މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ދައްކާލައި، ޓާމިނަލާ ގުޅޭ މައުލޫމާތު ދޭން ހާއްސަ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ އެ ސެޝަނުގައި އެ ކުންފުނީގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 16 މުވައްޒަފަކު ބައިވެރިވި ކަމަށާއި އެ މުވައްޒަފުންނަށް އާ ޓާމިނަލަށް މަރުހަބާ ވިދާޅުވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ކަމަށެވެ.

އެ ސެޝަނުގައި އެ މުވައްޒަފުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދީފައިވާ ކަމަށާއި މުވައްްޒަފުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިރެކްޓަރު އޮފް ފައިނޭންސް އަދި އިންޓަޕްރެޓާ ސައީދު އަތުހަރު ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

21 ޖުލައި 2025: އެމްއޭސީއެލްގައި މަސައްކަތްކުރާ އަޑުއިވުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް އާ ޓާމިނަލްގެ މައުލޫމާތު ދީނުން --- ފޮޓޯ/އެމްއޭސީއެލް

ސެޝަނުގައި ބައިވެރިވި އެމްއޭސީއެލްގެ ހައުސްކީޕަރު ސުޒްނާ މުހައްމަދު ސައީދު ބުނީ ކުޑަ ޓާމިނަލަކުން ބޮޑު ޓާމިނަލަކަށް ބަދަލުވާތީ ވަރަށް އުފާވާ ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އާ ޓާމިނަލްގެ ރީތިކަން ފާހަގަކުރަމުން އޭނާ ބުނީ އެކި ގައުމުތަކުގެ ފަތުރުވެރިން އާ ޓާމިނަލަށް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޑޮލީ ސާވިސަސް އެންޑް މެއިންޓަނެންސްގެ ޓެކްނިކަލް ސަޕޯޓް އަހުމަދު އަޝްފާގު ބުނީ, އާ ޓާމިނަލަށް ފުރަތަމަ ފަހަރަށް ވަނުމުން ވަރަށް ގިނަ ކަންކަން އެނގި، ސާފުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވާނެ މީހުން ތިބޭނަމަ އިތުރަށް ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއޭސީއެލުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. އެގޮތުން އެފަދަ މީހުންނަށް ހާއްސަކޮށްގެން އެމްއޭސީއެލުން ތަފާތު އިންޓާންޝިޕް ޕްރޮގްރާމްތައް ވެސް ކުރިއަށްގެންދެއެވެ.