ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭ ކަމަށްބުނެ، ފަހި ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެފްޑީސީން ފުލެޓުތައް ހަވާލުކުރުމާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާ އިރު، ފަހި ޔޫނިއަނުން މިއަދު ވަނީ އެފްޑީސީއާ ބައްދަލުކޮށްފައެވެ.
އެ ބައްދަލުވުމަށްފަހު ފަހި ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެހެން ސޯޝަލް ހައުސިން މަޝްރޫއުތަކާ ހިލާފަށް، އެފްޑީސީން ކުއްޔަށްދޭ ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދީފައިވާ ކަމަށާއި އަދި ޑައުންޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ނުދައްކާ ނަމަ، ތަޅުދަނޑި ހަވާލުނުކުރެވޭނެ ކަމަށް އެފްޑީސީން މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭގެ އިތުރުން ކޮންމެ މަހެއްގެ ދިހަވަނަ ދުވަހުގެ ފަހުން ކުލި ދައްކާ ނަމަ، 7000 ރުފިޔާ ދައްކާ ދެ ކޮޓަރީގެ ފުލެޓުތަކަށް 100 ޕަސަންޓަށްވުރެ ބޮޑު ޖޫރިމަނާއަކާއެކު 15،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީއާއެކު ހަދާ އެއްބަސްވުމުގައި ހިމަނާފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދީފައިވާ ކަމަށް ފަހި ޔޫނިއަނުން ބުންޏެވެ.
އެގޮތަށް ކޮންމެ މަހެއްގެ ދިހަވަނަ ދުވަހުގެ ފަހުން ކުލި ދައްކާ ނަމަ، 9000 ރުފިޔާ ދައްކާ ތިން ކޮޓަރީގެ އެޕާޓުމަންޓުތަކަށް 170 ޕަސަންޓަށްވުރެ ބޮޑު ޖޫރިމަނާއަކާއެކު 25،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ވެސް އެއްބަސްވުމުގައި ހިމަނާފައިވާނެ ކަމަށް އެފްޑީސީން މައުލޫމާތު ދީފައިވާ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.
ފަހި ޔޫނިއަނުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖޭގެ އިގުތިސާދީ ހާލަތަށް ރިއާޔަތްކޮށް ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓުތަކާއި ހިޔާ ފުލެޓާއި ވިނެރަސް ފުލެޓުގެ އިތުރުން ރާއްޖޭގެ އެހެނިހެން ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ކުޑަކުރެއްވި ފަދައިން އެފްޑީސީގެ ފުލެޓުތަކުގެ ކުލި ވެސް ކުޑަކޮށްދެއްވުމަށް ދަންނަވާ ކަމަށެވެ.
"ފަހި ޔޫނިއަނުން ދެކޭގޮތުގައި ނިމިދިޔަ ސަރުކާރުން ވަނީ ފުލެޓު ލިބޭ ފަރާތާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު ފުލެޓު ކަނޑައަޅައި އެއްބަސްވުމުގައި ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގައި ވަނީ ދެ ކޮޓަރީގެ ފުލެޓުގެ ކުއްޔަކީ މަހަކު 5000 ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ފުލެޓުގެ ކުއްޔަކީ މަހަކު 7000 ރުފިޔާ ކަމަށެވެ..،" ފަހި ޔޫނިއަންގެ ބަޔާނުގައި ބުންޏެވެ.
ފަހި ޔޫނިއަނުން އިތުރަށް ބުނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް އިތުރު ބުރައެއް އަދި ތަކުލީފެއް އުފުލަން ނުޖެހޭނެ ގޮތަކަށް ހަމަހަމަކާއި އިންސާފުވެރިކަމާއެކު 4000 ފުލެޓުގެ ކުލި ހަމަޖައްސަވައިދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ގެދޮރުވެރިޔާ ސްކީމް
ގެދޮރުވެރިޔާ ސްކީމް
ތި އޮތީ ދިރުއުޅުން ފަހިވާނެ ހެން ފްލެޓް ބަޔަކަށް ދެވިފާ އެންމެންގެ ވޯޓު ޕީއެންސީއަށް
ދިރާސާ - 11 މަސް ކުރިން