ރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާގުޅިގެން މިއަދަކީ އެމަނިކުފާނު އެ މަގާމުގައި ހުންނަވާ ފަހު ދުވަސްކަމުން، ވަގުތީގޮތުން ސުޕްރީމް ކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ މެއިމަހުގެ 8 ވަނަ ދުވަހު، އުއްތަަމަ ފަނޑިޔާރުގެ ރިޓަޔާމެންޓް ހުށަހެޅުއްވުވާގުޅިގެން މިމަހު 17 ގައި ޖޭއެސްސީން ވަނީ އެމަނިކުފާނު ރިޓަޔާ ކުރައްވަން ނިންމައިފައެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް މަގާމުން ރިޓަޔަވެވަޑައިގަތުމަށް ހުށަހެޅުއްވި ފަހުން ޖޭއެސްސީން ވަނީ ފަނޑިޔާރުންގެ ރިޓަޔަމަންޓް ގަވައިދު އިސްލާހުކުރަން ވެސް ހުށަހަޅައިފައެވެ.
ޖޭއެސްސީން ގެންނަން ހުށަހެޅި އިސްލާހުތަކުގައި ވަނީ ދަތުރުފަތުރުގެ އެލަވަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000 ރުފިޔާ ދިނުމަށާއި ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރުކަމުގައި ހޭދަވި މުއްދަތުގެ އިތުރުން ދައުލަތަށް ހިދުމަތް ކުރި މުޅި މުއްދަތު ހިމެނުމަށެވެ.
ޖޭއެސްސީން ހުށަހެޅި ގޮތަށް މަޖިލީހުން ގަވާއިދު ބަދަލުކޮށްފި ނަމަ ފަނޑިޔާރު މުއުތަސިމްއަށް މިހާރު ލިބިވަޑައިގަންނަވަން އޮތް 185،100 ރުފިޔާގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600 ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޖޭއެސްސީން ހުށަހެޅި ފަދަ އެލަވެންސް ދިނުމަކީ ދައުލަތުން އިތުރަށް ކުރަން ޖެހޭ ހަރަދަކަށްވާތީ، އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދައި، އެ ލަފާގެ މަތިން ޕޭ-ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިން ގަވައިދު އިސްލާހުކުރަން ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
އެއަށްފަހު ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، މަމްދޫހު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވިއެވެ. އަދި ކޮމިޓީގައި އޭރު ތިއްބެވި މެންބަރުންގެ އިއްތިފާގުން އެކަން ފާސްކުރިއެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވަން އުޅުއްވާކަމުގެ އަޑުތަކެއް މިދިޔަ އަހަރު ވެސް ފެތުރުނެވެ. ނަމަވެސް އެފަދަ އިޝާރާތެއް އަމިއްލަފުޅަށް ކުރައްވާފައި މިވަނީ ސިއްހީ ހާލުކޮޅު ގޯސްވެގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާވެސް ދީފައި ވަނިކޮށެވެ.
ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އައްޔަންކުރެއްވީ 10 އޮގަސްޓު 2010 ގައެވެ. އެ މަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 2014 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރައްވައިފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އެ މަނިކުފާނު ވަކިކުރެއްވީ ވެސް 2014 ވަނަ އަހަރުގައެވެ.
ނަމަވެސް 2019 ވަނަ އަހަރު، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އެ މަނިކުފާނުގެ ނަންފުޅު އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވިއެވެ. އެ މަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުވައި ކުރެއްވީ 2019 ޑިސެމްބަރު 8 ގައެވެ.
އެ މަނިކުފާނު ވަނީ 1994 އިން 2001 ގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން (މިހާރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ) ގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވައިފައެވެ. މީގެ އިތުރުން 2005 އިން 2010 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު މަސައްކަތްކުރައްވާފައިވަނީ ލޯ ފާމެއް ކަމަށްވާ ކްލިޕާ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގައެވެ.
އިބްރާހިމް ޒަކީ
ތައުލީމީ ދާއިރާ
ރައްޔިތުންގެ މަޖިލިސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައްޔިތުންގެ މަޖިލިސް