ހެރީ ޕޮޓާ ފްރެންޗައިޒްގައި ހަރމައިނީގެ ދައުރު އަދާކޮށް މަޝްހޫރު ވި އެކްޓަރު، އެމާ ވޮޓްސަން، ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމުގެ ސަބަބުން 6 މަސްދުވަހަށް އޭނާގެ ލައިސަންސް ހިފަހައްޓައިފިއެވެ.
ބީބީސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ގަވައިދާ ހިލާފުވުމުގެ ސަބަބުން މި އެކްޓަރަށް ވަނީ 1,044 ޕައުންޑުގެ ޖޫރިމަނާއެއް ވެސް ދައްކާން ޖެހިފައެވެ.
އެމާގެ މި އަދަބު މިހާރު އައި ނަމަވެސް، ގަވައިދާ ހިލާފަށް ދުއްވުމުގެ މައްސަލަ ކުރިމަތިވީ މިދިޔަ އަހަރުގެ ޖުލައިގައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމާ ވަނީ 30 މޭލުގެ ސްޕީޑް ލިމިޓް އޮތް ސަރަހައްދެއްގައި ގަޑިއަކު 38 މޭލުގެ ސްޕީޑުގައި ނޫކުލައިގެ އޯޑީއެއް ދުއްވައިފައެވެ. މި ހާދިސާ ހިނގިއިރު އެކްޓަރުގެ ލައިސަންސްގައި ބާކީ އޮތީވެސް އެންމެ 9 ޕޮއިންޓެވެ.
ކޯޓުގައި އޮތް މި މައްސައިގެ އަޑުއެހުމުގައި އެމާ ބައިވެރިއެއް ނުވެއެވެ. އޭނާގެ ފަރާތުން ބައިވެރިވީ ވަކީލެވެ.
35 އަހަރުގެ މި އެކްޓަރު އަންނަނީ 2023 އިން ފެށިގެން އޮކްސްފޯޑްގައި ކިޔަވަމުންނެވެ.
އެމާ ވޮޓްސަން ވަނީ މި އަހަރުގެ މޭ މަހު ބޭއްވި 2025 ވަނަ އަހަރުގެ ކާން ފިލްމް ފެސްޓިވަލަށް ހާޒިރުވެފައެވެ. މިއީ 12 އަހަރުގެ މެދުކެނޑުމަކަށްފަހު އޭނާ މި އިވެންޓަށް ހާޒިރުވި ފުރަތަމަ ފަހަރެވެ. ގްރޭޓާ ގަރވިގްގެ "ލިޓްލް ވިމެން" ގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ދައުރެއް އަދާކޮށްފައެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް