މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވިންޗް އޮޕަރޭޓަރުންނަކީީ އާންމުގޮތެއްގައި އަޑުއިވޭ ނަމެއް ނޫނެވެ. ނަމަވެސް، ވިންޗް އޮޕަރޭޓަރުންނަކީ ރާއްޖޭގެ އިގުތިސޯދުގެ މުހިންމު ދައުރެއް ބިނާކުރުމުގައި އަގުހުރި ހިދުމަތްތަކެއް ފޯރުކޮށްދެމުންދާ ބައެކެވެ. ވިންޗް އޮޕަރޭޓަރުންނަކީ ބަނދަރުތަކުގައި މުދާ އަރުވައި ބޭލުމުގެ މަސައްކަތުގައި ބޭނުންކުރާ ކްރޭން އޮޕަރޭޓް ކުރާ ފަންނީ މަސައްކަތްތެރިންނެވެ. މި މަސައްކަތަކީ ވަރަށް ޒިންމާދާރު އަދި ފަރުވާތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެކެވެ.
އެމްޕީއެލްގެ ބަނދަރުތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ކޮންޓެއިނަރެއް އަރުވައި ބޭލުމުގެ މަސައްކަތް ކުރެވެމުންދެއެވެ. އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމުގައި ވިންޗް އޮޕަރޭޓަރުންގެ ހުނަރާއި ތަޖުރިބާ ވަރަށް މުހިންމު ދައުރެއް އަދާ ކުރެއެވެ. ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ވިޔަފާރި ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނަ އިރު، ވިންޗް އޮޕަރޭޓަރުންގެ ދައުރު އިތުރަށް މުހިންމުވަމުންދާކަން ޔަގީނެވެ.
ވިންޗް އޮޕަރޭޓަރުންނަކީ އެމްޕީއެލްގެ އޮޕަރޭޝަންތައް ފެށުމުގެ "މައި ތަޅުދަނޑި" އޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެމްޕީއެލްގެ މައި އޮޕަރޭޝަންތައް ފެށިގެން ދަނީ ވިންޗް އޮޕަރޭޓަރުން އެމީހުންގެ މަސައްކަތް ފެށުމަށްޓަކައި ތަޅުދަނޑި އަނބުރާލުމާ އެކުގައެވެ.
ވިންޗް އޮޕަރޭޓަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ، ބޯޓުގައި ހުންނަ ކްރޭން އޮޕަރޭޓް ކުުރުމެވެ. އަދި ބޯޓުގައި ހުންނަ ކޮންޓެއިނަރުތައް ބޯޓުން ބޭލުމާއި އެއްގަމުގައި ކަނޑައެޅިފައިވާ ސްލޮޓްތަކުގައި ބެހެއްޓުމެވެ. މި މަސައްކަތަކީ ފެންނަ ފެނުމަށް ކުރަން ފަސޭހަ ކަމަކަށް ވިޔަސް، މިއީ ވަރަށް ނުރައްކާތެރި އަދި "ރިސްކް" ބޮޑު މަސައްކަތެކެވެ. މި މަސައްކަތަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މި މަސައްކަތަށް ވަކި ޙާއްސަ ތަމްރީންނާއި ތަޖުރިބާ ބޭނުންވެއެވެ.
