލުން ނުދިނުމަކީ ނޫނީ ލަސްތައް ކުރިމަތިކުރުމަކީ، ހުރަސް ކުރިމަތިކުރުމަކީ އަޅުގަނޑުމެން އެކަމަކާ މާބޮޑަށް ކަންބޮޑުވާ ކަމަކަށް ނުވާނެ. އަޅުގަނޑުމެންނަށް މުހިންމީ ސީދާ ރައްޔިތުންނާ ގާތަށް އައިސް، ރައްޔިތުންނަށް ބޭނުންވާ ކަންކަން އަޑުއަހައިގެން ރައްޔިތުންނަށް ކަންކަން ކޮށްދިނުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ސީދާ ރައްޔިތުން ބޭނުންވާ ގޮތް އަޑުއައްސަވަން ކަމަށާއި އެ މަނިކުފާނަށް މުހިންމީ ސީދާ ރައްޔިތުންނާ ބައްދަލުވުން ކަމަށެވެ.
"އެހެންވީމާ މެދުވެރިންގެ ގޮތުގައި ބައެއް ފަހަރު އެބަތިބޭ ރައްޔިތުން އިންތިހާބުކޮށްފައި އެކި ސަބަބުތަކާ ހުރެ ސަރުކާރާ ހިޔާލުތަފާތުވާ މީހުން. އެބައެއްގެ ހިޔާލުތަފާތުވުން އެ ބަޔަކަށް ދޫކޮށްލާފައި އަޅުގަނޑު ދާނީ ރައްޔިތުނާއެކުގައި ކުރިއަށް. އެއީ އަޅުގަނޑުގެ ސިޔާސަތަކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުޑަފަރީއަކީ ވަކި އެންމެ މީހެއްގެ ރަށެއް ނޫން ކަމަށާއި އެއީ ކުޑަފަރީގެ ހުރިހާ ރައްޔިތުންގެ ރަށެއް ކަމަށެވެ. އަދި ކޮންމެ ރައްޔިތަކު ވެސް ސަރުކާރަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ވަރަށް ބޮޑު ތެދުފުޅެއް.
ބަޗީ - 11 މަސް ކުރިން