ޓްރެވެލް ޓްރޭޓް މޯލްޑިވްސް (ޓީޓީއެމް)ގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.

ރާއްޖޭގެ ލީޑިން ޓްރެވެލް ޓްރޭޑް ޝޯ، ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތައް އަގުވަޒަންކުރާ އިވެންޓެކެވެ. އަންނަ މަހުގެ 27 އަދި 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ޓީޓީއެމްގެ ނުވަވަނަ އެޑިޝަންގައި ޓީޓީއެމް އެވޯޑްސް ނައިޓާއި ގާލާ ނައިޓް އަދި ޓީޓީއެމް ކަނެކްޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު ބައްޓަން ކުރުމުގައި ބީއެމްއެލް އަކީ މުހިންމު ބައިވެރިއެއް ކަމަށާއި އެ ސިނާއަތް ކުރިއެރުވުމަށް ބޭންކުން ނުހަނު އަހުމިއްޔަތުކަމެއްދޭ ކަމަށެވެ.

"ދިވެހި އިގުތިސާދު ކުރިއެރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ފަތުރުވެރިކަން. ބީއެމްއެލްގެ އިތުބާރުކުރެވޭ މާލީ ހިދުމަތްތަކާއެކު ޓްރެވެލް އެކްސްޕީރިއަންސް އިތުރަށް ރަނގަޅު ކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވުމަކީ ބޭންކަށް ލިބޭ ފަހުރެއް،" އޭނާ ވިދާޅުވިއެވެ.

ގައުމީ ބޭންކުން އަންނަނީ އެކި ގޮތްގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވަމުންނެވެ. އޭގެ ތެރޭގައި ރިސޯޓް އަދި ގެސްޓްހައުސް ފަދަ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ބޭނުންވާ ޒަމާނީ މާލީ ހިދުމަތްތައް ދިނުމާއި ސްޓްރެޓްޖިކް ޕާޓްނާޝިޕް ގާއިމުކޮށް އެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ އެކިއެކި މަސައްކަތްތައް ހިމެނެއެވެ.