ދައުލަތުން އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ މިދިޔަ އަހަރާ އަޅައިބަލާއިރު 9.8 ޕަސަންޓު ދަށްވެފައިވާ ކަމަށް މާލީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުން އެނގޭ ގޮތުގައި، މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ކޮށްފައިވާ ހަރަދުތައް 19.5 ޕަސަންޓު ދަށްވެ، ބަޖެޓު ވަނީ 1.4 ބިލިއަން ރުފިޔާއިން ސާޕްލަސްވެފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ނިޔަލަށް ބަޖެޓުން ހަރަދުކޮށްފައިވަނީ 18.8 ބިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 19.5 ޕަސަންޓު ދަށް އަދަދެކެވެ.

ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ މިދިޔަ އަހަރާ އަޅައިބަލާއިރު 9.8 ޕަސަންޓު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް ސަބްސިޑީގެ ގޮތުގައި ހަރަދުކޮށްފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 2.1 ބިިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 67 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.