މިދިޔަ 13 އަހަރު އޭނާ އެ ހުރީ މަސްތުވާތަކެއްޗާ ދުރުވެ ސާފުވެގެންނެވެ. އޭނާ ހީކުރީ މުޖުތަމައުން އޭނާ ބަލައިގެންފި ކަމަށެވެ. ކުރީން ދުށް ގޮތް ބަދަލުވެއްޖެ ކަމަށެވެ. ނަމަވެސް އޭނާ ރަނގަޅުނުވާ ކަމަށާއި އަދިވެސް މަސްތުވާތަކެތި ބޭނުންކޮށް އުޅޭކަމަށް ކުރި ތުހުމަތާއެކު އޭނާއަށް އިހުސާސްވީ މި ވާހަކަ ދައްކަން ޖެހޭ ކަމެވެ. ބޭނުންވީ މި މުޖުތަމައުން އޭނާ ބަލައިނުގަނެ އަދިވެސް އެއީ ޑްރަގް އެޑިކްޓެއް ގޮތަށްތޯ ދެކެނީ ބަލާށެވެ.
އިއްޔެ ހެނދުނު ނަޖިދު އޭނާގެ ފޭސްބުކްގައި ހިއްސާކުރީ އޭނާގެ މި ދަތުރުގެ ވާހަކަ އެވެ. އުމުރުން އެންމެ 9 އަހަރުގައި ވަދެވުނު އަނދިރި ހަޔާތުގެ ވާހަކައެވެ. އޭނާގެ މުޅި ދިރިއުޅުމާއި ހަޔާތުގެ އެންމެ އުފާވެރި އަދި އެންމެ ހާއްސަ އެތައް ވަގުތެއްގެ އުފާވެރިކަން ގެއްލުވާލި މަސްތުވާތަކެތީގެ ވަބާގެ ވާހަކަ އެވެ. އެކަމުން ދުރުވުމުން ދިރިއުޅުމަށް ލިބުނު އުފާވެރިކަމާއި ހިތްހަމެޖެހުމުގެ ވާހަކަ އެވެ.
400 އެއްހާ މީހުން އެ ޕޯސްޓު ޝެއާކޮށް އޭނާއަށް ހިތްވަރު ދީފައިވެއެވެ. އެވަރަށް މީހުންގެ ފަރާތުން ލޯބި ލިބިދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ.
"އެހުރިހާ އެންމެންގެ ތެރެއިންވެސް އެންމެ ހާއްސައީ އަޅުގަނޑުގެ ދޮށީ ދަރިފުޅު އޭނާގެ އެކައުންޓުން އެ ޕޯސްޓަށް ކުރި ކޮމެންޓު، ދަރިފުޅު މި ބައްޕައަށްޓަކައި ފަހުރުވެރިވާ ވާހަކަ،" އާންމުންގެ ފަރާތުން ލިބުނު ލޯބީގެ ވާހަކަ ކިޔައިދެމުން ނަޖިދު ބުންޏެވެ.
އެއީ މީގެ 13 އަހަރު ކުރީން ބައްޕައަކީ "ޕާޓޭ"އެއް ކަމަށާއި ކޮއްކޮ ބުންޏަސް މެޓައެއް ގަނެދޭނެ ފައިސާ ބައްޕަ އަތުގައި ނުހުންނެ ކަމަށް ބުނި ދަރިފުޅެވެ.
މަސްތުވާތަކެތީގެ އަޅަކަށް ވީ އުމުރުން 9 އަހަރުުގައި
"އެއީ ވަރަށް ކުރި، އަޅުގަނޑަށް އޭރު ވާނީ 9 އަހަރު، މިހާރު އުމުރުން 43 ފުރިއްޖެ،" މަސްތުވާތަކެތީގެ ތެރެއަށް ވަދެވުނު ގޮތް ނަޖިދު ކިޔައިދިނެވެ.
ސްކޫލުން ދިމާވި ރައްޓެއްސަކު އެންމެ ފުރަތަމަ އޭނާއަށް ދިނީ ސިނގިރޭޓެކެވެ. އެޔަށް އެއްޗެއް އަޅައިފައިވާ ކަމާއި އެއީ ފިހާރަތަކުގައި ވިއްކާން ހުންނަ ސިނގިރޭޓު ނޫންކަމެއް އޭނާއަކަށް ނޭނގެ އެވެ. އެނގުނުހާވެސް އެއްޗަކީ ސިނގިރޭޓެއް ބޯލުމުން އޭނާ "ހަމަޖެހުނު" ކަމެވެ.
"އެގޮތަށް ހަފްތާއެއް ވާންދެން އެމީހުން ސިނގިރޭޓު ދިން، ދެން ހަފްތާއެއް ފަހުން ސިނގިރޭޓެއް ދޭން ބުނީމަ ބުނީ އެހެނެއް ނުދެވޭނެ ނޫންހޭ އަބަދަކު،" އެއީ ހޭޝް އޮއިލް އަޅައިގެން އަލުން ބަންދުކޮށްފައި ހުންނަ ސިނގިރޭޓުކަން ނަޖިދު އަށް އެނގުނީ އެ ދުވަހު އެވެ. ނަމަވެސް އެއިރު އޭނާ ހުރީ އޭގެތެރެއަށް ވަދެ އޭގެ އަޅަކަށް ވެފައެވެ.
އެކުގައި ފެންނާން ތިބި، އަދި އެކަމުގެ ހަގީގަތް އެނގޭ މީހުންގެ ތެރޭގައި އޭނާއަށް އިސްލާހުގެ މަގު ދައްކައިދޭނެ މީހަކު ނެތެވެ. ރައްޓެހީން ނަޖިދުވެސް އެ އަލިފާނުގެ ތެރެއަށް ވައްޓާލީ އެވެ.
އެންމެ ފަހުން މަސްތުވާ ކޮންމެ އެއްޗެއް ބޭނުންކޮށް އެ ވިއްކަން ފެށީ އެވެ. އެކަމަކު މިއިން ކަމެއްގެ ހިލަމެއް ނަޖިދުގެ މައިންބައިފައިންނަކަށް ނުވެ އެވެ.
"އަޅުގަނޑު މަންމަ އާއި ބައްޕައަށް ދެރަ ބަހެއް ބުނާކަށް ނޫން، މަންމަ އާއި ބައްޕަގެ 11 ކުދިން ތިބި، ބައްޕަ އުޅުނީ މަޖޫރީއަކަށް، ބައްޕަގެ އަމިއްލަ ބިމެއް މާލޭގައި އޮތަސް އެތަނުގައި އުޅޭކަށް ނުލިބޭ، ކުއްޔަށް އުޅުނީ. މަންމަ ގޭގެއަށް ގޮސް މަސައްކަތްކޮށްދީގެން ލާރި ހޯދާ. އެޔަކީ ފޮތް ފަންސުރު އަމިއްލައަށް ގަންނަން ޖެހޭ ޒަމާން. އެންމެ ބޭނުންވާ އެއްޗެއް ނުލިބޭ، އެކަމަކު ލިބުނު މިންވަރުން ހުރިހާ އެއްޗެއްވެސް ހޯދައިދިން،" ނަޖިދު ކިޔައިދިނެވެ.
ގްރޭޑް އަށަކާ ހަމަޔަށް ދާންދެން އާއިލާ އެކުގައި އުޅުނީ މާލޭގަ އެވެ. ނަމަވެސް އޭރު އޭނާގެ މަންމަ ބޭނުންވީ މާލެ ދޫކޮށް މަންމަގެ އުފަން އައްޑޫއަށް ބަދަލުވާށެވެ. މާލޭގައި ތިބެން ބޭނުންވި ބޮޑެތި ދަރިން ބައިތިއްބާފައި މަންމަމެން ރަށަށް ބަދަލުވީ އޭނާ ގުރޭޑު 8 ނިމުމުންނެވެ.
"ކިޔަވަންށޭ ކިޔާފަ މަޑުކުރީ، އެކަމަކު ސްކޫލަކަށް ނުދަން، ވިލިނގިއްޔަށް ގޮސް އެތަން މިތާ މުޅިން މަސްތުވާތަކެތީގެ ތެރޭގައި އުޅުނީ،"
ނަމަވެސް އަހަރުތަކެއް ފަހުން ބައްޕަ ބަލިވެ އެއްފަޅި ވާގިނެތުނު ހަބަރު ބޮޑު ދައިތަޔަކު ދިނުމާއެކު ނަޖިދު ދެން ބަދަލުވީ މަންމަ ގާތަށް ރަށަށެވެ. މަސްތުވާތަކެތި ބޭނުންކުރަން އޭނާ ބޭނުންވާތީ މަސައްކަތްކޮށްގެން ފައިސާ ހޯދި އެވެ. ފައިސާއެއް ނެތްނަމަ މަދުމަދުން މަންމަ އަތުންވެސް ފައިސާ ހޯދި އެވެ.
"މަންމަ އޭރު ބުނާނެ ބައެއް ފަހަރު ބައްޕަ ފެންވަރުވާލައި ތާހިރުކޮށްލަން، ދެން އަޅުގަނޑު ބުނާނެ މަންމާއޭ އެކަން ކޮށްދީފާނަމޭ އެކަމަކު ލާރިއެއް ދޭންވާނޭ، މިއަދު ވަރަށް ލަދުގަނޭ، އެކަމަކު ދުވަހަކުވެސް އަޅުގަނޑު ވައްކަމެއް ނުކުރަން،"
"އެހެން އުޅެ އުޅެފަ ދެން އަނެއްކާވެސް އައީ މާލެ، ހަމަ މުޅިން މަސްތުވާތަކެތީގެ ކަންތަކުގަ އުޅެނީ، އެހެން އުޅެނިކޮށް ބައްޕަ ނިޔާވި ހަބަރު ލިބުނީ، އެންމެ އަވަހަށް ޓިކެޓު ނަގައިގެންވެސް ދެވުނުއިރު ބައްޕަ ވަޅުލައި ޖަނާޒާގެ ހުރިހާ ކަމެއް ނިމިއްޖެ،" ދެން ވެސް އިސްލާހުވާން ހިތަކަށް ނާރަ އެވެ.
މަންމަ އަށާއި އާއިލާއަށް ނަޖިދު މަސްތުވާތަކެތި ބޭނުންކުރާކަން އެނގި ވާހަކަ ދެއްކުން ހުއްޓާލީ އޭގެ ފަހުންނެވެ. މަންމަގެ އަޑު އަހައި މަންމައާ ވާހަކަ ދައްކަން ބައެއް ފަހަރު ބޭނުންވި އެވެ. އެކަމަކު އެ ހިތްވަރެއް ނުލިބުނެވެ.
"އެކަމަކު މަންމަ ހުރިހާ ކަމެއްވެސް ކޮށްދޭ. ކިރުތަށި ގިރައިދީ ބިސްކޯދު ނަގައިދީ ލާނެ އެއްޗެހި ދޮވެ ހުރިހާކަމެއް ލޯބިވާ މަންމަ ކޮށްދޭ،"
އެކަމަކު އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ދެވޭ ވަރަށްވުރެ ބޮޑަށް ނަޖިދު ހުރީ މަސްތުވާތަކެތީގެ ތެރެއަށް ގެއްލި ހުސްވެފަ އެވެ. ކައިވެނިކޮށް ދެ ކުދީން ލިބުނު އިރުވެސް އޭނަގެ ދިރިއުޅުމަކީ އެއީ އެވެ. ދަރިޔަކު ލިބުނު ކަމުގެ އިހުސާސެއްވެސް ނުކުރެވެ އެވެ.
"ފުރަތަމަ ދަރިފުޅު ވިހަން އަންހެނުން އޮތީ ހޮސްޕިޓަލުގަ، ދަރިފުޅަށް ނެޕީ ގަންނަން ދިނީ ލާރި، އޭތި އަތުލާފަ މި އަންނަނީއޭ ގަނެގެން ކިޔާފަ ދިޔަ ގޮތަށް އެ ލާރިއަށް މަސްތުވާ އެއްޗެހި ގަނެގެން އެ ބޭނުންކޮށްގެން ގޭގައި އޮއްވާ ނިދުނީ، ދެން އަނެއް ދުވަހު ހޭލައިގެން ހޮސްޕިޓަލަށްގޮސް ބޭބީ އުރާލާފަ ހަމަ ނުކުތީ، ނުކުތްތަނުން ޕޮލިހުން ގެންދިޔައީ،" އެއީ އެގޮތަށް ހައްޔަރުކޮށްގެން ނަޖިދު ގެންދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ.
އޭނާ ހައްޔަރު ކުރީ ކިތައް ފަހަރު ކަމެއް އޭނައަކަށްވެސް ނޭނގެ އެވެ. އެކަމަކު އަތުން މަސްތުވާތަކެތި ފެންނަ ފަހަރަކުވެސް ގްރާމް ހަމަނުވާތީ ދުވަސްކޮޅަކު ޖަލުގައި ބަހައްޓާފައި ދޫކޮށްލަނީ އެވެ.
އަހަރުތައް ފާއިތުވެގެން ދިޔައީ ކިހިނެއްކަންވެސް ނޭނގޭ ކަމަށް ނަޖިދު ބުންޏެވެ. ދެކުދީން ލިބުނުކަން އެނގުނު ނަމަވެސް ބައްޕައެއް ކަމުގެ އުހުސާސެއް ނުކުރެވެ އެވެ. އެއިން ކުއްޖަކަށް ހަރަދެއް ނުކުރެ އެވެ.
"އަންހެނުން ބަނޑުބޮޑުވެގެން ކިތަންމެ ބަލިކޮށް އުޅުނަސް އޭރު ނުހުންނާނެ އޭނައާއެކީ ޑޮކްޓަރަށް ދައްކަންގޮސްލައި ނޫނީ އޭނައަށް ފެންތައްޓެއް ވަރުވެސް ދިއްކޮށްލާފަ، އެއްވެސް ވަރަކަށް އަޅައެއް ނުލަން، އެކަހަލަ ހިޔާލެއްވެސް ނާދޭ،"
"އެކަމަކު ދުވަހަކުވެސް އޭނާ އުފްވެސް ނުބުނޭ، ޝަކުވާއެއް ނުކުރޭ، އަބަދުވެސް ބުނާނޭ ނަޖިދު ދެން ތިކަން ހުއްޓާލަންވީނޫންހޭ މިތިބަ ދެކުދިންގެ ހައްގުގަ، ދެން އާނ މި އިސްލާހުވީއޭ ދެން އެހެން ނޫޅޭނަމޭ ކިޔާފަ މިދަނީ ރިހެބަށް، ނޫނީ ޑިޓޮކްސް ސެންޓަރަށް،" ނަޖިދު ބުނި ގޮތުގައި އެއިން އެއް ފަހަރުވެސް އިސްލާހުވާން އޭނާ ބޭނުމެއް ނުވެ އެވެ. ބޭނުންވީ ގޭތެރޭގައި އެ ޖެހޭ މައްސަލަތަކުން ސަލާމަތްވާށެވެ. އޭރުވެސް އޭނާ އާއި އަނބިމީހާ އަދި ކުދިން ދިރިއުޅެމުން ދިޔައީ އަންހެނުންގެ ގޭގަ އެ އާއިލާއާ އެކުގަ އެވެ.
އެކަމަކު މަސްތުވާތަކެތި ބޭނުންކުރާތީ އޭނާ އެގެއަށް ދަނީ މަދުފަހަރަކު އެވެ. ދިރިއުޅެނީ ހިތަދޫގެ އަނެއްކޮޅުގައި ހުރި މަންމަ ގޭގަ އެވެ. ނުވަތަ ފަޅު ގެއެއްގަ އެވެ. ނުވަތަ ރައްޓެއްސެއްގެ ގޭގަ އެވެ.
ދަރިފުޅު ބުނީ ބައްޕައަކީ ޕާޓޭއެކޭ. ރަނގަޅުވާން ބޭނުންވީ އެ ދުވަހު
"އޭރު ލިބިފަ ތިބީ ދެކުދިން، ހަނދާންވާ ގޮތުގަ އެއީ އަންނިގެ ވެރިކަން. އޭރު ހިންގި ކޮންމެވެސް މަޝްރޫއެއްގައި މަސައްކަތްކުރަން ދިޔައިން، އެތަނުން 15 އިން 15 އަށް މުސާރަ ދޭ، ކޮންމެ ދުވަހަކު ވަކި ވަރަކަށް ލާރި ދޭ، އެ ލާރި ބޭނުންކުރަނީ ހަމަ ބޯން، އެތަނުގަ ގިނައިން މަސައްކަތްކުރީވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން، ދެން އެއް ފަހަރަކު މުސާރަ ދިނީ މަހެއް ހަމަވީމަ، 20،000 ރުފިޔާ ލިބުނު،" އެކަމަކު އޭގެ ދެތިން ގަޑިއިރު ފަހުން ގެޔާ ހަމައަށް ދިޔައިރު އޭނަގެ އަތުގައި އެންމެ ރުފިޔާއެއްވެސް ނެތެވެ.
ނަޖިދު ބުނިގޮތުގައި މަސްތުވެގެން ހުރެ، ދަރީންނާއި އަނބިމީހާ ގާތަކަށް ކުރިޔަކުން ނުދެ އެވެ. ނަމަވެސް މަންމަގެ ގެއިން ހިނގާފައި އަނބިމީހާގެ ގެއަށް އެ ދުވަހު ދެވުނު ގޮތެއް އޭނާއަކަށް ނޭނގެ އެވެ. އެ ގެއަށް ދިޔައިރު ގޭގެ ދޮރުމަތީގައި ތިބީ އޭނާގެ ދެ ކުދީންނެވެ.
"އަންހެން ދަރިފުޅު މި ގޮވާލަނީ ބައްޕީއޭ ކިޔާފަ، ދެން ބުނަނީ ކޮއްކޮއަށް މެޓައެއް ގަނެދޭށޭ، އޭރު އެކުއްޖާއަށް ކިރިޔާ ވާހަކަ ދެއްކޭވަރު ވާނީ، ބުނީމަ ބޮޑު ދަރިފުޅު ބުނަނީ ކޮއްކޯއޭ ބައްޕައެއް ނުގަނެދޭނެ ބައްޕައަކީ ޕާޓޭއެކޭ،"
ދަރިފުޅުގެ ދުލުން އެހެން ބުނި އަޑު އިވުމުން ލިބުނީ ސިހުމެކެވެ. ޖީބުގައި އަތް ޖައްސާލިއިރު ހަމަ އެންމެ ރުފިޔާއެއްވެސް ނެތެވެ. އެކަމަކު މަސްތުވާތަކެއްޗާއި ސިނގިރޭޓު ހުއްޓެވެ.
ދަރިންނާ ދިމާއަށް އިސްއުފުލައިލާނެ ހިތްވަރު ނުލިބި އަނބުރާ ދިޔައީ އެވެ.
"ފަޅުގެއަކަށް ގޮސްފަ ބޭނުންކުރީ، އެދުވަހު ހިތަށް އެރީ މި ނިމުނީ އޭ، އަހަރެންގެ އެހެރަ ކުޑަކުޑަ ދަރިފުޅުވެސް ހީކުރަނީ އަހަންނަކީ ޕާޓޭއެކޭ،"
އަނެއް ދުވަހު އިރުއެރުމުން އޭނާ ދިޔައީ ޑިޓޮކްސް ސެންޓަރަށެވެ. އެތަނަށް އޭނާ ވެއްދީ އެތައް އިރެއްވީ ފަހުން އެ ދުވަހުގެ މެންދުރު އެވެ.
"އެތާހުރި ސިސްޓާ ކައިރީ އާދޭސްކުރަން ވައްދަން، އޭނާ ބުނީ ކިތައް ފަހަރު ނަޖިދު މިތަނަށް އައިސްފިންހޭ، ކޮންމެ ފަހަރަކު މިތަން ގަޑުބަޑުކޮށްފައޭ ދަނީ، ތިއުޅެނީ ކޮންމެހެން ރަނގަޅުވާކަށް ނޫނޭ، ނަޖިދުއަށް އެންމެ 25 ދުވަހުން ވާނީ ކޮންކަމެއްހޭ، އެއީ ކުރިންވެސް އެހެން އުޅެފަ ހުރީ، ކިތައް ފަހަރު އެތަނަށް ދިޔައީ، އެކަމަކު ކޮންމެ ފަހަރަކު ފިލައިގެން އަންނަނީ،"
ނަމަވެސް އެންމެ ފަހު ފަހަރަށް ނަޖިދަށް އެ ދުވަހު ދިން ފުރުސަތުގެ ބޭނުން އޭނާ ހިފީ އެވެ. 25 ދުވަސް ވާންދެން ޑިޓޮކްސް ސެންޓަރުގައި އިސްލާހުވާން މަސައްކަތްކުރިއިރުވެސް އެންމެ ގާތުގައި ހުރީ އޭނާގެ ލޯބިވާ އަނބިމީހާ އެވެ. އެ 25 ދުވަހު ކޮންމެ ދުވަހަކު ހަވީރު ނަޖިދުއާ ބައްދަލުކުރި އެވެ. ހިތްވަރު ދިނެވެ. އެކުގައި ހުރިކަމަށްބުނެ ނަސޭހަތްދިނެވެ.
"ފަސޭހަކަމެއް ނޫން އެއީ، އެތަނުގައި އަޅުގަނޑު ތައުބާ ވެ މުޅީން އަލުން ފަށަން އަޒުމު ކަނޑައެޅީ، ވިސްނީ މިގޮތަށް، ފަތިސް ނަމާދުން ފެށިގެން މެންދުރުވަންދެން ނުބޮއި ހުންނަން، މެންދުރު ނަމާދުން އަސުރު ނަމާދާ ހިސާބަށް، އަސުރުން މަޣުރިބަށް، މަޣުރިބުން އިޝާއަށް، އިޝާއިން ފަތިހަށް، އޭރުއްސުރެ މިއަދާ ހަމައަށް މިހުރީ އެގޮތުގައި،" އެކަމަކު އަދިވެސް އޭނާ ބަލިވާ ކަމަށާއި "ސިކު"ވާކަމަށް ނަޖިދު ބުންޏެވެ. އެކަމަކު ހަމަ އެންމެ ފަހަރަކުވެސް މަސްތުވާތަކެތީގެ ތެރެއަށް އަލުން ވަންނާކަށް ނަޖިދު ބޭނުމެއްނުވެ އެވެ.
"އެގޮތަށް ވީމަ އަންހެނުން ވަރަށް ވާހަަކަ ދައްކައި ހެލްޕުވޭ. ދެން ލިބުނު ދެ ރައްޓެހިން، އެމީހުން ބުނާނެ ގުޅާށޭ! ބޭނުންވެ އެކަމަށް ދާން ބޭނުންވަންޏާ! ކޮންމެ ގަޑިއަކު ގުޅިއަސް އެ ދެ މީހުން އައިސް އަޅުގަނޑު ގެންގޮސް ވާހަކަ ދައްކައި، އެކަމުން ޑިސްޓްރެކްޓްކޮށް ހަދާ، މިހާރުވެސް ވަޒީފާގައި އުޅޭ ގަޑީގައިވެސް އަންހެނުންނަށް ގުޅީމަ އައިސް އަޅުގަނޑާ ވާހަކަ ދައްކައި ހެލްޕުވޭ،"
އާ ފެށުމަކުން ދިރިއުޅުން ފަށަން ބޭނުންވި ނަމަވެސް މުޖުތަމައުގައި ގެއްލިފައި އޮތް އިތުބާރު އަލުން ހޯދުން ނަޖިދަށް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. ވަޒީފާއެއް ދޭން އެކަކުވެސް ބޭނުމެއްނުވެ އެވެ. އެކުގައި މަސައްކަތްކުރާން އެކަކުވެސް ބޭނުމެއް ނުވެ އެވެ.
ނަމަވެސް 6000 ރުފިޔާގެ މުސާރައަކަށް ޑެލިވަރީ ބޯއީއަކަށް މީހަކު ދިން ވަޒީފާއާއެކު އޭނާގެ ދިރިއުޅުން އެކުގައި ބަދަލުވީ އެވެ. މިހާރު އޭނާއަކީ އައްޑޫ ނޭޗާ ޕާކުގައި ސީނިއާ މުވައްޒަފެކެވެ. މީގެ 9 އަހަރުކުރީން އެތަނަށް ވަނީ މަސައްކަތު މީހެއްގެ ވަޒީފާއަށެވެ. އިތުރު ދެ ދަރީން ލިބިއްޖެ އެވެ. ދިރިއުޅުން މިހާރު ވަރަށް އުފާވެރި އެވެ.
