ބަންގުލަދޭޝްގެ އެއާ ފޯސްގެ ޖެޓެއް ވެއްޓި، 19 މީހަކު މަރުވެއްޖެއެވެ.

ފަހުގެ ތާރީހެއްގައި ބަންގުލަދޭޝްގައި ހިނގި، ވައިގެ މަގުގެ އެންމެ ބޮޑު ހާދިސާގައި އެ ޖެޓު ވެއްޓިފައިވަނީ ޑާކާގެ ސްކޫލު އަދި ކޮލެޖު ކެމްޕަސްއެއް ހިމެނޭ ސަރަހައްދަކަށެވެ.

ބަންގުލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތުތަކާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު ޔޫނުސް ވިދާޅުވީ އެ ހާދިސާގައި 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.

"އަނިޔާވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 83 މީހުންނަކީ ސްކޫލު ދަރިވަރުން. އަނިޔާވި މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން. ބައެއް މީހުންގެ ހާލު ސީރިއަސް،" ޔޫނުސް ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިއަދު ހިނގި އެ ހާދިސާގައި މަރުވި 19 މީހުންގެ ތެރޭގައި އެއާ ފޯސްގެ ޖެޓުގެ ޕައިލެޓު ވެސް ހިމެނެއެވެ.