މާލޭ ސަރަހައްދުގައި ނުބައި ރަޖިސްޓްރޭޝަން ބޯޑެއް ޖަހައިގެން ސައިކަލް ދުއްވި ފުލުސް މީހާއަށް ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މާލޭ ސަރަހައްދުގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ބޭނުން ކުރަނީ "އޭ" ރަޖިސްޓްރޭޝަން ބޯޑެވެ.

އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯގައި ފެންނަނީ ފުލަހަކު ދުއްވަން އިން ސައިކަލުގެ ރަޖިސްޓްރޭޝަން ބޯޑުގެ ގޮތުގައި "ސީ" ބޯޑެއް ހަރުކޮށްފައި ހުއްޓެވެ. "ސީ" ބޯޑަކީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް ދޫކުރާ ރަޖިސްޓްރޭޝަން ބޯޑެވެ. މާލޭ، ވިލިމާލެ އަދި ހުޅުމާލޭގައި ބޭނުންކުރަނީ "އޭ" ބޯޑެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން މިއަދު އެކްސްގައިކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފޮޓޯއިން ފެންނަ ފުލުސް އޮފިސަރަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ އެފަދަ އަމަލުތައް އިސްލާހު ކުރުމަށްވެސް އެ ފުލުހަށް ނަސޭހަތްދީފައި ވާނެ ކަމަށެވެ.