ނ. މަނަދޫގައި މުޅިން އާ ނަރުދަމާ ނިޒާމެއް އެޅުމުގެ މަސައްކަތް އަންނަ މަހު ހަވާލުކޮށް، އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭ މަނަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މަނަދޫގެ ނަރުދަމާ ނިޒާމު އެއްކޮށް ބަދަލުކޮށް، އާ ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށް އަންނަ މަހުގެ ތެރޭގައި އާރުޑީސީއާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިން ހަވާލުކޮށްފައި އޮތް މަގު ހެދުމުގެ މަޝްރޫއު ވެސް ނަރުދަމާއާ އެކީގައި ދާންޖެހޭ ކަމެއް، ނަރުދަމާ އެޅިގެން ނޫނީ ނުވާނެ ކަމެއް. އެހެންވީމާ ނަރުދަމާގެ ނިޒާމު އެއްކޮށް ބަދަލުކުރުމުގެ މަޝްރޫއާ އެކީގައި މަގު ހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް މި އަންނަ މަހު ފެށުމަށް ނިންމިފައިވާ ވާހަކަ ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން. ގާތްގަނޑަކަށް ދޮޅު އަހަރު ދުވަސް ނަގާނެ މިވަރުގެ މަސައްކަތެއް ނިންމަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަނަދޫގައި މިހާރު އޮތް ނިޒާމު ވެސް ކޮންމެވެސް ގޮތަކަށް ވަގުތީގޮތުން ވިޔަސް ލުއިތަކެއް އަންނާނެ ގޮތް ހަދަންޖެހޭ ކަމަށާއި އެހެންވީމާ އެކަން ފެނަކައިގެ ފަރާތުން ކުރެވޭނެ ގޮތަށް، ބޭނުންވާ ބައެއް މަސައްކަތްތައް ރާވާލަން ދަންނަވާފައިވާނެ ކަމަށެވެ. އަދި އެކަން ތަރުތީބުކުރުމުގެ މަސައްކަތް ފެނަކައިގެ ފަރާތުން ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އެކަންކަން ވެސް އިރާދަކުރެއްވިއްޔާ ފެނަކަ މެދުވެރިކޮށް ކުރެވިގެންދާނެ. އެހެންނަމަވެސް ދާއިމީ ހައްލު ގެނައުމަށް އަންނަ މަހު މި ހަވާލުކުރެވިގެން މަސައްކަތް ފެށެނީ. އެހެންވީމާ ނަތީޖާއަކަށްވާނީ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިމެންވާއިރަށް، ދޮޅު އަހަރު ދުވަސް ކަމަށް މި ބަލަނީ، އިރާދަކުރެއްވިއްޔާ އެއްކޮށް ނިޒާމު ބަދަލުކުރެވި، އަދި މަގުތައް ހެދުމުގެ މަސައްކަތުގެ ވެސް ފުދޭވަރަކަށް ޕްރޮގްރެސްއެއް ހާސިލުކުރެވިގެންދާނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމެމުންދާ ވަރަކަށް މަނަދޫގެ މަގުތަކުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމަށެވެ.