އިންޑިއާގެ ހޮހޮޅައަކުން ފެނުނު ރަޝިޔާ އާއިލާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށައިފިއެވެ.
އިންޑިއާގެ ދެކުނުން އޮންނަ ކަރްނާޓަކާގެ ޖަންގަލީ ތެރޭ ހޮހޮޅައެއްގައި ދިރިއުޅުނު އަންހެނަކާއި އޭނާގެ ދެ ދަރީން ވީ އެންމެ އަވަހަކަށް ރަޝިޔާއަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އިންޑިއާގެ ފޮރިނާސް ރީޖަނަލް ރެޖިސްޓްރޭޝަން އޮފީހުން ބުނެއެވެ.
އެ އޮފީހުން ބުނެފައިވާ ގޮތުގައި، އެމީހުން އެނބުރި ރަޝިޔާއަށް ފޮނުވާލުމަށް ޗެންނާއީގައި ހުންނަ ރަޝިޔާގެ ކޮންސިއުލޭޓާއި ދިއްލީގައި ހުންނަ ރަޝިޔާގެ އެމްބަސީ މެދުވެރިކޮށް މަސައްކަތް ވަނީ ފަށައިފައެވެ.
އިންޑިއާގެ ފުލުހުންނަށް ނީނާ ކުޓީނާ ނަމަކަށް ކިޔާ އެ އަންހެން މީހާ ފެނިފައިވަނީ މިމަހުގެ ނުވަވަނަ ދުވަހު ކަރްނާޓަކާގެ ފުލުހުން އެ ސަރަހައްދުގެ ޖަންގަލީ ސަރަހައްދު ޕެޓްރޯލް ކުރަމުން ދަނިކޮށް ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަވެ ބެލި ބެލުމުން ހޮހޮޅައެއްގެ ތެރޭގައި ނީނާއާއި އޭނާގެ އުމުރުން ހަ އަހަރާއި ފަސްއަހަރުގެ ދެ އަންހެން ކުދީން ތިއްބައެވެ.
40 އަހަރުގެ ނީނާ އާއި އޭނާގެ ދަރީން ދިރިއުޅެމުންދިޔައީ ނުގަވާއިދުން ކަމަށްވާތީ، ފުލުހުން ވަނީ އެމީހުން ބެންގަލޫރުގައި ހުންނަ ޑިޓެންޝަން ސެންޓަރަށް ބަދަލުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ޖަންގައްޔަކީ ނުރައްކާތެރި ހަރުފައާއި ޖަނަވާރު ދިރިއުޅޭ ސަރަހައްދެއްގެ ގޮތުގައި ފާހަގަވެފައިވާ ޖަންގައްޔެއް ފުލުހުން ބުނެއެވެ. ނަމަވެސް ހަފުތާއަކަށްވުރެ ގިނަ ދުވަހު ޖަންގަލީގައި އުޅުނު ނީނާ ވަނީ ހަރުފަ އާއި ޖަނަވާރަކީ އެމީހުންގެ އެކުވެރިން ކަމަށާއި އިންސާނުންނަކީ މާ ނުރައްކާ ބައެއް ކަމަށް ބުނެފައި ކަމަށް ފުލުހުން ބުނެއެވެ.
އިންޑިއާގެ ފުލުހުން މިހާތަނަށް ބެލިބެލުމުން ނީނާ އާއި އޭނާގެ ފިރިމީހާ ދިރިއުޅެމުން އައީ އިންޑިއާގެ ގޯއާގައިކަން ވަނީ ހޯދިފައެވެ. ނީނާ ކުޑަ ދެކުދީން ގޮވައިގެން ފިލީ އެމީހުންގެ ބޮޑު ފިރިހެންދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމުން ކަމަށް ވެސް ފުލުހުންނަށް އެނގިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
ފުލުހުން ވަނީ ނީނާގެ ފިރިމީހާއާ ވެސް މިހާރު ގުޅައިފައިކަމަށާއި އޭނާއަކީ އިސްރާއީލަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށް ވެސް ހަބަރުތައް ބުނެފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް