ޑީސީ ޔުނިވާސްގެ ސުޕަމޭން ފިލްމުގެ ކާމިޔާބީއަށްފަހު، އެ ޔުނިވާސްގެ ކުރިއަށް އޮތް ބޮޑު މަސައްކަތަކީ "ސުޕަގާލް: ވުމަން އޮފް ޓުމޯރޯ" ފިލްމެވެ.

މި ފިލްމު ނެރެން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން 26 ގައެވެ. މި ފިލްމުގައި އަލްކޮކް، ކާރާ ޒޯރް-އެލް ގެ ރޯލުން ފެނިގެންދާނެ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ކްރެއިގް ގިލެސްޕީ އެވެ.

ފިލްމުގެ ޓީޒާ ޕޯސްޓަރެއް ޖޭމްސް ގަން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ސުޕަމޭންގެ ޕޯސްޓަރުގައި 'ލުކް އަޕް' (މައްޗަށް ބަލާ!) ލިޔެފައިވާއިރު، ސުޕަގާލްގެ ޕޯސްޓަރުގައި ވަނީ 'ލުކް އައުޓް' (ފަރުވާތެރިވޭ!) ލިޔެފައެވެ. މިއީ ސުޕަމޭން އާއި ސުޕަގާލްގެ ރޯލުތަކުގެ ތަފާތު ދައްކުވައިދޭ ކަމެކެވެ.

މިލީ އަލްކޮކްގެ ކޮސްޓިއުމްގައި ކޮމިކްސްގައި ހުންނަ ކްލެސިކް ރަތް ސްކާޓާއި ބޫޓުގެ އިތުރުން، ސުޕަމޭންގެ ކޮސްޓިއުމްގައި ހުންނަ ހައުސް އޮފް އެލްގެ ނިޝާނާއި، 'ވުމަން އޮފް ޓުމޯރޯ' ކޮމިކްސްގެ ސްޓައިލްތައް ފެނިގެންދެއެވެ. މީގެ އިތުރުން މުށިކުލައިގެ ޓްރެންޗް ކޯޓެއްވެސް ހިމެނެއެވެ.

ސުޕަމޭން ފިލްމުގެ ކެމިއޯއަކުން ފުރަތަމަ ފެނިގެންދިޔަ މިލީގެ ސުޕަގާލްގެ ކެރެކްޓަރަކީ ސުޕަމޭންއާ ތަފާތު، ބައެއް ފަހަރު ކޮންޓްރޯލް ނުކުރެވޭފަދަ ބާރެއް ކަމަށް ޕޯސްޓަރުން ދައްކުވައިދެއެވެ.