ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުގެ ރަސްމިއްޔާތަށް، ދޮޅު ގަޑިއިރަށް އެ އެއާޕޯޓުގެ ވައިގެ ސަރަހައްދު ބަންދުކުރަން އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
އާ ޓާމިނަލް ރަސްމީކޮށް ހުޅުވާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ. އެކަމަށްޓަކައި އެމްއޭސީއެލުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
އެއާޕޯޓު ހުޅުވުމުގެ ގޮތުން ޑްރޯން ޝޯއަކާއެކު ހަވާވެސް އަރުވައެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އާ ޓާމިނަލް ހުޅުވާ ރޭ 8:30 އިން ފެށިގެން 10:00 ގަޑިއިރަށް ވީއައިއޭގެ ވައިގެ ސަރަހައްދު ބަންދުވާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ވައިގެ ސަރަހައްދު ބަންދު ކުރަން ނޮޓަމްއެއް ނެރެ އާންމުކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، އެއާޕޯޓު ހުޅުވުގެ ރަސްމިއްޔާތާ ދިމާކޮށް ހުޅުމާލޭ ސެންޓްރަލް ޕާކާއި އައްޑޫ ސިޓީގައި ވެސް ހާއްސަ ޝޯއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، މިމަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލުން ތައްޔާރުވަމުން އަންނަ އިރު، އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކަށެވެ. އެއަށްފަހު އޮރާޓް ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ.
އާ ޓާމިނަލްގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާއެވެ. އެ ކުންފުނިން އެ މަސައްކަތް ހަވާލުކުރީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާއެވެ. އާ ޓާމިލަކަށް 600 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ އާ ޓާމިނަލަކީ ވީއައިއޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ދަތުރުވެރިންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް މަގުފަހިކޮށްދޭނެ ޒަމާނީ ޓާމިނަލެއް ކަމަށާއި އެ ޓާމިނަލް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ރީތިކަމާއި ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
ޖުމުލަ 72،000 އަކަފޫޓު ބޮޑުމިނުގެ އެ ޓާމިނަލުގައި 47 ޗެކް-އިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކިއޮސްކާއި ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް އަދި އެޑްވާންސްޑް ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި