ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުން ފެންނަން ހުރީ ހަމައެކަނި ހަތަރު ފާރާއި ފުރާޅެއް ކަމަށާއި މުޅި ޓާމިނަލާ ގުޅޭ 60 ޕަސަންޓު މަސައްކަތް ނިންމަން ޖެހުނީ މި ސަރުކާރުގެ ތެރޭގައި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ލަމްއާން ވިދާޅުވީ 2016 ވަނަ އަހަރު ބިންގާ އެޅިގެންދިޔަ ވީއައިއޭގެ އާ ޓާމިނަލުގެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ބަލައިލަން ޖެހޭ ކަމަށާއި އެ ޓާމިނަލްގެ މަސައްކަތް ނުނިމި ދެ ވެރިކަމެއް ނިމިގެންދިޔަ ކަަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ވެސް ވަޑައިގެންނެވީ ވީއައިއޭގެ އާ ޓާމިނަލް ބައްލަވައިލެއްވުމަށް ކަމަށާއި އެ ދުވަހު އެތަނަށް ވަޑައިގެން، އަދި އެންމެ މުހިންމު އެއް ވައުދުފުޅެއްގެ ގޮތުގައި އޮތީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން ކަމަށްވާތީ، ވަރަށް މުހިންމުކަމެއް ދީގެން މަސައްކަތްތައް ކުރަމުން އައިސްފައިވާނެ ކަމަށް ލަމްއާން ވިދާޅުވިއެވެ.
"އޭގެ ކުރިއަށް ޖެހިލާ ކަމަށްވަންޏާ، 2016 ވަނަ އަހަރުން ފެށިގެން 2023 ހަމައަށް އައި އިރު، އަޅުގަނޑުމެންނަށް މި ފެނުނީ ހަމައެކަނި ހަތަރު ފާރާއި ފުރާޅަކާއޭ ދެންނެވިޔަކަސް ދޮގަކަށް ނުވާނެ. އެތެރޭގައި ފާރުކޮޅެއް ރޭނިފައި ހުރީ. އެއްވެސް ކަހަލަ މަސައްކަތެއް ކުރިއަށް ގޮސްފައެއް ނޫން ހުރީ އެތެރޭގެ،" އޭނާ ވިދާޅުވިއެވެ.
ލަމްއާން ވިދާޅުވީ މިދިޔަ 20 ވަރަކަށް މަސްދުވަހުގެ މަސައްކަތަށް ބަލައިފި ކަމަށްވަންޏާ، ވީއައިއޭގެ އާ ޓާމިނަލްްގެ މިލްކުވެރިންނަކީ މި ސަރުކާރާއި އެމްއޭސީއެލްގެ މުވައްޒަފުން ކަމަށާއި ރައީސްގެ އިރުޝާދާއެކު އެ މަސައްކަތް ނިންމައިލެވެނީ އެމްއޭސީއެލްގެ މުވައްޒަފުންގެ މިންނެތް މަސައްކަތުން ކަމަށެވެ. އަދި ރައީސް ވެރިކަމަށް ވަޑައިގެންނެވި އިރު، 54 ޕަސަންޓު މަސައްކަތް ނިމިފައި އޮތް ނަމަވެސް، އޭގެ ތެރޭގައި ޓާމިނަލާ ގުޅިގެން ދެން އަންނަ އެއްވެސް ކަމެއް ހިމެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޓާމިނަލް ތެރޭގެ އެންމެ މުހިންމު އެއް ކޮމްޕޯނަންޓް ކަމަށްވާ ކޮމާޝަލް ވެސް މީގައި ހިމެނިފައެއް ނުވޭ. އެހެންވީމާ އެ ހުރިހާ ކަމެއް ކަނޑާލައިފި ކަމަށްވަންޏާ، ގާތްގަނޑަކަށް 40 އަކަށް ޕަސަންޓު ޓާމިނަލްގައި ނިމިފައި ހުރީ. އަނެއް 60 ޕަސަންޓު އެޗީވް ކުރީ ޑރ. މުއިއްޒުގެ މި 20 މަސް ދުވަހުގެ ތެރޭގައި. އެހެންވީމާ މީގައި މިލްކުވެރިކަމާ ބެހޭގޮތުން ވާހަކަދައްކަވަންޏާ، ފެކްޓްސްއަށް ބަލާފައި ރައްޔިތުން ނިންމަވާނީ މީގެ މިލްކުވެރިންނަކީ ކޮބައިކަން،" އޭނާ ވިދާޅުވިއެވެ.
އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވީ ވީއައިއޭގެ ކޮމާޝަލް އޭރިއާގެ އިތުރުން އެއާޕޯޓުގެ މައި މަގުވެސް ކުރިން ޕްލޭންގެ ތެރޭގައި ނުހިމެނޭ ކަމަށާއި އެކަމަށް ފަންޑު ހޯދައިގެން މަސައްކަތްކޮށްފައިވަނީ ވެސް މި ސަރުކާރުގެ ތެރޭގައި ކަމަށެވެ. އަދި ވީއައިއޭގެ އާ ޓާމިނަލަކީ ތިން އަހަރުގެ ދުވަސް ތެރޭގައި ނިންމޭވަރުގެ މަސައްކަތެއް ނަމަވެސް، ދެ ސަރުކާރެއް ނިމިގެންދިޔަ އިރު، އެ މަސައްކަތް ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން، މި ސަރުކާރު އައި ފަހުން ސައުދީ ފަންޑުން 1.5 ބިލިއަން ރުފިޔާ އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) 1.2 ބިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ. އެ ޕްރޮޖެކްޓަށް ޖުމުލަ، ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ ހޭދަވިއެވެ.
މިދިޔަ ބުދަ ދުވަހު ގެނެސްދިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕޮޑްކާސްޓު "ރައްޔިތުންނާއެކު"ގެ 8 ވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވެފައިވަނީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ވީއައިއޭގެ އާ ޓާމިނަލްގެ ނިމިފައި އޮތީ 54 ޕަސެންޓު މަސައްކަތް ކަމަށާއި ގިނަ މަސައްކަތް ހަވާލުކުރީ މި ސަރުކާރުން ކަމަށެވެ. އަދި އާ ޓާމިނަލުގެ ކްރެޑިޓް މި ސަރުކާރާއި ކުރީގައި ވެރިކަން ކުރެއްވި އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ލިބިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ގައެވެ.
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް