ގިނައިރު ވަންދެން އަސަލްއާއި ހަތަރުކަޅިހަމަކޮށްގެން ހުރުން މައިހާއަށް ފަސޭހަކަމަކަށް ނުވިއެވެ. ހިތް އަސަރުގައި ބެހިގެން ދާތީއެވެ. އަސަލްއަށް އޭނަގެ އިހުސާސްތައް ބޭޒާރުވެދާނެތީ މައިހާ ޖެހިލުންވިއެވެ. އެކުވެރިކަމުގެ ނަޒަރަކުން ނޫން ގޮތަކަށް އޭނައަށް އަސަލް ބަލައިފާނެ ހެއްޔެވެ؟ އޭނަ ދެކެ ލޯބިވެދާނެ ހެއްޔެވެ؟ އެހިތް ޤަބޫލުކޮށްފާނެ ހެއްޔެވެ؟ ލޯތްބަކީ ކިހިނެއް ވެވޭ އިހުސާސެއް ކަމެއް ވެސް ރަނގަޅަށް މައިހާއަކަށް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ އަސަލް ފެންނަން އެދެލޯ ބޭޤަރާރުވާކަމެވެ. އަސަލްގެ ލުއި ފިރިހެންވަންތަ ވަސް ހިނދުރީގައި ޖެހިލުމުން ބޭއިހްތިޔާރުގައި ހިނިތުންވެވެއެވެ. އެތެރެއަށް ނޭފަތް ދަމާލެވުމާއެކުގައި އުފާވެރިކަން އިހުސާސްކުރެވެއެވެ. އަބަދުމެ އަސަލްގެ ގާތުގައި ވުމަށް މައިހާ ބޭނުންވެއެވެ. މަޑުމަޑުން ގޮސް އޭނަގެ މުޅި ދުނިޔެއަށް އަސަލް ވެއްޖެއެވެ. އިންތިޒާރުކުރެވެނީ އަސަލްގެ ހަމަ އެންމެ އިޝާރާތަކަށެވެ. ނަމަވެސް މައިހާ ދެށުމަށް އެދޭފަދަ ޝުއޫރުތައް އަސަލްގެ ދެލޮލުން އޭނައަކަށް ނުފެނެއެވެ. ފެންނާނީ ވެސް ކިހިނެއް ހެއްޔެވެ؟ އަސަލްއާއި ހަތަރުކަޅި ހަމަކުރަން ވެއްޖެނަމަ މައިހާގެ އަތްފައި ފިނިވެލައެވެ. މޭގަނޑަށް އެވާ ގޮތެއް ބުނެދޭކަށް ވެސް ނޭނގެއެވެ.
އިހުސާސްތައް ދުލާ ހަމައަށް ގެންނަން މައިހާ ޖެހިލުންވަނީ އޭނަ އެދޭ ޖަވާބު އަސަލްގެ ފަރާތުން ނުލިބިދާނެތީއެވެ. އޭރުން ނުތަނަވަސްކަން އެދެމެދުގައި އުފެދިދާނެއެވެ. އެކުވެރިކަމުގައި ކުންޏެއް ޖެހެން މައިހާގެ ޒަމީރެއް ނޭދެއެވެ. ގާތް ރަހުމަތްތެރިޔާއަށް ހިތް ލެނބުމުން އެހަޤީޤަތާއި ކުރިމަތިލާން މައިހާއަށް ވަގުތު ނެގިއެވެ. އޭނައަށް މުޅިންހެން ފެންނަނީ ހުރަސްކުރަންޖެހޭ އަޑިގުޑަންތަކެވެ. އެކަމާއި ކުރިމަތިލެވިދާނެކަމުގެ ބިރު ހީވެއްޖެއެވެ.
ޖިންސުގެ ޖީބަށް އަތްޖަހާލަމުން މައިހާގެ މަގަތުން އަސަލް ހުއްޓުނެވެ. މައިހާ ކުރިއަށް ޖެހިލިއެވެ. ގޮނޑުދޮށަށް ބީއްސާލި ރާޅާއެކުގައި ރެދަނުގެ ކުލަތައް ގަދަވެލިއެވެ. މައިހާ ގުދުވެލައި ދޮންވެލިގަނޑުގެ މަތީގައި އޭނަގެ ނަން ލިޔުނެވެ. އެނަމާއި ޖެހިގެން އަސަލްގެ ނަން ލިޔުމަށް ހިތް އެދުނެވެ. އެޚިޔާލާއެކު ތިރީތުންފަތުގައި މައިހާއަށް ދަތް އަޅާލެވުނެވެ. އެހެން އިންދާ ޖެހި ރާޅާއެކުގައި މައިހާ ސިހުނެވެ. ޚިޔާލީ ދުނިޔެއިން އޭނައަށް ނިކުމެވުނީ އަސަލްގެ ލުއި ހުނުމުގެ އަޑަށެވެ. މައިހާ ބަލައިލި އިރުގައި އަސަލް އިނީ ކުރުފައިމައްޗަށް ތިރިވެލައިގެންނެވެ. ސީދާ އޭނަގެ މޫނަށް ބަލާށެވެ.
މައިހާއަށް ކޮޅަށް ތެދުވެވުނީ ކުއްލިޔަކަށެވެ. މައިހާގެ އެހަރަކާތުން އަސަލްއަށް ހައިރާންކަން ލިބުނެވެ. ކަންބޮޑުވުމާއެކުގައި މައިހާއަށް ބަލަން އަސަލް ހުއްޓެވެ.
''ކިހިނެއްވީ؟...'' އަސަލް އެހިއެވެ.
''އާމްމްމް، ކަމެއް ނުވޭ...'' މައިހާއަށް ބުނެވުނެވެ. އަސަލްގެ ގާތްކަމުން އުފެދިގެން އަންނަ ޖަޒުބާތުތައް އޭނަ ބުނެދޭނީ ކިހިނެއް ހެއްޔެވެ؟
''ޔަޤީންތަ؟...'' އަސަލްގެ އަޑުން މައިހާއަށް އިހުސާސްކުރެވުނީ އޯގާތެރިކަމެވެ.
''ޔެސް، އޯލް ގުޑް... މިރޭ ވަރަށް ގަދަޔަށް ރެދަން ލައިފިދޯ...'' މައިހާ ހިނގައިގަތީ ރާޅުފަށާ ކައިރިއަށެވެ. އަސަލް ވެސް މައިހާގެ ފަހަތުން ހިނގައިގަތެވެ. އިތުރަށް މައިހާއާއި ސުވާލުކުރަން އަސަލް ގަސްދުނުކުރުމުން، މައިހާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
ވައިރޯޅިއާއި ރާޅުގެ ލުއި މިޔުޒިކީއަޑުގެ ތެރެއިން ފެންނަމުން ދިޔަ ޤުދުރަތީ ރީތި މަންޒަރު ބަލަން މައިހާއާއި އަސަލް ތިއްބެވެ. ދޮންވެލިގަނޑުގެ މަތީގައި އިށީންނަމުން ތަފާތު އެކިއެކި ވާހަކަތައް އެދެމެދުގައި ދެކެވުނެވެ.
އެރޭ ނިދަން އަރާފައި މައިހާއަށް ލޮލު ފިޔަޖަހާނުލެވުނެވެ. އެސްފިޔަތައް މަރާލުމާއެކުގައި ފެންނަނީ އަސަލްގެ މޫނެވެ. ސިހިފައި މައިހާއަށް ދެލޯ ހުޅުވާލެވެއެވެ. ދެއަތަށް ފުރޮޅިފުރޮޅި ވެސް ނިދި އަންނަ ގޮތެއް ނުވިއެވެ. އެންމެފަހުން މައިހާ އެނދުން ތެދުވިއެވެ. ލިޒާ މޭޒާއި ޖެހިގެން ހުރި ޑްރޯވިންގް ޑެސްކް ކައިރިއަށް ހުއްޓިލަމުން ލޭމްޕް ޖައްސާލިއެވެ. އެއަށްފަހު، ފޮތްކަބަޑުން ނެގި ސްކެޗްބުކް ހިފައިގެން ގޮސް ގޮނޑީގައި އިށީނެވެ. ފަންސުރާއި، ފިހީގެ އިތުރުން ކުލަތައް ހަމަކޮށްލަމުން ހަމަޖެހިލި އެވެ.
މައިހާ ކުރަހަން ފެށީ މިރޭގެ ތުނޑިމަތީގެ މަންޒަރެވެ. ހުވަފެނީ ކުލަތަކުން އެތަސްވީރަށް އޭނަ ދިރުން ގެނަ އެވެ. ޚިޔާލި ދުނިޔޭގެ ތެރެއަށް ގެނބުނެވެ. އެއީ ޖާދުވީ އާލަމެކެވެ. ޖެހިލުންވުމަކާނުލައި އަސަލް ދެކެ ވާ ލޯބި މައިހާއަށް ބަޔާން ކުރެވެއެވެ. އަސަލް އޭނަގެ ލޯބި ޤަބޫލު ވެސް ކުރެއެވެ. އެކުގައިވުމަށް ވައުދާއި އަހުދުތަކެއް ވެސް ވެއެވެ. ތަސްވީރުގެ ތެރެއަށް ގެއްލުނު ވަރަކަށް މައިހާގެ ތުންފަތުގައި ފުޅާ ހިނިތުންވުމެއް ކުޅެލި އެވެ.
*****
ނިދިފައި އޮތް މައިހާއަށް ލޯހުޅުވާލެވުނީ ކޮޓަރީގެ ދޮރުގައި މަންމަ ޓަކިދެމުން ގޮވާ އަޑަށެވެ. މައިހާއަށް މޫނުގައި ބާލީސް އަޅާލެވުނެވެ. ލަހުން ނިދުމުން ހަށިގަނޑު ވަނީ ވަރުބަލިވެފަ އެވެ. ނިންޖާ ގޮސް ލޯހުޅުވޭވަރެއް ވެސް ނޫނެވެ.
''ދަރިފުޅާ، ހޭލަން އުޅޭ، ފަތިސް ނަމާދު ގަޑި ފާއިތުވެދާނެ...'' މަންމަގެ އަޑު މައިހާއަށް އިވުނެވެ. ޝައިތާނީ ވަސްވާހާއި ޖެހި ފަތިސް ނަމާދުގެ ގަޑި ފަހަނައަޅައި ހިނގައިދާނެކަމުގެ ބިރާއެކުގައި މައިހާއަށް ލޯހުޅުވާލެވުނެވެ. ނަމާދު އަޅާ މީހެއްކަމުގައި ވާކަށް މައިހާ ބޭނުމެއް ނޫނެވެ. ނަމާދުން ވާގިއާއި ދަރުމަ ލިބޭނެތީ އެވެ. ރޫހަށް ފިނިކަން ގެނެސްދޭތީ އެވެ.
''މަންމާ، މިހޭލީ...'' މައިހާ ލޯއުނގުޅަމުން ބުންޏެވެ. އެނދުގައި ދެފައި އަޅައުވާލަމުން މޯޅިއަކަށް ދެމިލިއެވެ.
''ނަމާދުކޮށްލައިގެން އަވަހަށް ތައްޔާރުވެގެން އާދޭ، ގަޑި ނުޖެހި ސްކޫލަށް ދާންވާނެ...'' މަންމަ މިހެން ބުނެފައި ހިނގައްޖެއެވެ. މައިހާ އަވަސްވެގަތީ ފާޚާނާއަށް ވަންނާށެވެ. ފެންވަރާލައިގެން ނިކުމެ ފުރަތަމަ ވެސް ކޮށްލެވުނީ ފަތިސް ނަމާދެވެ. އެއަށްފަހު ސްކޫލަށްދާން ތައްޔާރުވެލައި ފޮތްދަބަސް ތައްޔާރުކޮށްލިއެވެ.
މައިހާ ބެދިގެއަށް ވަންއިރު އެންމެން ތިބީ ކާމޭޒުދޮށުގައި މައިހާގެ އިންތިޒާރުގައެވެ. މާމައާއި މަންމަގެ އިތުރުން ނަވްރާއެވެ.
ކާމޭޒުދޮށުގައި މައިހާ އިށީނުމާއެކުގައި ރަމީޒާ ކޮޅަށް ތެދުވިއެވެ. ކަޅު ސައިތަށްޓެއް ތައްޔާރުކޮށްލަމުން ގެނެސް މައިހާގެ ގާތުގައި ބެހެއްޓިއެވެ. މައިހާއާއި ހިނިތުންވުމެއް ބަދަލުކޮށްލަމުންނެވެ.
''ތެންކިއު މަންމާ...'' މައިހާ ޝުކުރުއަދާކޮށްލިއެވެ.
ސައިބޮއެ ނިންމާލަމުން މައިހާ އަތްމަތި އަވަސްކޮށްލިއެވެ. އޭނަގެ އިންތިޒާރުގައި އަސަލް ހުންނާނެތީއެވެ. ފުލުގައި ކައްޓެއް ހުރިހެން ގޮނޑިން ތެދުވެގެން ކޮޓަރިއަށް ވަނެވެ. ސިކުންތެއް ވެސް ނުވަނީސް ފޮތްދަބަސް ހިފައިގެން ގެއިން ނިކުންނަން ދިޔައެވެ. އޭގެ ކުރިން ކާކޮޓަރިއަށް ބޯދިއްކޮށްލައި މަންމަމެންނާއި ވަދާއުގެ ސަލާން ބަދަލުކޮށްލިއެވެ.
''ސާބަހޭ، ހާދަ އަވަސްއަރުވާލާފަ...'' ބޫޓު ހަރުގަނޑު ކައިރިއަށް މައިހާ ހުއްޓުނު ވަގުތު ނަވްރާގެ އަޑު އިވުނެވެ. ނަވްރާ ވެސް ހުރީ ކޮލެޖަށް ދާން ތައްޔާރުވެގެންނެވެ. ރަށުގައި ހުންނަ ޤައުމީ ޔުނިވާސިޓީން އޭނަ ދަނީ ނަރުސްކަމުގެ ޑިގްރީ ހާސިލްކުރަމުންނެވެ.
''ސްކޫލް ގަޑިޖެހެނީ...'' މައިހާ ބުނެލިއެވެ.
''ގަޑިޖެހެނީތަ ނޫނީ ބޭރުގަ އަޒް ހުރީމަތަ؟...'' ނަވްރާގެ ނަޒަރު މައިހާއާއި ވަކިނުވެއެވެ. ލޮލުގައި ވަނީ ސަމާސާގެ ވިދުވަރެވެ.
''ދޮންތީ...'' މައިހާއަށް ދެލޯބޮޑުކޮށްލެވުނެވެ. ވަށައިގެން ހޯދާލެވުނެވެ. ނަވްރާގެ ޖުމްލަ ތިންވަނަ ކަންފަތަކާ ހަމައަށް ދިޔަތޯ ބަލައިލީއެވެ.
''ސާބަސް!، މިތާ މިތިބީ އަހަރުމެން ދެމީހުންނޭ...'' މައިހާގެ ކޮނޑުގައި ނަވްރާ މަޑުމަޑުން ޖަހައިލިއެވެ.
''ސްޓިލް!...'' މައިހާއަށް ބުނެވުނެވެ. އޭނަގެ ހިތުގެ ހާލު އެނގޭ ހަމައެކަނި މީހަކީ ނަވްރާއެވެ. އެކަމާއި ގުޅުވައިގެން ނަވްރާ ސުވާލުކުރުމުން، ފުރަތަމަ މައިހާ އުޅުނީ ނޭނގޭކަމަށް ހަދާށެވެ. ޖަވާބުދިނީ ވެސް ނަވްރާ ކުރި ސުވާލުތަކުގެ އެއްބަޔަށެވެ. ނަމަވެސް އެއަށްވުރެން ނަވްރާ ހުޝިޔާރެވެ. ސުވާލުތައް ދިގުވާން ފެށުމުން މައިހާއަށް މަޖުބޫރުވީ އާމާންކަން ދޭށެވެ. ޝަރުތުތަކާއެކުގައި އޭނަ ނަވްރާއަށް ކިޔައިދިނެވެ. އަޑުއަހަން ހުރެފައި ނަވްރާ އިރުޝާދުދިނީ އަސަލް ގާތު ލޯބިވާކަން ހާމަކުރުމަށެވެ. މައިހާ ވަގުތުން ދެކޮޅުހެދިއެވެ. އެހިތްވަރު އޭނައަށް ނުލިބޭނެތީ އެވެ. ލިބުނު ހަމައެކަނި ހަމަޖެހުމަކީ އޭނަގެ ކަންބޮޑުވުންތައް ވިސްނި އިތުރަށް އެމައުޟޫޢުއަށް ނަވްރާ ވާހަކަ ނުދެއްކުމުންނެވެ. ހިމޭންކަމުގެ ދުލުން ވެވުނު އިޤުރާރެއް ފަދައެވެ.
''ސޮރީ، ސޮރީ... ދޮންތިއާއެކު ސައިކަލުގަ ދާންވީނު؟...'' ނަވްރާ ވެސް ފައިވާނަށް އަރަމުން ބުންޏެވެ.
''އަޒްއާއެކު ދާނީ...'' މައިހާ މަނާވެގަތެވެ. މަޑުކުރުމެއްނެތި ގޭގެ މައިދޮރާށި ހުޅުވާލާފައި މައިހާ ބޭރަށް ނިކުތެވެ. ބޭރު ޖޯލީގައި ފޯނާ ކުޅެން އިން އަސަލް ފެނުމާއެކު ހެނދުނުގެ ތަހުނިޔާ އަރިސްކޮށްލިއެވެ. ފޯނުގެ ސްކްރީނާ ނަޒަރު ވަކިކޮށްލައި މައިހާއަށް ބަލައިލަމުން އަސަލް ވެސް ''ގުޑް މޯނިންގް''އޭ ބުނެލިއެވެ.
''ރެޑީ؟...'' އަސަލް އަހާލުމުން ރައްދުގައި މައިހާ ބޯޖަހާލިއެވެ.
އަސަލް އެރީ ޖޯލި ކައިރީ ޕާކުކޮށްފައި ހުރި އޭނަގެ ސައިކަލަށެވެ. އެއީ އަށާރަވަނަ އުފަންދުވަހު ބައްޕަގެ ފަރާތުން އޭނައަށް ލިބުނު ހަދިޔާއެކެވެ. ސައިކަލު ސްޓާޓްކޮށްލަމުން ފަހަތު ސީޓުގައި މައިހާ ހަމަޖެހެންދެން އަސަލް މަޑުކޮށްލިއެވެ.
''މިއަދު ހަވީރު އަޒްގެ މެޗް އޮންނާނެދޯ؟...'' އަސަލް ސައިކަލު ދުއްވާލުމުން މައިހާ އެހިއެވެ.
''ހަތަރެއްޖަހާއިރު...'' އަސަލް ބުންޏެވެ. ''މޭއި ދާންނަންދޯ ސަޕޯޓު ކުރަން؟...''
''ތީ ދެން އަހާ ކަހަލަ ސުވާލެއް ވެސް ނޫނެއްނު، އެންމެ ކުރީގަ ހުންނާނީ އަހަރެން...'' މައިހާ ފޯރީގައި ބުންޏެވެ. ސްކޫލާ ހަމައަށް ދެވުނީ އެވާހަކައިގައި ތިއްބާއެވެ. ޕާކިން ޒޯންގައި އަސަލް ސައިކަލު މަޑުކޮށްލުމުން މައިހާ ފޭބިއެވެ. ޕާކިން ޒޯން ކައިރީގައި ހުރި ކަނދުވަލުގަހުގެ ހިޔަލުގައި ހުރި ބެންޗްގައި ތިބި ރައްޓެހިންނަށް މައިހާ ހަނާ އަޅާލިއެވެ. މައިހާގެ ފަހަތުން އަސަލް ވެސް މިސްރާބުޖެހީ ބެންޗާއި ދިމާއަށެވެ. ބެލް ޖަހަންދެން އެންމެން ތިބީ އެތަނުގައެވެ. ދެ ސްޓްރީމެއްގައި ކިޔަވާތީ އަސަލްއާއި މައިހާ ދާން ޖެހުނީ ދެ ކްލާހަށެވެ. ބްރޭކް ގަޑީގައި ބައްދަލުވުމަށް ބުނަމުންނެވެ.
މައިހާ ކްލާހަށް ވަންއިރުގައި އޭނަގެ ލޮލުގައި އަޅައިގަތީ ކުރީ ސަފުގައި އެކަނި އިން އަންހެންކުޖާއެވެ. ރަށު ތެރޭގައި ހޫނުކަމާއެކު ދެކެވެމުން ދިޔަ ވާހަކަތަކުން އެއީ ކާކުކަން މައިހާއަށް ދެނެގަނެވުނެވެ. އެކުއްޖާގެ މޫނުން ފެނުނު މާޔޫސްކަމާއި މޮޅިވެރިކަމުން މައިހާގެ ހަނދާނަށް އައީ މީގެ ހަ އަހަރު ކުރީން ނުރައްކާތެރި އެކްސިޑެންޓެއްގައި ބައްޕަ ނިޔާވި ދުވަހެވެ.
ހެނދު ސްކޫލަށް ދިއުމުގެ ކުރިން ބައްޕައާއި އެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅު މައިހާގެ ސިކުނޑީގައި މިއަދާ ޖެހެންދެން ވެސް ބިންވަޅު ނެގިފައި ވެއެވެ. ކާމޭޒު ދޮށުގައި ބައްޕަ ކުރި ސަމާސާތަކެވެ. އެއީ ބައްޕައާއި ބައްދަލުވާނެ ފަހު ދުވަސްކަން އެނގުނުނަމަ ހިއްސާކުރަން ލައްކަ ގިނަ ވާހަކަތަކެއް ހުއްޓެވެ. ލޯބިވާ މިންވަރު ހާސްފަހަރު ބަޔާންކޮށް ދިނީހެވެ.
އިންސާނާއަށް މި ވަގުތީ ދުނިޔެއިން ކަނޑައެޅިފައިވާ ވަގުތާއި ފުރާނައިގެ ނާޒުކުކަން މައިހާއަށް ތަސައްވަރު ކުރެވުނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ހަޔާތުގެ މިސްރާބު ބަދަލުވެދާނެކަން ރޭކާލިއެވެ. އެދުވަހު އިރުއޮއްސުނީ ބައްޕަގެ އެކްސިޑެންޓްގެ ޚަބަރުންނެވެ. އޮއްސުނު އިރާއެކު ދުނިޔެމައްޗަށް ވެރިވި އަނދިރިކަމުން އޭނަ ވަށާލައި ހާސްކޮށްލިއެވެ. ފައިގެ ދަށުން ބިންގަނޑު ދެމުނެވެ. އެކްސިޑެންޓް ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބައްޕަގެ ހާލުދެރަވެ މާލެ ނުފޮނުވެނީސް ނިޔާވީއެވެ. ކެތްތެރިވާން ބޭނުން ވިޔަސް މައިހާއަށް ބާރަށް ރޮވުނެވެ. އެނާޒުކު ވަގުތުގައި އޭނަގެ ހިތްވަރެއްކަމުގައިވީ އަސަލްއެވެ. އަސަލް ވެދިން އިހުސާސްތެރިކަމަށް އޭނަ ތާއަބަދަށް ޝުކުރުވެރިވާނެއެވެ.
މައިހާގެ ޒަމީރު ގޮވާލީ އެއަންހެންކުއްޖާގެ ގާތަށް ދިއުމަށެވެ. މައިންބަފައިންގެ ކުއްލި ވަކިވުމުން އަޅާނެ ވޭން އަމިއްލައަށް އިހުސާސްކުރެވުނީތީއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން މައިހާ ހުއްޓުނީ އެއަންހެންކުއްޖާއާއި ޖެހިގެން ހުރި ހުސް ގޮނޑީގައެވެ. މައިހާގެ ހިލަންވެގެން އެކުއްޖާ އިސްއުފުލައި ބަލައިލިއެވެ. މައިހާ ވެދުންކޮށްލީ އޯގާތެރި ހިނިތުންވުމެކެވެ. ނަމަވެސް އެކުއްޖާ އިނީ ހިމޭނުންނެވެ. ފާޑަކަށް ބަލަހައްޓާއިގެންނެވެ.
''ހާއި، މިތާ އިށީނަސް ރަނގަޅުތަ؟...'' މައިހާ ހުއްދައަކަށް އެދުނެވެ. އެއީ އެކުވެރިކަމަށް އެދި މައިހާ ދިއްކޮށްލި އަތެކެވެ. ހިތާހިތާ ދުޢާކޮށްލެވުނީ އޭނަގެ ހުށަހެޅުން އެކުއްޖާ ޤަބޫލުކުރުމަށެވެ. މުޅިން އައު ރަށެއްގެ ބީރައްޓެހި މާހައުލުގެ ތެރެއަށް ހޭނެން އުނދަގޫވާނެ މިންވަރު މައިހާއަށް ވިސްނުނެވެ.
ޖަވާބެއް ނުލިބި ވަގުތުކޮޅެއް ފާއިތުވެގެން ދިއުމުން މައިހާ ނުތަނަވަސްވިއެވެ. އިށީންނަން ނުކެރިފައި މައިހާ ހުރީ ކޮޅަށެވެ. ގާތްކަމެއް ވެސް އެކުއްޖާގެ މޫނުން މައިހާއަކަށް ނުފެނުނެވެ. އެދެލޮލުގައިވަނީ މަޑުމޮޅިކަމެވެ. މައިހާ ދެރަވިއެވެ. އެހީވެވެން އޮތީ އޭނަގެ އެކުވެރިކަން އެކުއްޖާ ޤަބޫލުކޮށްގެންނެވެ. ޖަވާބެއްގެ އިންތިޒާރުގައި މައިހާ ހުއްޓާ އެކުއްޖާ ބޯޖަހާލިއެވެ. މައިހާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
''މައިހާ... އެކުވެރިން ކިޔަނީ މޭއި...'' މައިހާ ސަލާމަތް އަތްތިލަ ދިއްކޮށްލަމުން ތަޢާރަފްވެލިއެވެ. އެކުއްޖާ އަނގައިން ނުބުނުމުން މައިހާ ލަދުގަންނަ ގޮތް ވެއްޖެއެވެ. އަތްތިރިކޮށްލަން އުޅުނު ވަގުތު އެކުއްޖާ މައިހާގެ އަތުގައި ހިފާލައިފިއެވެ.
''ޤައިލާ... ޔޫ ކޭން ކޯލް މީ އެލީ...'' ޤައިލާ ބުންޏެވެ.
''އެލީ، ނައިސް ޓު މީޓް ޔޫ...'' ހިނިތުންވުން ފުޅާކޮށްލަމުން މައިހާ ބުންޏެވެ. ޤައިލާ އޭނައާއި ވާހަކަދެއްކުމުން މައިހާ ދެކުނީ އެއީ ފެށުމެއް ކަމުގައެވެ.
''މޭއި ވެސް ބޭނުންވަނީ އަހަރެންގެ ހާލާމެދު ހަމްދަރުދީ ފާޅުކުރަންތަ؟...'' ޤައިލާ އެހިއެވެ. ހިތިކަމެއް އަޑުގައިވިއެވެ. ކުއްލިއަކަށް އަމާޒުވި ސުވާލުން ސިހުމަށްވުރެން ބޮޑަށް މައިހާ ވީ ދެރައެވެ.
''ހަމްދަރުދީ ފާޅުކުރިޔަސް އެނގޭ އެލީގެ އުދާސްތަކަށް ލުޔެއް ނުލިބޭނެކަން، ކުއްލިގޮތަކަށް ލޯބިވާ މީހުން ވަކިވުމަކީ ތަކުލީފުހުރި ކަމެއް، އެފަދަ ވޭނެއް ބަރުދާސްތުކުރާމީހަކަށް ނޫނީ އޭގައި ހުރި ރިހުމެއް ނޭނގޭނެ، އަހަރެން ބެނުމީ މި އުނދަގޫ ދަނޑިވަޅުގައި އެލީގެ ގާތުގައި ވާން، ރައްޓެއްސަކަށް ވާން...'' މައިހާ ބުންޏެވެ.
''ކިހިނެއް މިވޭން މޭއިއަށް އެނގޭނީ؟...'' ޤައިލާގެ ބުމަ ކައިރިވުމުން މައިހާއަށް ހީވީ ޤައިލާ އޭނަ ދެކެ ހިތްހަމަނުޖެހުނީކަމަށެވެ.
''އަހަރެންގެ ބައްޕަ ނިޔާވީ ވެސް ކުއްލިއަކަށް، ހަމަ އެކްސިޑެންޓެއްގައި... އެލީގެ ހާލަތައި ތަފާތު ވިޔަސް ބައްޕަގެ ކުއްލި ވަކިވުމުން ލިބުނު ޝޮކު އަހަރެން ހަނދާން ހުރޭ، ހިޔެއް ނުވޭ ފިލައިގެން ދާނެހެނެއް... ފަހަރެއްގައި ވެސް އެލީގެ ހިތާމަތަކަށް ކުޑަމީސްކުރަނީއެއް ނޫން، އެފަދައިން ހީވާހެން އެއްޗެކޭ ބުނެވުނުނަމަ އަހަންނަށް މަޢާފްކޮށްދީ...'' މާޔޫސްކަމާއެކުގައި މައިހާ ބުންޏެވެ.
''އެހެންތަ؟...'' ޤައިލާ އެހިއެވެ.
ޤައިލާއަށް ދޭނެ ރައްދެއް ނޭނގިފައި މައިހާއަށް އިނދެވުނެވެ. އެ ސުވާލު ޤައިލާ ގުޅުވާލީ އޭނަގެ ވާހަކައިގެ ކޮން މައުޟޫޢުއަކާ ކަމެއް ސާފު ނުވިއެވެ.
''މިބުނީ މޭއިއަށް ވިސްނުނިތީ... އައި އެޕްރިޝިއޭޓް އިޓް، މި ރަށަށް އައިފަހުން ވަރަށް ގިނަ މީހުން އަހަންނަށް ހަމްދަރުދީ ފާޅުކޮށްފި، އެކަމަކު މޭއި، މޭއި ތަފާތު، ޔޫ ނޯ މައި ޕޭން، ޔޫ ޑޯންޓް އަންޑަމައިން އިޓް...'' ޤައިލާ ބުންޏެވެ. ޝުކުރުވެރިކަން މައިހާއަށް ފާހަގަ ކުރެވުނެވެ.
''އަހަރެން އެޑްވައިސްއެއްދެންތަ؟...'' ވިސްނަމުން މައިހާ ބުންޏެވެ. ޤައިލާ ބޯޖަހާލިއެވެ.
''އިހުސާސްތައް ސިއްރުކުރަން އުޅުމުގެ ބަދަލުގައި ހިއްސާކުރުމުން ފަސޭހަވާނެ، އަހަރެން އަޑުއަހާނަން، ދެން މިއެކުވެރި ވެވުނީ އިނގޭ...'' މައިހާ ބުންޏެވެ.
ފުރަތަމަ ސެޝަން ފެށުމުން އިތުރަށް ވާހަކަދެއްކުމުގެ ފުރުސަތެއް މައިހާއަކަށް ނުލިބުނެވެ. އޭނަގެ ސަމާލުކަން މުދައްރިސަށް ހުއްޓާލަން ޖެހުނެވެ.
ބްރޭކް ގަޑި ޖެހުމުން މައިހާ މިސްރާބު ޖެހީ ކެންޓީނާއި ދިމާއަށެވެ. ޤައިލާ ގޮވައިގެންނެވެ. މައިހާއާއި އަސަލް ބައްދަލުވީ އަސަލްގެ ކްލާސް ބޭރުންނެވެ. ދުރުދުރުން އަސަލްއަށް މައިހާ ހަނާ އަޅާލި އެވެ.
''މޭއި ހޯދަން ދާން އުޅެނިކޮށް ތިއައީ...'' އަސަލް ބުންޏެވެ. އަސަލް ނަޒަރު ޤައިލާއަށް ހުއްޓުމާއެކުގައި މައިހާ އަވަސްވެގަތީ ޤައިލާ ތަޢާރަފްކޮށްދޭށެވެ. އެއާއެކު އަސަލްއަށް ވިސްނިއްޖެއެވެ. މައިހާއާއި ބައްދަލުކޮށްލި ނަޒަރުން މައިހާއާއި މެދު ފަހަރުވެރިވާކަން ހާމަކޮށްދިނެވެ. ބަސްމޮށުންތެރިކަމަކަށް ބޭނުންނުވާ ހިމޭންކަމުގެ ދުލުންނެވެ.
ސްކޫލް ނިންމާލާފައި ޤައިލާއާއި މައިހާ ވަކިވީ ރަށު ސްޓޭޑިއަމްއަށް ހަވީރު ދިއުމަށް ދަޢުވަތު އަރުވަމުންނެވެ. ޤައިލާ އުޅޭ ގޭ އެނގޭތީ ބަލާ އަންނާނެ ވާހަކަ ބުނެލަމުންނެވެ.
އަސަލްއާއެކު ސައިކަލުގައި ގެއަށް ދިއުމަށް މައިހާ ދަތުރު ފެށިއެވެ. ސްކޫލް ގޭޓްކައިރީގައި ޤައިލާ ބަލަހައްޓައިގެން ހުރުމުން އަތުން ވަދާއުގެ ސަލާމް ބަދަލުކޮށްލިއެވެ.
''އިޓްސް ނައިސް ވަޓް ޔޫ ޑިޑް ފޯ ހާރ...'' މަގުގެ ޓްރެފިކަށް ސަމާލުކަން ދެމުން އަސަލް ބުންޏެވެ. އަސަލްގެ ޖުމްލަ މައިހާއަށް ދޭހަކުރެވުނެވެ.
''ރަށު އެންމެން ދައްކަނީ އެލީގެ ވާހަކަ، އެލީގެ ހާލަތު އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ، މައިންބަފައިން ކުއްލިޔަގޮތަކަށް އެކްސިޑެންޓެއްގައި ނިޔާވުމުން އެހިތާމަ ބަރުދާސްތުކުރަން އުނދަގޫވާނެ، ހަމައެއާއެކު މިކޮޅުގަ އެލީގެ ބޮޑުދައިތަ ހުންނާތީ ރަށަށް ބަދަލުވާން ޖެހުނީ، އެއްފަރާ ހާދަ ގިނަ ޗޭންޖެސްތަކެކޭ، އެހެންވެ އަހަރެން ބޭނުމީ އެލީގެ ގާތް އެކުވެރިޔަކަށް ވާން، އޭރުން ކަންތައްތައް ކިޔައިދޭން ފަސޭހަވާނެއެއްނު، އަހަންނަށް އެނގޭ އިހުސާސްތައް ހިފަހައްޓަން ވުމުން އިތުރަށް އުނދަގޫވުންނޫންކަމެއް ނުވާނެކަން، އަޒް ނެތްނަމަ އަހަންނަށް ބައްޕަގެ ވަކިވުމާއި ކުރިމަތިލާން ފަސޭހަ ނުވީސް...'' މައިހާ ބުންޏެވެ. ބައްޕަގެ ޖަނާޒާގެ މަންޒަރުތައް ލޯކުރިމަތިން ސިފަވުމާއެކު ދިލަ ރިހުމެއް އުފެދުނެވެ.
''އަހަރެން އަބަދުވެސް މޭއިގެ ގާތުގައި ހުންނާން...'' ސައިކަލުގެ ލޯގަނޑުން މައިހާއަށް ދިން އަވަސް ނަޒަރާއެކުގައި އަސަލް ބުންޏެވެ. އެބަސްތަކުން މައިހާގެ ހުވަފެންތަކުގައި ކުލަޖައްސައިދިނެވެ. ދޫއޮޅިދާނެތީ މައިހާ އިނީ ހިމޭނުންނެވެ.
''ހިނގާ ޖޫގޯބޯންދަމާ...'' އަސަލް ޚިޔާލެއް ދިނެވެ.
''އަޒް...'' މައިހާގެ ހިތަށް އެނގުން ވިއެވެ. އޭނަ ދެރަވެފައި ހުރިކަމުގެ ހިލަން އަސަލްއަށް ވުމުންނެވެ.
