ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލާއެކު ފަތުރުވެރިންނަށް މަރުހަބާ ކިޔަން މިހާރު ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ރިސޯޓް ރިޕްރެޒެންޓޭޓިވުން ބުނެފިއެވެ.
ވީއައިއޭގެ އާ ޓާމިނަލާއެކު ލިބޭނެ ފަސޭހަތަކާ ގުޅޭގޮތުން ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ވާހަކަދައްކަމުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ލަގްޒަރީ ރިސޯޓް ހިންގާ އެއް ކުންފުނި, ސޮނެވާ އިން ރާއްޖޭގައި ހިންގާ ތިން ރިސޯޓުގެ އެއާޕޯޓް މެނޭޖަރު އަލީ ނަސީރު ވިދާޅުވީ ފަތުރުވެރިން ރާއްޖެ އައުމަށްފަހު އެއާޕޯޓުން ނުކުތުމަށް މިހާރު ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށެވެ.
"ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ވެސް ވަރަށް ގިނަ ވަގުތު ރެޕުން ތިބެންޖެހޭ. އާ ޓާމިނަލް ބޮޑުވުމުންނާއި ވަސީލަތްތައް އިތުރުކޮށްފައިވާތީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މިހާރު ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ. އެގޮތުން ފަތުރުވެރިން އެއާޕޯޓުން ނުކުތުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވެ, ފަސޭހަތަކެއް ލިބިގެންދާނެ،" ނަސީރު ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގާ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ މެނޭޖަރު ލަރީސާ ވިދާޅުވީ, އާ ޓާމިނަލާއެކު ފަތުރުވެރިންނަށް ހާއްސަ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށާއި އެކަން ފަތުރުވެރިންވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އާ ޓާމިނަލްގެ ތަޖުރިބާ ހިއްސާކުރަން ކެތް މަދުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖުމެއިރާ މޯލްޑިވްސްގެ އެއާޕޯޓްސް ސާވިސް މެނޭޖަރު ނޫހް އަބްދުލްހާރިސް ވިދާޅުވީ އާ ޓާމިނަލާއެކު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށާއި އަދި ޓާމިނަލްގެ ޖާގަ ވަރަށް ރަނގަޅަށް ބޭނުންކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ޖުލައި 26 ގައި ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އޮރާޓް ޕްރޮސެސްގެ ތެރެއިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ޓްރަޔަލްތައް މިހާރު ދަނީ ބާއްވަމުންނެވެ. އެ ޓްރަޔަލްތައް އެއާލައިންތަކަށާއި އެއާޕޯޓް ރިޕްރެޒެންޓޭޓިވުންނަށާއި ޓްރެވަލް އެޖެންޓުންނަށްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ފާތިމަތު ލިއުޝާ
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް