ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. ދުވާފަރުގައި ބޭންކުގެ ބްރާންޗެއް ހުޅުވައި ހިދުމަތް އިތުރަށް ފުޅާކޮށްފިއެވެ.
ދުވާފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު އަދި ޑެޕިއުޓީ ސީއީއޯ އެންޑް ޗީފް އޮޕަރޭޓިން އޮފިސަރު ސަހާ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލުން ބުނީ ދުވާފަރުގައި ހުޅުވި އާ ބްރާންޗުން "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން ދެމުންދާނީ އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެން ކަމަށެވެ.
އެއާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 40 ބްރާންޗު، 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް، ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިން ހިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިން ހައްލުތަކާއެކު، ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ގޮތުގައި ބޭންކުގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ ބޭންކުގެ ހިދުމަތް ލިބޭ ތަންތަން އިތުރުކުރުމާއެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނާޝިޕްތައް އިތުރަށް ކުރިއެރުވުމަށް ބޭންކުން މަސައްކަތްކުރަމުން ދާނެ ކަމަށެވެ.
އެންމެ ފުރަތަމަ ބީއެމްއެލްގެ ބްރާންޗެއް 1982 ވަނަ އަހަރު ހުޅުވީ މާލޭގައެވެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، މާލީ ބައިވެރިވުން އިތުރުކުރުމަށް ހާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮންމެ ރަށަކުންވެސް ބޭންކިން ހިދުމަތް ލިބޭނެ ގޮތަށް ބީއެމްއެލުން ދަނީ ހިދުމަތްތައް ފުޅާކުރަމުންނެވެ.
ދުވާފަރުގައި މިއަދު ހުޅުވުގެން ދިޔައީ ބީއެމްއެލްގެ 40 ވަނަ ބްރާންޗެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް