"ފްރޮމް މޯލްޑިވްސް" ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ އާ ގައުމީ ބްރޭންޑެއް ނެރެފިއެވެ.

އެ ބްރޭންޑު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީި އިނގިރޭސިވިލާތުގައި މިއަދު ބޭއްވުނު ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ބުނީ އެ ބްރޭންޑު ތައާރަފުކުރުމަކީ ކަނޑުގެ ވަސީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ފުޅާދާއިރާއެއްގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިއްމު އެއް މަސައްކަތް ކަމަށެވެ.

އަދި މިއީ އަގު އެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާ ކުރިއެރުމެއް ކަމަށެވެ.

ފްރޮމް މޯލްޑިވްސް ބްރޭންޑުގެ ލޯގޯ --

އެ ބްރޭންޑަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތް ބައިނަލްއަގުވާމީ މައިދާނުގައި ތަމްސީލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ލޯގޯއެއް އެކުލެވޭ މި ބްރޭންޑުން ދައްކުވައިދެނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖުތިމާއީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާއަތެއްކަމެވެ.

އެކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން އިތުރަށް ބުނީ:

  • ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަގާފީ މުއްސަނދިކަންވެސް އެ ބްރޭންޑުން ދައްކުވައިދޭ ކަމަށް
  • ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ދުނިޔޭގެ މަހުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ އެކު ތަރައްގީވަމުންދާ، ބާޒާރުން ކަނޑައަޅާ މިންގަނޑުތައް ބަލައިގަންނަ ސިނާއަތެއްކަން އެނގޭ ކަމަށް

ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިކުރުމަށް ތައްޔާރުކޮށްފައިވާ މި ބްރޭންޑަކީ ރައީސް އުފައްދަވައިފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެކެވެ.