ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމަތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ނިއުމަތު ޝަފީގުގެ މަގާމުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހަށް ހަމަވާތީ އޭނާގެ މަގާމުގެ މުއްދަތު ފަސް އަހަރަށް އިތުރު ކޮށްދެއްވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު ރައްްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅާ ގުޅިގެން މިމަހު 14 ވަނަ ދުވަހު މަޖިލީހުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.

ނިއުމަތުގެ ދައުރު ފަސް އަހަރަށް އިތުރުކުރަން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާގުންނެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަކީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މަގާމެކެވެ. އެއީ 2019 ވަނަ އަހަރުގެ ތެރޭގައި މަޖިލީހުން ފާސްކުރި ގާނޫނެކެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމަތު އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުއެވެ. އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވާނީ މިމަހުގެ 23 އަށެވެ.