''ނޫނެކޭ ނުބުނައްޗޭ، ތިއިނީ ސައިކަލު ފަހަތުގަ، އެހެންވުމުން އަހަންނާއެކު ދާންތާ ޖެހޭނީ، ގަދަކަމުން ނުގެންދަންވެގެން ހުއްދައަކަށް މިއެދުނީ...'' އަސަލް ބުނެލިއެވެ.
''މަނާ ކުރާކަށް ނޫޅެމޭ... އަޒްގެ ޕޮކެޓް މަނީއިން އަހަންނަށް ބާތްޑޭއި ގިފްޓަކަށް އޯލްޑް ހޮލެންޑް ބްރޭންޑްގެ ފެންކުލަ ސެޓެއް ދިންތާ އަދި މިވީ ދެދުވަސް...'' މައިހާ ބުންޏެވެ. އަސަލް އޭނައަށް ވެދުން ކުރި ހަދިޔާ ފެނުމުން ޖަޒުބާތުގައި ޖެހި މައިހާގެ ލޮލުން ކަރުނަ ނުހިލުނީ ވެސް ކިރިޔާއެވެ. އަސަލްގެ އެފަދަ އާދަތަކުން ލޯބީގެ ކަނޑުގައި ބެހުން ނޫންކަމެއް ނުވެއެވެ. ކުރުވާ އަސަރުތައް އަސަލްއަށް ދޭހަކުރެވޭނެނަމައެވެ.
''އެވަރު ކަމެއް ނޫނޭ... އެހަދިޔާ ދޭން ވިސްނައިގެން ހުންނަތާ ގަރުނެއް ވެދާނެ... އެކުލަ ނުލިބިގެން މޭއި އުޅޭތީ ބޭނުންވީ ހަދިޔާއަކަށް ދޭން...'' އަސަލް ބުންޏެވެ.
''އޯކޭ... އޯކޭ ހިނގާ... ކުޅި ކައިރީ ހުންނަ ތަނަށް އިނގޭ...'' މައިހާ ބުންޏެވެ.
*****
ޖޫގޯ ޕޮއިން ކައިރިއަށް ސައިކަލު މަޑުކޮށްލުމާއެކު މައިހާ ފޭބިއެވެ. ސައިކަލު ޕާކްކޮށްފައި މައިހާ ގާތުން އަސަލް އެދުނީ އިށީންނާނެ ތަނެއް ހޯދުމަށެވެ. މައިހާއަށް ކަމުދާ ޖޫގޯ އެނގޭތީ އޮޅުން ފިލުވުމެއް ނެތި ކިއު ލައިނަށް އަސަލް އަރައިފިއެވެ.
ޖޫގޯ ޕޮއިން ހުންނަނީ ރަށުގެ މާކިޅި ކައިރީގައެވެ. އެހިސާބުގައި ހުންނަ ރުކާއި ފިތިރޯނުގަސްތަކުގެ ހިޔަލުގައި އަށިތަކެއް ބަހައްޓާފައި ހުރެއެވެ. ކުޅީގެ ރީތިކަން ފެންނާނެ ހެންނެވެ. ކުޅީގެ މެދަކާ ހަމައަށް ދެވޭނެހެން ފާލަމެއް އޮވެއެވެ. މަރާމާތުގެ މަސައްކަތެއް ކުރިއަށްދާތީ، ރީނދޫ ޓޭޕު ދަމައި ފާލަން ވަނީ ބަންދުކޮށްފައެވެ. ދަނބުކުލައިގެ ނީލޯފަރު މާތައް ކުޅީގެ ފެންގަނޑު ހިސާރުކޮފައިވާއިރު، އަސްދޫނިތައް ވެސް ފެންގަނޑުގައި ހަރަކާތްތެރިވެއެވެ. އަސްދޫންޏާއި، ކުޅީގައި އުޅޭ މަސްތަކަށް ކާންދޭން ހަވީރު ދަޅަޔަށް ރަށުގެ ގިނަ މީހުން ކުޑަކުދިން ގޮވައިގެން އެދިމާއަށް އަންނާނެއެވެ.
މައިހާ އިށީނީ ކުޅިއާއި ވީހާ ވެސް ކައިރީގައި ހުރި އަށީގައެވެ. ކޮނޑުގައި އޮތް ފޮތްދަބަސް ނަގައި އަށީގެ މަތީގައި ބޭއްވިއެވެ. ދަބަހުގެ ޒިބު ހުޅުވާލައި އޭނަ ނެގީ ސްކެޗްބުކްއެވެ. ފަންސުރުއަޅަން ގެންގުޅޭ ކުޑަ ދަބަސް ހުޅުވާލައި ތުނޑު ފަލަ ފަންސުރެއް ނެގިއެވެ. ފަހަތުން ސަފުހާއެއް ހުޅުވަމުން ލޮލަށް ފެންނަ މަންޒަރުތައް ކުރަހަން ފެށިއެވެ. އެކަމުގެ ތެރެއަށް ގެއްލިފައި އިންވަރުން އަސަލްގެ ހިލަން އޭނައަށްވީ ޖެހުނު ފިނިރޯޅިއާއެކު ހިނދުރީގައި ޖެހުނު ވަހުންނެވެ. މައިހާ ތެޅިގެންފައި ސްކެޗްބުކް ލައްޕާލިއެވެ. އިސްއުފުލައިލި ހިނދު އަސަލް ހުރީ މައިހާއަށް ބަލަހައްޓައިގެންނެވެ. ދެއަތުގައި ޖޫގޯއެވެ.
''ނޫޅެމޭ ބަލާކަށެއް...'' އަސަލް ދިއްކޮށްލީ ޕެޝަންފްރުޓް ޖޫގޯއެވެ. އަވަސްވި ހިތުގެ ވިންދުތައް ހަމައަކަށް އަޅުވަން އުޅޭ ހާލު، އަސަލްގެ އަތުން މައިހާ ޖޫގޯ ހޯދަން އުޅުނެވެ. އަސަލްގެ ކުޑަވާ އިނގިލި މައިހާގެ އަތުގައި ބީހިލުމާއެކުގައި މައިހާއަށް ހީވީ ކަންރަންޓު ޝޮކެއް ލިބުނު ހެންނެވެ. އިސާހިތަކު ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހުނެވެ.
ފުން ނޭވާއެއް ދޫކޮށްލަމުން މައިހާ އެއްފަރާތަކަށް ޖެހިލީ އަސަލް އިށީންނަން އުޅުމުންނެވެ.
''ތެންކިއު...'' މައިހާ ޝުކުރުއަދާކޮށްލީ އޭނަގެ މޫޑު ހަމައަކަށް އަޅުވަން އަސަލް ދިން ސަމާލުކަމަށެވެ.
''ކޮންކަމަކަށް؟...'' ބޯއައިރިކޮށް މައިހާއަށް ބަލަމުން އަސަލް ވާހަކަދެއްކިއެވެ. މައިހާ އޭނަގެ އަތުގައި އޮތް ޖޫގޯ ދައްކާލިއެވެ. އަސަލް ދިނީ ލުއި ހިނިތުންވުމެކެވެ.
''މޭއި ދެރަވެފަ ހުންނާކަށް އަހަރެން ބޭނުމެއް ނޫން، އާފްޓަރ އޯލް ޔޫ އާރ މައި ބެސްޓް ފްރެންޑް...'' އަސަލް ބުންޏެވެ.
އަސަލްގެ ޖުމްލައިން މައިހާގެ ހިތަށް ތަދުކޮށްލިއެވެ. އޭނައަށް އިވުނީ ހަމައެކަނި ''ބެސްޓް ފްރެންޑް'' މި ލަފުޒެވެ. ތަދުވީ އެހެންވެގެންނެވެ. އެނޫން ނަޒަރަކުން އޭނައަށް އަސަލް ބަލައިލާނެ ހެއްޔެވެ؟
އަސަލްއަށް އޭނަގެ ހިމޭންކަން ފާހަގަވުމުގެ ކުރިން މައިހާ ފަށައިގަތީ އޭނަ ބަލަމުންދާ އިނގިރޭސި ސިލްސިލާއެއްގެ ވާހަކައެވެ. އަސަލް ވެސް ބަލަމުންދާ ސިލްސިލާއަކަށް ވުމުން ވާހަކައިގެ މިސްރާބު ދާނެ ދިމާއަކާއި މެދުގައި ޚިޔާލު ހުށަހެޅިއެވެ.
*****
ހަވީރެވެ. ޤައިލާ ބަލާ އެގެއަށް ދާން މައިހާ ބުނި ގަޑީގެ ކުރިން މައިހާ ދިޔައެވެ. މައިހާ ސަލާމްގޮވާލުމުން ނިކުތީ މެދު އުމުރުގެ އަންހެނެކެވެ. އެއީ ޤައިލާގެ ބޮޑުދައިތަ މުނީބާ އެވެ. މައިހާ ފެނުމުން މުނީބާގެ މޫނުން އުފާވެރިކަން ފެނުނެވެ. އެތެރެއަށް އައުމަށް އޭނަ ދައުވަތު ދިނެވެ.
މުނީބާގެ ފަހަތުން މައިހާ ހިނގައިގަތެވެ. ބޮޑު ކޮޓަރީގެ ސޯފާއަށް އިޝާރާތްކޮށްލަމުން މައިހާގެ ގާތުގައި އިށީނުމަށް މުނީބާ އެދުނެވެ. އެއަށްފަހު އޭނަ މިސްރާބު ޖެހީ ޤައިލާގެ ކޮޓަރިއަށެވެ. ޓަކިދެމުން ޤައިލާ ހޯދަން ރައްޓެއްސަކު އައިސް ހުރި ވާހަކަ ބުނެލިއެވެ. އޭގެ އިރުކޮޅެއް ފަހުން ފެނުނީ ޤައިލާ ކޮޓަރިން ނިކުތް ތަނެވެ. ސޯފާގައި އިނދެފައި މައިހާ ކޮޅަށް ތެދެވި އެވެ. ޤައިލާއަށް އެކުވެރިޔަކު ލިބުމުން މުނީބާ އުފާވެފައި ހުރި މިންވަރު އޭނަގެ މޫނުމަތިން ހާމަކޮށްދެ އެވެ.
''އިރުއޮއްސެންވާއިރަށް އަންނައްޗޭ...'' މުނީބާ އެދުނެވެ. ޤައިލާ އެއްޗެއް ނުބުނެ ނިކުންނަން އުޅުމުން މުނީބާއަށް ޖަވާބުދާރީވީ މައިހާ އެވެ.
''ލައްބަ ދައްތާ، އެހާއިރަށް އެލީ ގެނެސްދޭނަން...'' މައިހާ ބުންޏެވެ.
ސްޓޭޑިއަމް ހުންނަނީ ކައިރި ހިސާބެއްގައިކަމުން ޤައިލާއާއެކު ފައި މަގުގައި މައިހާ ހިނގައިގަތެވެ. ޤައިލާގެ މިޒާޖު ދަސްކުރަން ބޭނުންވާތީ ތަފާތު ސުވާލުތައް މައިހާ ކުރި އެވެ. ބައެއް ސުވާލުތަކަށް މެނުވީ ޤައިލާ ޖަވާބެއް ނުދިނެވެ. އެކަމާއި މާބޮޑު ފަރުވާލެއް މައިހާ ނުބެހެއްޓިއެވެ. ޤައިލާއާއި ސޮތް ގުޅުން ބަދަހިވުމުން އެނގިދާނެކަމަށް އުއްމީދުކޮށްލަމުންނެވެ.
''އަސަލްއަކީ މޭއިގެ ބޯއިފްރެންޑްތަ؟...'' ވާހަކައިގެ ތެރެއިން ޤައިލާކޮށްލި ސުވާލުން މައިހާ ސިހުނެވެ.
(ނުނިމޭ)
ދޭނުހޭ ކަލާ
ވެން ނެކްސްޓް؟؟
އޭނާ - 11 މަސް ކުރިން
ކުރީ ދުވަހުގެ ބައި މިއޮތީ
ސާނާ - 11 މަސް ކުރިން