މާލެ ސަރަހައްދުގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ފަރާތުން "ސިނާރިއޯ ބޭސްޑް އެކްސައިޒް"ތަކެއް ކުރިއަށްގެންގޮސްފިއެވެ.
އެ ހަރަކާތް ކުރިއަށްގެންދިޔައީ ސަލްމާން މިސްކިތް ސަރަހައްދުގައި މިއަދުގެ ހަވީރު 4:30 އިން ހަވީރު 6:00 އަށެވެ.
އެ ސަރަހައްދުގައި ފުލުހުން ވަނީ އެކްސިޑެންޓެއް ހިނގާފައިވާ ސީންއެއް މަގުމަތީގައި ދައްކާލައިފައެވެ. އެ ސީނުގައި ދައްކުވައިދެނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ދެ މީހަކަށް އަނިޔާވެފައިވާ ތަނެވެ.
ފުލުހުން ދައްކުވައިދިން އެ އެކްސިޑެންޓުގައި އަނިޔާވެފައިވާކަން ސިފަކޮށްދިން ދެ މީހުންނަށް އެކި ކަހަލަ ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ވަނީ ދައްކުވައިދީފައެވެ.
އެ ހަރަކާތުގައި ފުލުހުންގެ އިދާރާގެ ފަރާތުން ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ފަސީހު، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު އަސްލަހު، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް އަލީ އަދި ޕޮލިސް ސާޖަންޓު އަލީ ފަސީހު ވަނީ އެކްސިޑެންޓުތަކުން ސަލާމަތްވުމަށް އަޅަންވީ ފިޔަވަޅުތަކާއި އަދި އެކަމާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ރައްޔިތުންނާ ހިއްސާކުރައްވައިފައެވެ.
އޭގެތެރޭގައި ގިނަ އެކްސިޑެންޓުތައް ދިމާވާން މެދުވެރިވަނީ ސްޕީޑް ލިމިޓާ އެއްގޮތަށް އަމަލުނުކުރުމާއި، ހެދިފައިވާ މަގުމަތީގެ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާތީ ކަަމަށް ފާހަގަކޮށްފައިވެއެވެ.
ބްރިޖުމަތީގައި ހެލްމެޓް އެޅުމުގެ ގަވައިދުތަަކަށް ބޯނުލެބުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެ، ބައެއް ފަރާތްތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބެމުންދާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
ހަމައެއާއެކު އަނެކާގެ ފުރާނައަށް ނުރައްކާވެދާނެ ހާލަތްތަކަށް ދުއްވާ މީހުންނާއި މަގު ހިނގާ މީހުންވެސް ސަމާލުކަން ދިނުމަށާއި ބްރިޖު އަދި ހައިވޭ މަތީ ކުޑަކުދިން ގޮވައިން ދުއްވާ ވަގުތުގައި ސޭފްޓީބެލްޓު އެޅުމުގެ މުހިންމު ކަމުގެ މައްޗަށް ފުލުހުން ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެ، އަލިއަޅުވާލައްވައިފައެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި 1000 އަށްވުރެ ގިނަ އެކްސިޑެންޓުގެ މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރެއިން 61 ޕަސެންޓު އެކްސިޑެންޓުތަކަކީ ނުރައްކާތެރި އެކްސިޑެންޓުތަކުުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
މާލޭގައި އެންމެ ފަހުން ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓަކީ މާފަންނު ބަސް ސްޓޭޝަން ކުރިމަތިން މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެވެ. ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އެ ވަގުތު އެތާ ކައިރިން ދަތުރުކުރި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއްވިއެވެ.
އޭގެ ތެރެއިން 17 އަހަރުގެ ފިރިހެން ކުއްޖަކު ހަމަ އެރޭ ވަނީ މަރުވެފައެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު، ޔޫސުފް އަލްސަން މުހައްމަދެވެ. އޭނާއަކީ ސައިކަލު ދުއްވަން އިން ކުއްޖާއެވެ.
އެ އެކްސިޑެންޓުގައި ދެން އަނިޔާވީ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާ އާއި ދުވަން ނުކުމެ އުޅުނު 40 އަހަރުގެ ފިރިހެނަކަށެވެ. އޭގެ ތެރެއިން 16 އަހަރުގެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އިއްޔެ ދޫކޮށްލާފައިވާ އިރު، 40 އަހަރުގެ މީހާއަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ފިލްމާއި ޑްރާމާކުޅެ ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި އެނބުރުން ނޫންކަމެއް ކުރެވޭތޯ ޕޮލިހުންނަށް... މުޅިންވެސް ފިލްމު ކުޅުމުގައި އުޅޭބައެއް.. ކުރަން ހުރި ކަންކަން ބަހައްޓާފަ..
ޕޮލިސް - 11 މަސް ކުރިން