"މިއަދު އަޅުގަނޑުގެ މަންމަވެސް ވާހަކަ ދައްކާ، އަންހެނުންގެ މަންމަވެސް، ދަރިފުޅު ކިޔާ ހުރިހާކަމެއްގައި ހިޔާލު ހޯދައި ކޮންމެ ކަމަކު އަޅުގަނޑަށް މަންމަ ގުޅާ، ދެން ހުރީ އަންހެނުން، އަންހެނުންގެ ސަޕޯޓާ ނުލައި އޭނަގެ ލޯތްބާއި ނުލައި މިކަމެއް ނުވާނެ،"
"އަޅުގަނޑުގެ ދޮށީ ދަރިފުޅު މިއަހަރު ގްރެޖުއޭޓް ވެއްޖެ، އަޅުގަނޑު ނުކިޔެވީމަ އެ ފުރުސަތެއް ނުލިބޭ، އެކަމަކު ދަރިފުޅު ގްރެޖުއޭޓް ވެގެން އައިސް އެ ގައުން އަޅުގަނޑު ލައްވާފަ ބުނީ ބައްޕަ ބޭނުންވި ކަހަލަ މީހަކަށޭ މިވީ، އުފަލުން ރޮވުނު،"
ނަމަވެސް މުޖުތަމައުން އަދިވެސް ނަޖިދު ފަދަ މީހުން ބަލައެއް ނުގަނެ އެވެ. އެކަމުގައި އޭނާ އެމީހުން ކުށްވެރިއެއްވެސް ނުކުރެ އެވެ. އެ އިތުބާރު އޭނާ ހޯދާނެ އެވެ. އަނބިމީހާ އާއި ދަރީން އަދި އާއިލާގެ އިތުބާރު ހޯދި ގޮތަށެވެ.
"އަދިވެސް ވަރަށް މަސައްކަތްކުރަން ޖެހޭ އެކަމަށް، އެކަމަކު ކުދީންނާ ދިމާއަށް އެގޮތަށް ކަލޭވެސް ކަލޭގެ ދަރިވެސް ހަކުރު ބޯނޭ އެކަހަލަ ބަސްތައް ބުނާތީ ދެރަވޭ، ކުރީންވެސް އަޑުއިވުނު މީހަކު އެއީ ހަކުރުބޯ ނަޖިދުގެ ކުއްޖާއޭ ބުނެ މީހަކު ދަރިފުޅަށް ނިސްބަތްކުރި އަޑު، އެއީ ބެޑްމިންޓަން މުބާރާތަކުން ދަރިފުޅު ޗެމްޕިއަންކަން ހޯދީމަ އެވާހަކަ ދައްކަމުން،"
ނަޖިދުގެ ހުރިހާ ދަރީންނަށްވެސް އޭނާގެ މާޒީ އެނގެ އެވެ. އެ ކުދީންނަށް ކިޔައިދީ މީހުން ފާޑުފާޑުގެ އެއްޗެހި ކިޔާނެކަން ވިސްނައިދެ އެވެ. އެކަމަކު އެއިން ކަމަކާ އެ ކުދީންގެ މައްސަލައެއް ނެތެވެ. ކުދީން ތިބީ ބައްޕައަށް ފުރިހަމައަށް އިތުބާރުކޮށްގެންނެވެ. ބައްޕައަށް ހެޔޮ މަގު ފެނުނީތީ އުފަލުންނެވެ. ބައްޕަގެ ހަޔާތުގައި ބާކީ އޮތް ދުވަސްތައް ހެޔޮ މަގުގައި ކުރިޔަށް ގެންދިއުމަށް ބައްޕަ އެ ވަމުން އަންނަ ގުރުބާނީގައި ބޭނުންވާ ކޮންމެ ސަޕޯޓެއް ދޭން ތައްޔާރަށެވެ.
އާއިޝަތު މާހާ


މޯލްޑިވްސް އިސްލާމިކް ބޭންކް
އަދާލަތު ޕާޓީ
ބޭންކް އޮފް މޯލްޑިވްސް
އެކްސްޕޯޓް
ކިތަންމެ ރީތިކޮށް އަސަރުގަދަކޮށްވެސް ލިޔެވިދާނެ! އެކަމަކު ނުބޮއެ ނުހުންނާނެކަން ތަޤީން. ތަންކޮޅެއްބަލައިގެން ބޯތީ މީހުންނަށް ނުފެނިދާނެ!
އަލިބެ… - 11 މަސް ކުރިން