ވަރިކޮށް ތިން ފަށްވިތާ ފަސް އަހަރުވެގެން ދިޔައިރު ވެސް ފިރިހެންމީހާގެ ގެއިން ނުނިކުތް އަންހެނެއްގެ މައްސަލަ ހަތަރު އަހަރު ފަހުން ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމައިފިއެވެ.

ބ. ދަރަވަންދޫ، ވަށަފަރުގެ، އަބްދުالله އަލީއާއި ބ. ދޮންފަނު، ލިލީމާގެ، އަމީނާ ޔޫސުފްއާ ދެމީހުންގެ ތިންވަނަ ވަރި ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުންވަ ނީ 22 އޮކްޓޫބަރު 2019 ގައި ސާބިތުކޮށްދީފައެވެ.

ވަރި ސާބިތުކުރުމަށްފަހު، އަމީނާ ގާތުގައި އަބްދުالله އަލީ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވަށަފަރުގެއިން ނުކުންނާން ތަކުރާރުކޮށް ބުނުމުންވެސް އަމީނާ އެގެއިން ނުނިކުމެ އެގޭގައި ދިރިއުޅެމުންދާތީ، އަމީނާ އެގެއިން ނެރެދިނުމަށް އެދި އަބްދުﷲ އަލީގެ ފަރާތުން ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

މެޖިސްޓްރޭޓް ކޯޓުން އެ މައްސަލައިގައި 10 ސެޕްޓެމްބަރު 2020 ވަނަ ދުވަހު ހުކުމްކުރީ 48 ގަޑިއިރުގެ ތެރޭގައި އަމީނާ، ވަށަފަރުގެއިން ނުކުތުމަށެވެ. މެޖިސްޓްރޭޓް ކޯޓުގެ ހުކުމަކީ ޝަރުއީ ގާނޫނީ ހަމަތަކާ ހިލާފަށް ނިންމި ނިންމުމެއް ކަމަށްބުނެ އަމީނާ ވަނީ އެ ހުކުމް ހައިކޯޓުގައި 11 ޖުލައި 2021 ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ.

އަމިނާގެ ފަރާތުން ހައިކޯޓުގައި ބުނެފައިވަނީ އުމުރުން ދުވަސްވެފައި ވަނިކޮށް، ދެމަފިރިންގެ ދެމެދުގައި ނުކުންނަ މައްސަލަތަކުގެ މަތީން ދެފަހަރެއްގެ މަތީން ވަރިވެ، އަދި ތިންވަނަ ފަހަރަކަށް ކައިވެންޏާ ހިސާބަށް ދިޔަ ކަމަށެވެ. ތިންވަނަ ފަހަރަށް އަލީ އަބްދުﷲ އަލީއާ ކައިވެނިކޮށްފައިވަނީ ގެއިން ނެރެ ބޭރުކޮށްނުލާނެ ކަމަށް އަބްދުﷲ އަލީ އެއްބަސްވުމުން ކަމަށާއި އެ އެއްބަސްވުމަށް މެޖިސްޓްރޭޓް ކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. އެ އެއްބަސްވުން ސާބިތުކުރުމަށް ދަރީން ހާޒިރުކޮށްދިނުމަށް ދަށު ކޯޓުގައި އެދުނު ނަމަވެސް އެންމެ އަޑުއެހުމެއްގެ ތެރެއިން ކޯޓުން އެކަންކަން ނިންމާފައިވާކަމަށް އަމީނާގެ ފަރާތުން ބުންޏެވެ.

އަމީނާގެ ފަރާތުން ބުނެފައިވަނީ ގާނޫނީގޮތުން މި ފަދަ މައްސަލަތަކުގައި ރިއާޔަތްކުރަނީ އާއިލާއާބެހޭ ގާނޫނުގައި އޮތް ނިންމުމަށް އެކަނިކަމަށް އޮންނަ އޮތުން ގަބޫލުނުކުރާ ކަމަށާއި، އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުގެ މައްޗަށް ވެސް ރިއާޔަތް ކުރަން ވާނެކަމަށް ގަބޫލުކުރާ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން އަބްދުﷲ އަލީގެ ފަރާތުން ބުނެފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުން ވަކިގޮތަކަށް ކަނޑައަޅާފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީއަތުގައި އެކަމަށް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިއާޔަތްކުރަން ވާނެކަމަށް ބުނެ ހުށަހެޅި ނުކުތާއަކީ ޝަރުއީ އަދި ގާނޫނީ ބުރަދަނެއް ހުރި ނުކުތާއެއް ނޫން ކަމަށެވެ. ސަބަބަކީ ދަށު ކޯޓުން މަައްސަލަ ނިންމުމުގައި އާއިލާއާބެހޭ ގާނޫނަށާއި އިސްލާމްދީނުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށްފައި ވުންކަމަށް އަބްދުﷲ އަލީގެ ފަރާތުން ބުނެފައިވެއެވެ.

އަމީނާ ވަރިކުރި ޝަރީއަތުގެ މަޖިލީހުގައި ދެފަރާތުން ކައިވެނި ކޮށްގެން ހޭދަވި މުއްދަތުގައި ލިބިފައިވާ މުދާ ބެހުމާބެހޭ އެއްވެސް ވާހަކައެއް ވަރިކުރި މަޖިލީހުގައި ދައްކާފައި ނުވާކަމަށް އަބްދުﷲ އަލީގެ ފަރާތުން ބުނެފައިވެއެވެ.

ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް މައްސަލައިގެ ރައުޔުގައި ވިދާޅުވީ އަބްދުﷲ އަލީއަށް ދަރަވަންދޫން ލިބިފައިވާ ގޯއްޗަކީ އަބްދުﷲ އަލީ، އަމީނާއާ ކައިވެނިކޮށްގެން އުޅުނުއިރު ދަރަވަންދޫން ގޯތި ދޫކުރިއިރު ލިބުނު ގޯއްޗެއް ކަމަށެވެ.

އެ ގޯތި އަބްދުﷲ އަލީއަށް ލިބިފައިވަނީ، ގޯތި ލިބުމުގައި "މީހަކާ އިނދެގެން ހުރުން" މި ޝަރުތު އަބްދުﷲ އަލީގެ ކިބައިގައި ފުރިހަމަވާތީކަމަށް އަބްދުﷲ އަލީ ހައިކޯޓުގެ ޝަރީއަތުގައި އެއްބަސްވެފައިވާ ކަމަށެވެ. އެ ގޯތި އިމާރާތް ކުރުމާއި އެ ގޯއްޗަށް ހަރަދުކުރުމުގައި އަމީނާގެ އެއްވެސް ބައިވެރިވުމެއް ވާކަން އަމީނާގެ ފަރާތުން ދަށު ކޯޓުގައި ދައުވާ ކޮށްފައި ނުވާކަން އެނގޭކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ އާއިލާއާބެހޭ ގާނޫނުގައިވާ ގޮތުން ކައިވެނީގެ އެއްބަސްވުމެއް ދެމަފިރިންގެ މެދުގައި ކޮށްފައިވާނަމަ، ވަރި ކުރުމުގެ ހުއްދަދިނުމުގެ ކުރިން ނުވަތަ ކައިވެނި ރޫޅައިދިނުމުގެ ކުރިން، ނުވަތަ ވަރި ރަޖިސްޓްރީކޮށްދިނުމުގެ ކުރިން، ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލްކޮށްފައިވާ މުދަލާއި ފައިސާ، ދެމަފިރިންގެ މެދުގައި އަދުލުވެރި ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގައި އެފަދަ އެއްބަސްވުމެއް ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ނިންމާފައިވާ ގޮތުންނަމަ، ދެމަފިރިންގެ ތެރެެއިން އެކަކަށް ގޯއްޗަށް ޝަރުތު ފުރިހަމަވުމުގެ އުސޫލުން ލިބިފައިވާ ގޯއްޗެއް ކަމުގައިވާނަމަ، އެ ގޯތި ލިބޭ ހިސާބުން އެ ގޯތީގައި ދެމަފިރިންގެ މަސްލަހަތު އުފަންވާނެ އެވެ. އެހެންވެ ވަށަފަރުގޭގައި ނުވަތަ އެ ގޯތީގައި އަމީނާގެ މަސްލަހަތު އުފަންވާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ކައިވެނީގައި ހުރުން އެ ޝަރުތު ފުރިހަމަވެގެން ގޯތި ލިބުނު ކަމުގައި ވީނަމަވެސް އެ ގޯއްޗެއް ރަޖިސްޓްރީ ކުރަނީ ގޯތި ލިބޭ މީހާގެ ނަމުގައި ކަމަށާއި މި މައްސަލައަށް ރިއާޔަތްކުރާއިރު އަބްދުﷲ އަލީގެ ނަމުގައިކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ގާނޫނީ ގޮތުން ބަލާނަމަ އެ ގޯއްޗަކީ އަބްދުلله އަލީގެ މިލްކެއް ކަމަށާއި ކައިވެނި މަތީގައި ދެމިހުރިހާ ދުވަހަކު އަބްދުالله އަލީގެ އަނބިމީހާގެ ހައިސިއްޔަތުން އަމީނާގެ ހައްގެއް އެ ގޯތީގައި އޮންނާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"އިސްތިއުނާފު ކުރެވޭ މައްސަލައިގައި އަބްދުالله އަލީއަށް ގޯތި ލިބިފައިވަނީ އަބްދުالله އަލީ އަމީނާ ޔޫސުފްއާ ކައިވެނިކޮށްގެން ހުރީތީ އެފަރާތުގެ ކިބައިގައި 'ކާވެނި މަތީގައި ހުރުން" މި ޝަރުތު ފުރިހަމަވެގެންކަން އެނގެއެވެ. އެފަރާތަށް ގޯތި ލިބުމުގެ މައިގަނޑު އަސްލަކީ ކައިވެނިކޮށްގެން ހުރުން ކަމުގައިވެފައި އެ ގޯތި ހޯދައި ގޯތީގައި ދިރިއުޅުން އާރާސްތުކުރުމުގައި އަބްދުالله އަލީގެ އަނބިމީހާގެ ހައިސިއްޔަތުން އަމީނާ ޔޫސުފްގެ ބައިވެރިވުން އޮތަތީ އެ ގޯތީގައި އަމީނާ ޔޫސުފްގެ އިކުއިޓަބަލް ރައިޓް (ހަމަހަމަކަމުގެ ހައްގެއް) އޮންނާނެކަމަށް އަހުރެން ދެކެމެވެ" ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް ފަނޑިޔާރު ފައިސަލް ވިދާޅުވީ އަމީނާގެ ފަރާތުން ބުނެފައިވާ ކަންކަން ސާބިތުކޮށްދިނުމަށް ދަށު ކޯޓަށް، ގާނޫނުގައި ބުނާ ގޮތުގެ މަތިން ކިތާބީ އަދި ޝަފަހީ ހެކި ލިޔުމުން ހުށަހަޅާފައި ނެތް ކަމަށާއި ހެކި ހުށަހަޅާފައިނުވާކަަމަށް އަމީނާ ހައިކޯޓުގައިވެސް އެއްބަސްވެފައިވާ ކަމަށެވެ.

އެހެންވެ ފަނޑިޔާރު ފައިސަލް ވިދާޅުވީ މި މައްސަލައިގެ އިސްތިއުނާފު އަމީނާގެ ފަރާތުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށްގެން ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު ފާތިމަތު ފަރްހީޒާ އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވަނީ ތާއިދު ކުރައްވައިފައެވެ.

އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ފަނޑިޔާރު ފައިސަލް ވިދާޅުވީ އަމީނާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އިސްތިއުނާފީ ދައުވާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.