އެފަދަ ފާހަގަކޮށްލެވޭ ފަރާތެއްގެ ގޮތުގައި އެމްޕީއެލްގެ އޮޕަރޭޝަންސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވާ ސްޕެޝަލިސްޓް ވިންޗް އޮޕަރޭޓަރު އަހުމަދު ހަސަން ހިމެނެއެވެ. ހަސަން، އެމްޕީއެލްއާ ފުރަތަމަ ގުޅިވަޑައިގަތީ 2010 ވަނަ އަހަރު ލޭބަރެއްގެ ގޮތުގައެވެ. ފަސް އަހަރު ވަންދެން ލޭބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، އޭނާގެ މަސައްކަތަށް ދެއްވާ ސަމާލުކަމާއި ޝައުގުވެރިކަމުގެ ސަބަބުން އަދި އެމްޕީއެލްގެ އޭރުގެ މެނޭޖްމަންޓުގެ އިރުޝާދާއެކު، ވިންޗް އޮޕަރޭޓަރަކަށް ވުމަށް ތަމްރީނުވުމަށް ނިންމިއެވެ. އޭގެފަހުން މަގާމުގެ ކުރިއެރުން ލިބިގެން، މިހާރު ހަސަންއަކީ ވިންޗް އޮޕަރޭޓަރުންގެ ދާއިރާގައި އެންމެ މަތީ މަގާމް ހާސިލުކުރައްވާފައިވާ ފަރާތެކެވެ. ހަސަން މި ކާމިޔާބީ ހޯއްދަވާފައިވަނީ އޭނާގެ މިންނެތް ބުރަ މަސައްކަތާއި ކުޅަދާނަކަމުންނެވެ.
އެމްޕީއެލްގެ ވިންޗްމަނަކަށްވުމަށް ޝައުގުވެރިކަން އުފެދުނީ ކިހިނެއް؟
އެމްޕީއެލްގައި އޭރު ވިންޗް އޮޕަރޭޓަރުންގެ ގޮތުގައި މަސައްކަތްކުރަމުން ދިޔައީ ހަމައެކަނި ބިދޭސީންނެވެ. ނަމަވެސް، އެކަން ބަދަލުކޮށް ދިވެހިންވެސް މި މަސައްކަތުގައި ބައިވެރިވުމަށް އެމްޕީއެލްގެ މެނޭޖްމަންޓުން ވަރަށް ބޮޑަށް ބާރުއެޅިއެވެ. ޑިއުޓީއަށް ގަވާއިދުން ނުކުމެ، މަސައްކަތަށް ޝައުގުވެރިކަން ހުރި މީހުންނަށް ވިންޗު އޮޕަރޭޓްކުރުމުގެ ދާއިރާއަށް ކުރިމަތިލުމަށް އެމްޕީއެލްއިން އިރުޝާދު ދިނެވެ.
ހަސަން ބުނީ ވިންޗު އޮޕަރޭޓަރަކަށް ކުރިމަތިލި އިރު އެ މަސައްކަތަކީ ވަރަށް ރިސްކީ މަސައްކަތެއްކަން އަދި، ހިތްވަރާއެކު މަސައްކަތްކޮށްގެން ނޫނީ ކާމިޔާބު ނުކުރެވޭނެ މަސައްކަތެއްތަކަން އެނގޭ ކަމަށެވެ.
"އެ ލިބުނު ހިތްވަރުގައި އަޅުގަނޑުމެން މި މަސައްކަތް ދަސްކުރިން. މިހާރު އެމްޕީއެލްގެ ވިންޗް އޮޕަރޭޓަރުންގެ ގޮތުގައި މަސައްކަތްކުރަމުން ދަނީ ހަމައެކަނި ދިވެހިން" ހަސަން ބުންޏެވެ.
މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަމްރީންތަކަކީ ކޮބާ؟
ހަސަން ބުނީ 2017 ވަނަ އަހަރު އެމްޕީއެލްއިން ފަހިކޮށްދިން ފުރުސަތެއްގެ ދަށުން، ސްރީލަންކާގެ މަހަޕޯލާ ޕޯޓްސް އެންޑް މެރިޓައިމް އެކެޑަމީގައި ދެ ހަފުތާގެ މުއްދަތަށް "ވިންޗް އޮޕަރޭޝަންސް" ކޯސް ފުރިހަމަ ކޮށްފައިވާނެ ކަމަށެވެ. އަދި އެމްޕީއެލްއިން ވަނީ ވިންޗު އޮޕަރޭޓަރުންނަށް ޗައިނާއަށް ތަޖުރިބާ ދަތުރެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީފައި ކަމަށާއި އެ ދަތުރުގައި ޗައިނާގެ ބަނދަރުތަކުގައި ކްރޭން އުފެއްދޭ ގޮތް ގާތުން ބަލައިލުމުގެ ފުރުސަތު ލިބުނު އިރު، ކްރޭން ތައްޔާރުކުރާ ގޮތާއި އޭގެ ބަރުދަން ވަޒަންކުރާ ނިޒާމްތަކާއި ކްރޭން ޓެސްޓްކުރާނެ ގޮތާއި އެކި އިކުއިޕްމަންޓްތައް ގުޅުވާލެވޭނެ ގޮތުގެ މައުލޫމާތު އެނގުނު ކަމަށެވެ.
ހަސަން ބުނީ، އެމްޕީއެލްއިން ފޯރުކޮށްދީފައިވާ އެފަދަ ތަމްރީނުތަކުގެ ސަބަބުން މަސައްކަތް އިތުރަށް ރަނގަޅުކުރުމަށް ފަސޭހަވެެގެން ދިޔަ ކަމަށެވެ.
"އެންމެ ބޮޑަށް ހިތްވަރު ލިބެނީ އެމްޕީއެލްގެ މެނޭޖްމަންޓުގެ ފަރާތުން. އެ ބޭފުޅުން އަބަދުވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާ. މެނޭޖްމަންޓުން އަބަދުވެސް ވިދާޅުވަނީ އަޅުގަނޑުމެންނަކީ އެމްޕީއެލްއަށް ވަރަށް މުހިންމު ބައެއް ކަމަށް. އަދި އަޅުގަނޑުމެންނަކީ އެމްޕީއެލްގެ މައި އޮޕަރޭޝަންގެ ތަޅުދަނޑި ކަމަށް. މިފަދަ ބަސްތަކަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށް" ހަސަން ބުންޏެވެ.
ސްޕެޝަލިސްޓް ވިންޗް އޮޕަރޭޓަރެއްގެ ޒިންމާތަކަކީ ކޮބާ؟
ހަސަން ބުނީ ސްޕެޝަލިސްޓް ވިންޗް އޮޕަރޭޓަރެއްގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި މުދާ ބޭލުމާއި ބޯޓުފަހަރުގެ ކްްރޭން އޮޕަރޭޓްކުރުން ހިމެނޭ ކަމަށެވެ. އަދި ބުނީ ވިންޗް އޮޕަރޭޓަރެއްގެ މަސައްކަތް އެއްކޮށް ދަސްކުރުމަށް އޭނާއަށް ޖުމްލަ ފަސް އަހަރު ހޭދަވި ކަމަށެވެ.
ސްޕެޝަލިސްޓް ވިންޗް އޮޕަރޭޓަރެއްގެ އިތުރު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އާ ވިންޗް އޮޕަރޭޓަރުންނަށް ތަމްރީނު ދިނުމާއި ކުދިންނަށް އެ މަސައްކަތުގެ ޓެކްނިކަލް ކަންތައްތައް ކިޔައިދިނުން ހިމެނޭކަމަށް ހަސަން ބުންޏެވެ.
މި މަސައްކަތަކީ ކިހާ ރިސްކީ މަސައްކަތެއް ތޯ؟ އަދި މުދާ ބޭލުމުގައި އެމްޕީއެލްގެ ސޭފްޓީ ޕްރޮޓޮކޯލްތަކަކީ ކޮބާ؟
"މިއީ ވަރަށް ނުރައްކާތެރި މަސައްކަތެކެވެ. ކްރޭނަށް އަރާއިރުވެސް މީހާ ހުންނަނީ ވަރަށް ހިތް ބިރު ގަނެ. ކްރޭން އޮޕަރޭޓްކުރާއިރު ތިރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ. އަދި ބޯޓު ކަނޑުމަތީގައި އޮންނައިރު ކޮންމެވެސް ވަރަކަށް އެނބުރޭނެތީ، އެކަމަށްވެސް ސަމާލުކަން ދޭން ޖެހޭ" ހަސަން ބުންޏެވެ.
