ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މުޖުތަމައުގެ ތަރައްގީއާއި ކުރިއެރުމަށް ދެމެހެއްޓެނެވި ޕްރޮޖެކްޓުތައް ހިންގާ ޖަމިއްޔާތަކަށް ހާއްސަކޮށްގެން ބޭންކް ފަންޑް ތައާރަފުކުރީ މިދިޔަ އަހަރު ކަމަށެވެ.

ބޭންކު ފަންޑަކީ ތައުލީމީ، ތިމާވެށި، ކުޅިވަރު އަދި މުޖުތަމައު ކުރިއެރުވުމަށް މަޝްރޫއުތައް ހިންގުމަށް ބޭންކު ފަންޑަށް އެދި ހުށަހަޅާ ޖަމިއްޔާތަކުގެ ތެރެއިން ހޮވާލެވޭ ކޮންމެ ޖަމިއްޔާއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ލިބޭ ފަންޑެއްކަމަށް ބީއެމްއެލުން ބުންޏެވެ.

މި އަހަރު ބޭންކް ފަންޑް ލިބޭ ޖަމިއްޔާތަކަކީ

  • ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް: ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ކްލިނިކެއް ހުޅުމާލޭގައި ގާއިމުކޮށް، ބަލިން ރައްކާތެރިވުމާއި ކުރީ ބައިގައި ބަލި ދެނެގަތުމާއި ހަކުރުބަލި މެނޭޖްކުރުމުގެ ހިދުމަތްތަކަށް ގިނަ ބަޔަކަށް ފަސޭހައިން ވާސިލު ވެވޭނެ ގޮތަށް ހިދުމަތް ފުޅާކުރުން
  • ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ: ދަރިވަރުންގެ ޑިޖިޓަލް މީޑިއާ ހުނަރު ކުރިއެރުވުމަށް ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ޒަމާނީ މަލްޓި މީޑިއާ ސްޓޫޑިއޯއެއް ގާއިމުކޮށް، މިހާރު ވެސް ހިންގަމުން އަންނަ މީޑިއާ ކްލަބްގެ ހިންގުން އިތުރަށް ހަރުދަނާކުރުން
  • ފައުންޑޭޝަން ފޯ އޭދަފުށި ޔޫތު ލިންކޭޖް (ފޭލި): ވޮކޭޝަނަލް އަދި ކްރިއޭޓިވް ސްކިލްސް ތަރައްގީކުރުމަށް ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންޓެގްރޭޓެޑް ދެ ލެބެއް ގާއިމުކުރުމަށް
  • މޯލްޑިވިއަން ނާސަސް އެސޯސިއޭޝަން: ހުޅުމާލެ ފޭސް 2ގައި ދިރިއުޅޭ ފަރާތްތަކަށް ނަފްސާނީ ބަލިތަކަށް ހާއްސަ ހިދުމަތެއް ތައާރަފުކޮށް، ނަފްސާނީ ބަލި އެންމެ ބޮޑަށް ތަހައްމަލުކުރަމުންދާ ފަރާތަތްތަކަށް ބޭނުންވާ އެހީއަށް ފަސޭހައިން ވާސިލުވެވޭނެ ހިދުމަތެއް ގާއިމުކުރުން
  • ޓައިނީ ހާޓްސް މޯލްޑިވްސް: ހިތުގެ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ޕްރޮމޯޓް ކުރުމަށް ޑިޖިޓަލް ވަސީލަތްތަކުގެ ހަބެއް ގާއިމުކުރުން

ބީއެމްއެލުން ބުނީ މުޖުތަމައުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭންކުން މުހިންމު އަހަމިއްޔަތުކަމެއް ދޭނެ ކަމަށެވެ.