ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅިގެން އެއާޕޯޓުގެ ކާރު ކިއުއަށާއި އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ކާރުތައް މަޑުކުރަންޖެހޭ ތަނަށް ބަދަލު ގެންނަން ނިންމައިފިއެވެ.
އެއާޕޯޓުގެ ކާރު ކިއުއަށާއި އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ކާރުތައް މަޑުކުރަންޖެހޭ ތަނަށް ބަދަލު ގެންނަން ނިންމާފައިވަނީ މާދަމާ އިން ފެށިގެންނެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ ހުޅުލޭގެ ދެކުނު ފަރާތުގައި އޮންނަ ކާރު ކިއު ޑޮމެސްޓިކް ޓާމިނަލް ކައިރީގައި އޮންނަ ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެތަނުގައި ކިއު ބެލެހެއްޓުމުގެ ކަންކަން އެ ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް (އީއެސްއެސް) އިން ކުރިއަށްގެންދާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އޭގެ އިތުރުން ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ކާރުތަކަށް މަޑެއް ނުކުރެވޭނެ ކަމަށާއި އޭގެ ބަދަލުގައި ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ކާރުތައް މަޑުކުރާނީ އިންޓަނޭޝަނަލް ޓާމިނަލަށް އަންނަ ކާރުތައް މަޑުކުރަން ހާއްސަކޮށްފައިވާ ސަރަހައްދަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އަދި އެ ބަދަލާއެކު ވީއައިއޭއަށް ދަތުރުކުރާ އެމްޓީސީސީގެ ބަސްތައް މަޑުކުރެވޭނީ ކޯޕަރޭޓް އޮފީސް ފަހަތުގައި އޮންނަ ބަސް ހުއްޓިއަށް އެކަންޏެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް އެމްއޭސީއެލުން ބާރު ސްޕީޑުގައި ކުރިއަށްގެންދާ އިރު، އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ގައެވެ.
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް