ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ނުކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މިއީ ކަރެކްޝަންސްގެ ޕްރިޒަންސް ކުލަބްގެ އެކައުންޓުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއްގެ ތުހުމަތުގައި ކަރެކްޝަންސްގެ ކުރީގެ އޭސީޕީ މުހައްމަދު އާސިފް ގިނަ ދުވަސްތަކެއް ވާންދެން ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު މިދިޔަ ބުދަ ދުވަހު ވަކިކުރި މައްސަލައާ ގުޅުންހުރި މައްސަލައެކެވެ.

އޭނާ ވަކިކުރި އެ މައްސަލައިގައި އާސިފްގެ ފަރާތުން ނެރެދިނުމަށް އެދުނު އަމުރެކެވެ.

އޭނާގެ ފަރާތުން ސިވިލް ކޯޓުގައި އެދުނީ އޭނާ ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ދައުލަތާ ދެކޮޅަށް ދައުވާކުރަން ނިންމާފައިވާތީ، އެ މައްސަލާގައި ކޯޓުން ގޮތެއް ނިމެންދެން އެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

މިހާރު އަމަލުކުރާ މަދަނީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ދައުވާ ހުށަހެޅުމުގެ ކުރީން ވެސް ވަގުތީ އަމުރަކަށް އެދެވިދާނެ އެވެ.

އެހެންވެ، ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނަނީ ކަރެކްޝަންސް އޭސީޕީގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށާއި އަދި އެ މަގާމުގެ މައްޗަށް ތިން ވަނަ ފަރާތެއްގެ ހައްގެއް އުފަން ވެދާނެ އެއްވެސް ކަމެއް ކުރާނަމަ އެކަމެއް ވަގުތުން ހުއްޓާލަން އަންގާ ކަމަށެވެ.

ނަމަވެސް ކޯޓުގެ އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ދައުވާކުރާނަމަ، ކަރެކްޝަންސްއާ ދެކޮޅަށް އަންނަ މަހުގެ 17 ގެ ކުރިން ދައުވާ ހުށަހަޅަން ޖެހެ އެވެ. އެ މުއްދަތުގައި ދައުވާ ނުކޮށްފިނަމަ ވަގުތީ އަމުރު ނިމުމަކަށް އަންނާނެ ކަމަށާއި އަދި އެ މައްސަލަ ހުށަހަޅައިފި ނަމަ ޝަރީއަތުން ވަކި ގޮތެއް އަންގާންދެން އެ އަމުރު ދެމިއޮންނާނެ ކަމަށް، ވެސް އަމުރުގައި ބުނެއެވެ.