ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމާ ގުޅޭ ކަންކަން ހިމަނައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްގައި، ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރާނެ ގޮތާއި، އާއްމު ވޯޓުގެ ނަތީޖާ ކަނޑައަޅާނެ ގޮތް ބިލުން ސާފު ނުވާކަމަށާއި، އެކަންތައް ސާފުކޮށް ގާނޫނުގައި ކަނޑައެޅުން މުހިއްމުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ބިލް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބިލްގައި ހުރި ކަންބޮޑުންތައް ހިއްސާކުރައްވަމުން ޒާހިދު ވިދާޅުވީ، އާއްމުންގެ ހިޔާލު ހޯދާނެ ވޯޓު ނެގޭނެ ދެ ހާލަތެއް ބިލްގައި ބަޔާންކޮށްފައިވާއިރު، ރައްޔިތުންނާ ގުޅޭ މުހިއްމު ކަންކަމުގައި އާއްމު ވޯޓު ނަގާނީ މަޖިލީހުން ފާސްކުރާ ގަރާރަކުން ކަމަށް ބުނާއިރު އެ ގަރާރު ފާސްވާނެ ގޮތް 22 ވަނަ މާއްދާގައި ބަޔާންކުރާ ގޮތް ތަފާތު ކަމަށެވެ.

ބިލްގެ ހަ ވަނަ މާއްދާގެ (ށ) ގައި ބުނަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމަށް މަޖިލީހުން ކަނޑައަޅާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށެވެ. ނަމަވެސް 22 ވަނަ މާއްދާގައި ބުނަނީ އެ ގާރާރު މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދުން ފާސްކުރާ ވާހަކައެވެ.

އެހެންކަމުން އެ ދެ މާއްދާ އެއްގޮތްކޮށްލަން ޒާހިދު އެދިވަޑައިގެންނެވިއެވެ. އޭނާ ދެން ފާހަގަ ކުރެއްވީ އާއްމު ވޯޓުގެ ނަތީޖާ ކަނޑައެޅުމަށް ބިލްގައި ހިމެނިފަިވާގޮތެވެ.

ބިލްގެ 31 ވަނަ މާއްދާގައި ބުނަނީ، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކުރާ ބިލެއް ރައީސް ތަސްދީގު ނުކުރައްވައި، އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބަަލަން ނަގާ ވޯޓުގައި، އެ އިސްލާހު ގެނައުމަށް ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސް އެ ބިލް ތަސްދީގުކޮށް ގެޒެޓްގައި ޝާއިއުކުރަން ވާނެ ކަމަށެވެ. އަދި އެނޫން ހާލަތުގައި ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓެއްގައި، ރައްޔިތުންގެ އަގުލަބިއްޔަތު ލިބޭގޮތް އެއީ އެކަމުގައި ރައްޔިތުން ދެކޭގޮތް ކަމަށް ބަލަން ވާނެ ކަަމަށްވެސް ބުނެފައިވެއެވެ.

ޒާހިދު ވިދާޅުވީ އެއް ތަނުގައި ވޯޓު ދިން މީހުންގެ އަގުލަބިއްޔަތުން ފާސްވާ ގޮތަށް އޮވެފައި، އަނެއްބައިގައި ރައްޔިތުންގެ އަގުލަބިއްޔަތުން ފާސްވާގޮތަށް އޮތުމުން ސާފު ނުވާ ކަމަށެވެ.

"އެގޮތަށް އޮތުމުން އޮޅުން އަރާ އެއީ ޖުމްލަ ރައްޔިތުންގެ އަގުލަބިއްޔަތުތޯ، ނޫނީ ވޯޓުލާ އާބާދީތޯ މިކަންތައްތައް ގާނޫނުގައި ސާފުވާން ޖެހޭ، އެހެންނޫނީ އެކި މީހުން އެކި ގޮތަށް މާނަ ކުރުމުގެ ފުރަސަތު އޮތުމުން ދައުލަތަށް ގޮންޖެހުންތައް ދިމާވާނެ،" ޒާހިދު ވިދާޅުވިއެވެ.