އަކްޝޭ ކުމާރުގެ ފިލްމު "ޖޮލީ އެލް.އެލް.ބީ 3" އަކީ 2025 ވަނަ އަހަރު އޭނާގެ އެންމެ ފަހު ރިލީޒް ކަމަށްވާ ކޯޓުރޫމް ކޮމެޑީއެކެވެ. މި ފިލްމުގައި އަކްޝޭ ކުމާރާއި އަރްޝަދު ވާރްސީއާއި ސައުރަބް ޝުކްލާ، ހުމާ ގުރޭޝީ އަދި އަމްރިތާ ރާއޯ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ސުބާޝް ކަޕޫރު ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސެޕްޓެމްބަރު 19 ގައި ނެރެން ހަމަޖައްސާފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.

ފިލްމުގެ މާކެޓިން ކެމްޕޭން އޮގަސްޓު މަހު ފަށަން ނިންމާފައިވާއިރު، ފުރަތަމަ ޓީޒާ އަންނަ މަހުގެ ދެވަނަ ހަފުތާގައި ރިލީޒް ކުރާނެ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ. މި ޓީޒާ، މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ރިލީޒްކުރާ ރިތިކް ރޯޝަންގެ "ވާރ 2" އާއެކު ސިނަމާތަކުން ދައްކާނެއެވެ.

މީގެ މަގުސަދަކީ "ވާރ 2" ބެލުމަށް ގިނަ ބަޔަކު ސިނަމާތަކަށް ދާނެ ކަމަށް ލަފާކުރެވޭތީ، "ޖޮލީ އެލް.އެލް.ބީ 3" އަށް ވެސް ފުޅާ ދާއިރާއެއްގައި ޕްރޮމޯޝަން ލިބިގެން ދިއުމެވެ. މިއީ "ކުރޮސް ޕްރޮމޯޝަން" ގެ ބޭނުންކޮށްގެން ފިލްމު ޕްރޮމޯޓުކުރުމަށް ހިންގާ ހަރަކާތެކެވެ. ފިލްމުގެ ޓީޒާއާއި، ލަވަތަކާއި، ޓްރެއިލާ ހިމެނޭ ގޮތަށް މުޅި މާކެޓިން ޕްލޭން ވަނީ ކުރިން ރޭވިފައި ކަމަށް ހަބަރުތައް ބުނެއެވެ. މިހާރު ވެސް މި ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއްގެ ޝޫޓިން މުމްބާއީގައި ކުރިއަށްދާ ކަމަށް ހަބަރުތަކުގައި ވެއެވެ.