ނ. މާފަރު ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. އަތޮޅުގެ ރަށްރަތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު މާފަރަށެވެ. އެ އިމާރާތުގެ ބިންގާ އަޅައިފައިވަނީ މި ދަތުރުފުޅުގެ ތެރެއިންނެވެ.

ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އޭގެ އިތުރުން އެ އިމާރާތުގެ އަމަލީ މަސައްކަތް ވެސް މިނިސްޓަރު އިހުސާން ވަނީ ފައްޓަވައިދެއްވައިފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ މިނިސްޓަރުންގެ އިތުރުން އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.

21 ޖުލައި 2025، ނ. މާފަރު ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ 46 ރަށެއްގައި ޕޮލިސް ސްޓޭޝަން ނެތްކަން މި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. ރައްޔިތުން އެދޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ ޕޮލިސް ސްޓޭޝަންތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދެ އަހަރުތެރޭ ޕޮލިސް ސްޓޭޝަންތައް ގާއިމުކޮށް ނިންމުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.