"މި މަސައްކަތުގައި އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، އެމްޕީއެލްއިން އަބަދުވެސް އެކަމުގެ ޒިންމާ ނަގާނެ. މުދާ ބާލާއިރު އަބަދުވެސް އިސްކަންދެނީ މުދަލުގެ ސަލާމަތާއި ރައްކާތެރިކަމަށް. މިއީ ވިޔަފާރިވެރިން ވަރަށް އަގުބޮޑުކޮށް ގެންނަ ކޮންޓެއިނަރުތަކެއް، އެހެންކަމުން، މި ކޮންޓެއިނަރުތައް އެއްވެސް ގެއްލުމެއް ނުވެ ވެރިފަރާތާ ހަވާލުކުރުމަކީ ވަރަށް މުހިންމު ޒިންމާއެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެން"
ހަސަން ބުނީ، ކުންފުނިން އަބަދުވެސް ބާރުއަޅަނީ އެމަޖެންސީ ހާލަތެއްގައި ފުރުތަމަވެސް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކަމަށެވެ.
ވިންޗްމަނަކަށް ހުރެ ބޯޓުގެ ކްރޭން އޮޕަރޭޓްކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކަކީ ކޮބާ؟
ވިންޗް އޮޕަރޭޓަރެއްގެ މަސައްކަތް ފެށުމުގެ ކުރިން އަޅާ މުހިންމު ފިޔަވަޅުތަކެއް ހުންނަ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ކަމަކީ ކްރޭން ހުރީ މަސައްކަތްކުރެވޭ ހާލަތުގައިތޯ ބެލުންކަމަށް ހަސަން ބުންޏެވެ. މިގޮތުން ކެރޭނަށް ރަނގަޅަށް ކަރަންޓު ދީފައިވޭތޯ ޗެކުކުރުމާއި އަދި ކްރޭން ސްޓާޓުވުމުން އެ މަސައްކަތް ފަށައިގަންނާނެކަމަށް ހަސަން ބުންޏެވެ.
ހަސަން ބުނީ މަސައްކަތް ކުރިއަށްދަނީ ތިރީގައި ހުންނަ ސިގްނަލް ދޭ ސުޕަވައިޒަރުގެ އިރުޝާދުގެ މަތިންނެވެ. ވިންޗް އޮޕަރޭޓަރުގެ އެންމެ މުހިންމު އެއް ޒިންމާއަކީ ތިރީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. އެހެންކަމުން، އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭނެހެން ކްރޭން އޮޕަރޭޓްކުރުމަށް އަބަދުވެސް އިސްކަންދޭންޖެހޭކަމަށް ހަސަން ބުންޏެވެ.
އެމްޕީއެލްގެ ވިންޗް އޮޕަރޭޓަރަށް ވުމަށް ބޭނުންވާ ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟
"އެމްޕީއެލްގެ ވިންޗް އޮޕަރޭޓަރަކަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖަކީ، މި މަސައްކަތަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ މަސައްކަތެއްކަން. މި މަސައްކަތަށް ބޭނުންވާ ތަމްރީނުތައް ނަގައި، ފަރުވާތެރިކަމާއެކު މަސައްކަތްކޮށްފިނަމަ، މި ދާއިރާގައި ކުރިއަށްދެވޭނެކަން. އަދި މިފަހަކަށް އައިސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެންގެ ޒުވާނުން ވިންޗް އޮޕަރޭޓަރުންގެ ގޮތުގައި މަސައްކަތްކުރަމުންދާކަން ފާހަގަކޮށްލަން ބޭނުން. އެހެންކަމުން، ކޮންމެ ކަމަކަށްވެސް ކުރިމަތިލައިފިއްޔާ ކާމިޔާބު ލިބޭނެކަން ޔަގީން"
މުހައްމަދު އިޝާން
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
ކޮމެންޓް